ތުހުމަތުތައް ދޮގުކޮށް އަކްރަމް އާއި އިބްރާހިމް ވަހީދު، އިހުސާނަށް އަބުރުގެ ދައުވާކުރާނީ

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އާއިލާގެ ވީޑިއޯއެއް މަގުމަތިން ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރި ކަމަށް ކުރި ތުހުމަތުތައް ދޮގުކުރައްވައި، އެ މައްސަލާގައި އިހުސާންގެ މައްޗަށް އަބުރުގެ ދައުވާކުރާނެ ކަމަށް، ތުހުމަތު ރައްދުވި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކާކުކަން ނޭނގޭ ގޮތަށް ހިންގާ 'ހަސަން ކުރުސީ'ގެ އެކައުންޓުން މިއަދު ވަނީ، އިހުސާންގެ އަނބިކަނބަލުން، ދެ ކުޑަކުއްޖަކާ އެކު މަގު ހުރަސް ކުރާތަން ފެންނަ ވީޑިއޯއެއް އާއްމުކޮށް، ދަރިފުޅު ގޮވައިގެން ޕާކަށް ދިއުމުގައި ވެސް ބޮޑީގާޑުން ބޭނުންކުރާތީ އެއީ އާއްމުންގެ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށް ސިފަކޮށް ފާޑުކިޔާފަ އެވެ.
އެ މީހުންގެ ފުރަގަހުން، ދުރުން ނަގާފައިވާ އެ ވީޑިއޯ ރެކޯޑްކުރީ، އަކްރަމް އާއި ވަހީދު ކަމަށް އިހުސާން ވަނީ ތުުހުމަތުކުރައްވާފަ އެވެ. އެ ތުހުމަތާ އެކު، އަކްރަމް އާއި ވަހީދު މަގުމަތީގައި ތިބެގެން ވީޑިއޯއެއް ނަގާތަން ފެންނަ ސީސީޓީވީ ފުޓޭޖެއް 'އެކްސް'ގައި އިހުސާން އާއްމުކުރެއްވި އެވެ. އެކަމަކު އަކްރަމް އާއި އިބްރާހިމް ވަހީދު ވީޑިއޯ ކުރީ ސީދާ ކޮން ތަނެއް ކަމެއް އެ ފުޓޭޖަކުން ނޭނގެ އެވެ. 
ބުނީ ކީކޭ؟ - މިކަމާ ގުޅިގެން 'ދައުރު' އަށް އިބްރާހިމް ވަހީދު އާއި އަކްރަމް ވިދާޅުވީ، އެތަނުގައި ތިބެގެން އިހުސާން އެ ވިދާޅުވާ ފަދަ ވީޑިއޯއެއް ނުކުރާ ކަމަށެވެ. އަދި އެއީ ހަގީގަތެއް ނެތް "ބުހުތާނު ދޮގެއް" ކަމަށް ސިފަކުރެއްވި އެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ، ނުކުރާ ކަމެއް ބޮލުގައި އެޅުވުމުގެ އިތުރުން، އެކަން ފުލުހަށް ހުށަހަޅައިގެން ބެލުމުގެ ބަދަލުގައި މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ހިފައި، ސޯޝަލް މީޑިއާގައި ސީސީޓީވީ ފުޓޭޖެއް އާއްމުކުރުމަކީ ވެސް މައްސަލައެއް ކަމަށެވެ.
އަކްރަމް ވެސް ވިދާޅުވީ، އަބުރުގެ ދައުވާ ކުރުމުގެ އިތުރުން، އެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާނެ ކަމަށެވެ.
"އަބުރު ނަގާލީ، ހަވަރަށް ދިނީ، މީހުންގެ މެދުގައި އަޅުގަނޑު ނުކުރާ ކަމެއް އަޅުގަނޑުގެ ބޮލުގައި އެޅުވީ. އޭގައި އެ ބޭފުޅާ [އިހުސާން] އެ ދައްކަވަނީ އަޅުގަނޑު ވީޑިއޯ މިތާ ހުއްޓާ. އަޅުގަނޑު ވީޑިއޯއެއް ނެގި ފަހުން އަދި އެހެން މީހަކު ވީޑިއޯއެއް ނުނަގާ ކަމެއް ވެސް ނޭނގެ،" އަކްރަމް ވިދާޅުވި އެވެ.
"އެއީ ހަަމަ ކަނޑައެޅިގެން ބުހުތާނު ދޮގު. އެ ބޭފުޅާ އެ ދައްކަވާ ހެކިން ކާކަށްތޯ ޔަގީންވަނީ އަޅުގަނޑު އެކަން ކުރި ކަމެއް؟ އެއްވެސް ހެއްކެއް ނެތޭ އަޅުގަނޑު އެކަން ކުރިކަމުގެ."
އަކްރަމް އިތުރަށް ވިދާޅުވީ:
އިހުސާންއަކީ ވަރަށް ޒިންމާދާރު މަގާމެއްގައި ހުންނެވި މިނިސްޓަރެއް 
މައްސަލަ ނުބަލާ، އާންމު ރައްޔިތެއްގެ ބޮލުގައި އެވަރުގެ ބޮޑު ތުހުމަތެއް ހޯމްލޭންޑް މިނިސްޓަރު އެޅުވުމަކީ ވަރަށް ހަޑިހުތުރު ކަމެއް
މިއިން އެނގެނީ އިހުސާން ވަޒީރުކަމަށް ތަސައްރަފު ނުފުދޭކަން؛ މިކަހަލަ ވަޒީރުން މަގާމުތަކަށް އައްޔަން ކުރައްވާފައި ތިބުމުން އަގު ވެއްޓެމުންދަނީ ރައީސް މުހައްމަދު މުއިއްޒުގެ
"އެހެންވީމާ އަޅުގަނޑު އިހުސާނަށް ދައުވާ ވެސް ކުރާނަން. އަޅުގަނޑު އެ މައްސަލަ ފުލުހަށް ވެސް ލާނަން،" އަކްރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ