ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ..؟

ނިމުނު މަޖިލިސް އިންތިހާބު ދުވަސްވަރު ހޯރަފުށި ދާއިރާއިން އިވުނީ ސަރުކާރުން ދައްކާ މީހާއަށް ވޯޓު ދިނުމުން ދާއިރާ ތަރައްގީ ވާނެ ވާހަކަ އެވެ. ރަށަށް އުންމީދާއި ދިރުން ލިބޭނެ ވާހަކަ އެވެ. ސަރުކާރުން ދައްކާ މީހާ ހޮވުމުން ކަންކަންވާ ފަސޭހަ ވާނެ ވާހަކަ އެވެ. ރައްޔިތުންގެ އަޑު އިއްވަން ފަސޭހަ ވާނެ ވާހަކަ އެވެ.މިވާހަކަ މިހެން ދެކެވުނު އެއް ސަބަބަކީ ހޯރަފުށި ދާއިރާއިން ކުރިން ދެއްކި ސިޔާސީ ހަގީގަތެވެ. ސަރުކާރުން ދެއްކި މީހުން ހޮވުމުން ހޯރަފުށި ދާއިރާ އަށް ކުރިން ވަނީ ލައްކަ ތަރައްގީއާއި ދިރުން ލިބިފަ އެވެ. އެގޮތުން މަޖިލިސް އިންތިހާބުތަކުގައި ސަރުކާރު ފަޅިން ދެއްކި ކެންޑިޓޭޑުން ކަމުގައިވާ އަހުމަދާއި މުހައްމަދާއި ސަލީމް ހޮވުމުން ހޯރަފުށި ދާއިރާ އަށް ސަރުކާރުން ދިން ސަމާލުކަން މިއަދު ހޯރަފުށިން އެހުރީ ފެންނާށެވެ.އެގޮތުން ނިމުނު ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުތަކަކީ "މައި ސަރުކާރު"ގެ ލެންސަށް ހޯރަފުށި ދާއިރާ އެރި ދުވަސްތަކެވެ. މީގެ އިތުރުން ހޯރަފުށި ދާއިރާއަށް އަލުން އާރޯކަން ގެނައުމަށް ކުރީގެ އެމްޕީ އަހުމަދު ރަޝީދު ފެއްޓެވި މަސައްކަތުގެ ބިންގަލަކީ އެމަނިކުފާނަކީ "ސަރުކާރުން ދެއްކި މީހާ" އަށް ވުމެވެ. އެ ބިންގަލުގެ މަތިން ހޯރަފުށި ދާއިރާގެ ރައްޔިތުން މުހައްމަދު އިސްމާލް އިހްތިޔާރު ކުރެއްވީ ވެސް އެއިރުގެ ރާއްޖޭގެ ރައީސް ޔާމީން މުހައްމަދު އަތުގައި ހިއްޕެވުމުން ކަމަށެވެ. ނަތީޖާއަކީ ހޯރަފުށި ދާއިރާއަށް ފުލުހުންގެ ބޮޑެތި މަރުކަޒު ލިބި ނަރުދަމާ އެޅި ބޭންކްގެ ހިދުމަތާއިއެކު މުޅި ދާއިރާއަށް ލުއިފަސޭހަކަން ލިބުމެވެ. އަދި ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލު ކުރެއްވި އަހުމަދު ސަލީމް އަކީ ވެސް ނިމުނު ރައީސް ސޯލިހުގެ ސަރުކާރުން ދެއްކި ކެންޑިޑޭޓް ކަމަށެވެ. މި ހަގީގަތުގެ މައްޗަށް ބަލައިގެން 20 ވަނަ މަޖިލީހަށް ވެސް ހޯރަފުށީ ދާއިރާ އަށް ރައްޔިތުން ވޯޓުދީ އިންތިހާބު ކުރީ "ސަރުކާރުން" ދެއްކި މީހާ އެވެ. ނަމަވެސް މިއަދު ހާލަތު ބަދަލު ވެއްޖެ އެވެ. ކުރިން ފެނުނު ސަރުކާރު މީހާގެ މޮޅެއް ދާއިރާއިން ނުފެނުނެވެ. ދާއިރާގެ އަޑު ކެޑިއްޖެ އެވެ. އެއާ ހިލާފަށް ގަދަވީ ތަރައްގީ ހުއްޓިއްޖެ އަޑެވެ. "ވޭދުވެދިޔަ ފަނަރަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އުމްރާނީ ތަރައްގީއާއި ވަޒީފާގެ ފުރުސަތުތަކާއި އެނޫން ވެސް ދާއިރާ ތަރައްގީގެ ހަރުފަތުގައި އަވަހަށް ކުރި އަރާ މި ދިޔައީ "ސަރުކާރު ލިފްޓުން" ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން، ނިމުނު ފަސް އަހަރުވެސް ފެނުނީ އެ ހަގީގަތް، މިހިނގާ ރައީސް މުއިއްޒުގެ ފަސް އަހަރުގައި މި ދާއިރާގެ ތަރައްގީގެ އިންސައްތަ ކުރިއަށްވުރެ މަތި ކުރާނަން،" ނިމުނު މަޖިލިސް އިންތިހާބުގެ ތެރޭގައި "ހޯރަ" އަށް ދެއްވި އިންޓަވިއުއެއްގައި މިހާރުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވި އެވެ.ނަމަވެސް މިއަދު ރައްޔިތުން ސަރުކާރު ކެންޑިޑޭޓް އަރިހުގައި ސާބިތުވުމުން ދާއިރާ އަށް ލިބުނު މޮޅެއް ނެތެވެ. ހޯރަފުށި ފެނަކަ އޮފީހުން 15 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ. ހޯރަފުށީ ދާއިރާގެ އެމްޕީ އަލީ މޫސަގެ އުންމީދީ ބަދަލުތަކުން ރައްޔިތުންނަށް ލިބެމުން އަންނަނީ މުޅިން ވެސް ނާއުންމީދީ ސަޕްރައިޒްތަކުގެ ވާހަކަ އެވެ. މުއިއްޒު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުގެ ތެރެއިން، ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ އިތުރުން، ފަޅުވެރިން ބަދަލު ކުރުމުގެ ހިދުމަތާއި ބޯޓުފަހަރަށް ބޭނުންވާ ސްޕެއާ ފަދަ ސާމާނު ފޯރުކޮށްދިނުމާއި މަރާމާތު ކޮށްދިނުމުގެ އިތުރުން ސާފު ބޯފެން ވެސް ފޯރުކޮށްދޭ ގޮތަށް ފެށި، ބަންކަރިން ހިދުމަތުން އިހަވަންދިއްޕޮޅު ސަރަހައްދަށް ލިބުނީ ފޮޓޯގަނޑެކެވެ. މިނިސްޓަރު ސައީދު ބެއްލެވުމުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވި ޑިވެލޮޕްމަންޓް ބޭންކްގެ ހިދުމަތް ތޮޅިއަށް ދިޔަ ފަދައިން ރާއްޖޭގެ އިގުތިސާދަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އަންދާޒާ ކޮށް މުޅިން އަލަށް ރާއްޖޭގައި ފެށި ބަންކަރިންގެ ހިދުމަތް ވެސް ވީ ބިލާހަކަށެވެ. އިހަވަންދިއްޕޮޅު ނުވަތަ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެއްބަސްވުމުގައި ސޮއިކޮށް ފެށި އިގްތިސޯދީ ބޮޑު ހަރަކާތުން ހޯރަފުށި ދާއިރާއަށް އަދި ލިބުނު މަންފާ އެއް ނެތެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށް ވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެނެއް އަދި ތެލެއް ބަރުކުރަން މަޑުކުރާ ބޯޓެއް އެ ސަރަހައްދުން ނުފެނި އިކޮނޮމިކް މިނިސްޓަރު ސައީދު އަށް ވަނީ ބޮޑު ފާޑުކިޔުމެއް ކުރިމަތިވެފަ އެވެ.ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި ލިބުނު މީހަކުނެތެވެ. "ފެން" ބަންކަރިން އަށް ހެދި ބާޖު ފަދައިން ހޯރަފުށީ ދާއިރާގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ވެސް އޮތީ "ފެން" ވެފަ އެވެ. އުމްރާނީ ތަރައްގީގެ މަސައްކަތްތައް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ހޯރަފުށީގައި ކޮންސްޓްރަކްޝަން ދާއިރާ ދިޔައީ ދަށަށެވެ. ފާއިތުވި ސަރުކާރުތަކުން ހޯރަފުށީގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ހޯރަފުށީ ދާއިރާގެ ތަރައްގީގެ ދުވެލި މަޑުވެއްޖެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ. ރައްޔިތުން މިއަދު ކުރާ ސުވާލަކީ ސަރުކާރު ފަޅިން ހޮވިގެން ތަރައްގީގެ އަޑު މަޑުވީ ކީއްވެ ހެއްޔެވެ..؟ ކުރިން ދާއިރާގެ ތަރައްގީގައި ސަރުކާރު އެމްޕީ ދެއްކި ހިއްވަރާ ފަންވަރު މި ހާރު ނުފެންނަނީ ކީއްވެ ހެއްޔެވެ؟ ސަރުކާރު ލެންސުން ހޯރަފުށި ދާއިރާ "ގެއްލުނީ" ކީއްވެ ހެއްޔެވެ.؟ މި ސުވާލުތަކުގެ ޖަވާބު ހޯދަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. ގައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ކިޔުންޔެރިންނަށް އަރިސްކުރަމެވެ.އިތުރަށް ކިޔާލަން: އަލީ މޫސާ ހޮވުމުން ހަދަން ބުނި ވޯޓާ ސްޕޯޓްސް ސެންޓަރުގެ ހިލަމެއް އަދި ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ