ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ މި ސަރުކާރާ ދެކޮޅަށް އެންމެން ތެދުވާންޖެހޭ: ފައްޔާޒް ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ މި ސަރުކާރާ ދެކޮޅަށް އެންމެން ތެދުވާންޖެހޭ: ފައްޔާޒް

ކޮންމެ ކެމެރާއަކާއި މައުލޫމާތެއް ރައްޔިތުންނަށް ފާރަލައި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އަދުގެ ސަރުކާރާ ދެކޮޅަށް ހިޔާލުތަފާތުވުންތަކާއެކު ވެސް އެކަތިގަނޑަކަށް ވާންޖެހިއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ފާރަލުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަށްފަހު، އެއީ ކިހާ ސީރިއަސް އަދި މުޑުދާރުކަމެއްކަން ނޭނގި ހުންނަވައި އިހުސާން ސޯޝަލްމީޑިއާގައި އެ ވާހަކަ ހިއްސާކުރެއްވިކަން ގަބޫލު ވެސް ކުރައްވަން ދަތި ކަމަށެވެ.
ދިވެހިރާއްޖެ މިއަދު މިސްރާބު ޖަހާފައި ހުރީ ވަރަށް ނުރައްކާތެރި، ބިރުވެރި ދިމާލަކަށް ކަމަށާއި، ސަރުކާރަށް ލިބޭ ކޮންމެ މައުލޫމާތެއް، ކޮންމެ ކެމެރާއެއް ވެސް ބޭނުންކުރަމުން ދަނީ ރައްޔިތުން ކޮންޓްރޯލްކޮށް ވޯޓު ވަގަށް ނެގުމަށް ކަމަށް އެ ޕޯސްޓުގައި ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
"އިންސާފާއި އަމިއްލަ މިނިވަންކަމާއި މި ގައުމުގެ މުސްތަގުބަލާމެދު ކަންބޮޑުވާ ކޮންމެ މީހަކު ހިޔާލުތަފާތުވުންތަކާއެކު ވެސް، އެކަތިގަނޑަކަށް ވާންޖެހޭ،" ފައްޔާޒް ވިދާޅުވި އެވެ.
"ސިޔާސީ ފިކުރުގެ މީހުންނާއި ނޫން މީހުން، މާޔޫސްވެފައި ތިބި މީހުންނާއި އުއްމީދުގައި ތިބި މީހުން، މިހާރުން މިހާރަށް މި ސަރުކާރާ ދެކޮޅަށް ތެދުވެ، މި ވެރިކަމުގެ ސިފައަކަށްވެފައިވާ ފަނާކުރުމުގެ ވިސްނުން ހުއްޓުވަންޖެހޭ. މި މޮޔަ ވެރިކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނާންޖެހޭ."
ފައްޔާޒް މިފަދަ ޕޯސްޓެއް ކުރައްވާފައި މިވަނީ، މިއަދު މާލޭގެ މަގުމަތިން މިނިސްޓަރު އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅު ހިނގާފައި ދަނިކޮށް، ފަހަތުން ފޮޓޯއެއް ނެގި ކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ޑެޕިއުޓީ ޗެއާޕާސަން، އިބްރާހިމް ވަހީދު އާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީންގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކުރެއްވުމުންނެވެ.
އެކަމުގައި ސޯޝަލްމީޑިއާގައި ދެބަސްވުން އުފެދިފައިވާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ އެ ދެމައިންގެ ފޮޓޯނަގައި، އެގޮތަށް އާންމުކުރުމަކީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ.
އެހެންނަމަވެސް، އެ ވާހަކައާ ހިޔާލުތަފާތުވާ މީހުން ބުނެފައި ވަނީ، އެ ފޮޓޯ ނަގާފައިވަނީ ފުރަގަހުން ކަމަށް ވާތީ އެއްވެސް މީހެއްގެ ހައްގު ނުގެއްލޭ ކަމަށެވެ. އަދި، އެ އެފަދަ ކަމެއް ދިމާވުމުން، ވަގުތުން ވަގުތަށް، މަގުމަތީގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖު ލިބުނުއިރު، ވައްކަމާއި މީހުން މެރުންފަދަ ބޮޑެތި ކުށްތައް ހިނގާ މަންޒަރު ފުލުހުންނަށް ނުހޯދެނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ