ހުއްދަނެތި އޭވިއޭޝަން ދާއިރާގެ ކޯސްތަކެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެ

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކޯސްތަކެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި މައްސަލައާއި ގުޅިގެން ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)އިން ނެރެފައިވާ ސަރކިއުލާއެއްގައި ބުނެފައިވަނީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ހުއްދަ ނުނަގާ އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކޯސްތަކެއް ހިންގާ މައްސަލައެއް ޑާސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ޑާސާގެ ސަރކިއުލާގައި އިތުރަށް ބުނެފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް ހިންގާ ތަމްރީނުތަކުގެ ސެޓްފިކެޓް ގަބޫލު ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކޯސްތަށް ހިންގާނަމަ އެ ހިންގާ ކޯސްތަކާއި، ތަމްރީނުތައް ދޭ މަރުކަޒުތަކާއި، އޭވިއޭޝަން ސެކިއުރިޓީ ތަމްރީނު ޕްރޮގްރާމްތަކާއި، ތަމްރީނުދޭ ފަރާތްތަކުން ދިފާޢީ ވުޒާރާގެ ހާއްސަ ހުއްދައެއް ނަގަން ޖެހެ އެވެ.
އެހެންނަމަވެސް ޑާސާއިން ނެރެފައިވާ ސަރކިއުލާގައި، އޭވިއޭޝަން ދައިރާގެ ސެކިއުރިޓީ ކޯސްތައް ހިންގުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
އޭވިއޭޝަން ދާއިރާއާއި ގުޅުންހުރި ކޯސްތަކާއި ތަމްރީނު ހުއްދަނެތި ދެނީ ކޮންތަންތަނަކުން ނުވަތަ ކޮން ފަރާތްތަކަކުން ކަން ޑާސާއިން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، ރާއްޖޭގައި ހިންގާ ބައެއް ކޮލެޖް އަދި ޔުނިވަރސިޓީ ފަދަ ތަންތަނުން އޭވިއޭޝަން ދާއިރާގެ ކޯސްތައް ހިންގަ އެވެ.
ޑިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އަކީ ދިފާޢީ ވުޒާރާގެ ދަށުން ހިންގާ އިދާރާއެކެވެ. ޑާސާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ހިމެނޭ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ޤަވާއިދާއި އުސޫލްތައް ހެދުން ކަން ފާހަގަކޮށްލަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ