ގަދަ 16ގައި މެންޗެސްޓަ ސިޓީ އާއި ރެއާލްގެ ވާދަކުރުމެއް

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ގުރުލުން ނިމުނު އިރު އެންމެ ވަރުގަދަ އެއް ވާދަކުރުމަކަށް ރެއާލް މެޑްރިޑް އާއި މެންޗެސްޓަ ސިޓީގެ މެޗު ވެއްޖެ އެވެ.
ސިޓީ އާއި ރެއާލް، ނޮކްއައުޓް ސްޖޭޖްގައި ޖެހިޖެހިގެން ދިމާވާތާ މިއީ ފަސް ވަނަ އަހަރެވެ. މިދިއަ އަހަރު ސިޓީ ބަލިކޮށް ކްއާޓާ ފައިނަލަށް ދިޔައީ ރެއާލް އެވެ. އެކަމަކު ކްއާޓާ ފައިނަލްގައި އާސެނަލް އަތުން ބަލިވީ އެވެ.
މި ފަހަރު ގަދަ 16ގައި އަނެއްކާވެސް މި ވަރުގަދަ ދެ ޓީމު ޖެހޭ އިރު، އަދިވެސް ވަރުގަދަ އެހެން މެޗުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ މެޗު ހިމެނެ އެވެ.
މިދިއަ އަހަރު ޕީއެސްޖީ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި އާސެނަލް ބަލިކޮށްފަ އެވެ.
ޕީއެސްޖީ/ޗެލްސީ
ގަލަތަސަރޭ/ލިވަޕޫލް
ރެއާލް މެޑްރިޑް/މެންޗެސްޓަ ސިޓީ
އެޓަލަންޓާ/ބަޔާން މިޔުނިކް
ނިއުކާސަލް/ބާސެލޯނާ
އެތުލެޓިކޯ މެޑްރިޑް/ޓޮޓެންހަމް
ބޯޑޯ-ގްލިމްޓް/ސްޕޯޓިން
ބަޔާން ލެވަކޫސަން/އާސެނަލް
ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ 10-11 މާޗުގަ އެވެ. ދެވަނަ ލެގު އޮންނާނީ 17-18 މާޗުގަ އެވެ.
އިނގިރޭސި ހަ ޓީމު މިފަހަރުގެ ގަދަ 16ގައި ވާދަކުރެ އެވެ. އެހެންކަމުން ކްއާޓާ ފައިނަލްގައި އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެގޮތުން ޕީއެސްޖީ އަތުން ޗެލްސީ މޮޅުވެ، ގަލަތަސަރޭގެ ވާދަކުރުން ލިވަޕޫލް ކާމިޔާބުކޮށްފި ނަމަ ކްއާޓާ ފައިނަލްގައި ޖެހޭނީ ޗެލްސީ އާއި ލިވަޕޫލެވެ.
އިނގިރޭސި ޓީމަކާ އަސެނަލްއަށް ވާދަކުރަން ޖެހުނަސް ޖެހޭނީ ސެމީ ފައިނަލްގަ އެވެ. އެއީ އާސެނަލްގެ އިތުރުން ޓޮޓެންހަމް އާއި ނިއުކާސަލް ވެސް އެ ހިސާބަށް ހިނގައްޖެ ނަމަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ