މިނިސްޓަރު އިހުސާންގެ އާއިލާ ވީޑިއޯކޮށް ޝޯޝަލް މީޑިއާއަށް ލީ ކަމުގެ ތުހުމަތު އަކްރަމް އާއި އިބްރާހިމް ވަހީދަށް

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އަންހެނުންނާއި ދަރިން މަގުމަތިން ދަނިކޮށް ވީޑިއޯކޮށް، ސޯޝަލް މީޑިއާއަށް ލީ ކަމުގެ ތުހުމަތު ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދުގެ މައްޗަށް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އިހުސާން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އަކްރަމް އާއި ވަހީދު އަދި އިތުރު މީހަކު މަގުމަތީގައި ތިބެ، ކޮންމެވެސް އެއްޗެއް ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ހާމަކޮށްފަ އެވެ.
ހިއްސާކޮށްފައިވާ ވީޑިއޯ ކޮޅުން ފެންނަނީ:
އިބްރާހިމް ވަހީދާ އިތުރު މީހަކު މަގުމަތީގައި ތިބެގެން ވާހަކަތަކެއް ދައްކާތަން
ކުޑައިރުކޮޅަކުން އަކްރަމް އެތަނަށް އައުމުން އޭނާއާ ވެސް ވާހަކަތަކެއް ދައްކާ 
އަކްރަމްގެ ފޯނު ދިނުމުން ކޮންމެވެސް އެއްޗެއް ވީޑިއޯކުރުމަށްފަހު ފޯނު އަނބުރާ ދޭ
އެކަމަކު ވީޑިއޯކުރަނީ ކޯޗެއްކަމެއް އެ ވީޑިއޯއަކުން ނޭނގޭ
ތަފްސީލް - އެ ޕޯސްޓުގައި އިހުސާން ތުހުމަތުކުރެއްވީ، އެތަނުގައި ތިބެގެން ވީޑިއޯކުރީ އޭނާގެ އަންހެނުންނާއި 10 އަހަރުގެ ދަރިފުޅު މަގުމަތިން ހިނގާފާދާ މަންޒަރު ކަމަށެވެ. އެ ވީޑިއޯ ފަހުން، ކާކުކަން ނޭނގޭ އެކައުންޓަކުން ސޯޝަލް މީޑިއާގައި ހިއްސާކުރި ކަމަށް ވެސް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، ޑިމޮކްރަސީ އާއި އަންހެނުން އަދި ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކަމަށް އަމިއްލައަށް ދައުވާކުރާ "އެމީހުން" ގެންގުޅެނީ އެފަދަ ދަށުދަރަޖައިގެ ހަޑިމުޑުދާރު އަމަލުތައް ކަމަށް ކަމަށެވެ. އަދި އެއީ ޒަމާނުންސުރެ އެމްޑީޕީން ދައްކައިދެމުން އަންނަ ދަށްފެންވަރުގެ ދެކޮޅުނުޖެހޭ ސިޔާސީވުމުގެ ގޮތުގައި އިހުސާން ސިފަކުރެއްވި އެވެ.
މި ތުހުމަތުތަކާ ގުޅިގެން ވަހީދު އަދި އަކްރަމްގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެނގުން މުހިންމު - އިހުސާން އެ ވިދާޅުވާ އޭނާގެ އާއިލީ ވީޑިއޯ ހިއްސާކޮށްފައިވަނީ، ކާކުކަން ނޭނގޭގޮތަށް ހިންގާ 'ހަސަން ކުރުސީ'ގެ އެކައުންޓުންނެވެ. 
މޫނު ނުފެންނަ ގޮތަށް، ފަހަތުން ނަގާފައިވާ އެ ވީޑިއޯގައި ފެންނަނީ އިހުސާންގެ އަންހެނުން ދެ ކުޑަކުއްޖަކާއެކު މަގު ހުރަސް ކުރާތަނެވެ. އެ ވީޑިއޯ ހިއްސާކޮށް ފާޑުކިޔާފައިވަނީ، ދަރިފުޅު ގޮވައިގެން ޕާކަށް ދިއުމުގައި ވެސް ބޮޑީގާޑުން ބޭނުންކުރާތީ އެވެ. އެއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ސިފަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ