މުޅި ދިރިއުޅުން ދޫކޮށް މައިންބަފައިންގެ ޚިދުމަތުގައި!

އުމުރުގެ ގިނަ ދުވަސްތަކެއް ވަންދެން އޭނާ ދިރިއުޅުނީ މައިންބަފައިންނާ ދުރުގައެވެ. ކާންބޯން މަސައްކަތް ކުރުމުގައެވެ. ރެއާއި ދުވާލު މަސައްކަތުގައި އުޅެނިކޮށް, އޭނާއަށް ފުރުސަތު ލިބުނީ ބައްޕައާއެކު އުމްރާއަށް ދިއުމަށެވެ. މައްކާގެ މާތް ބިމަށް ކުރި އެ ދަތުރުވީ, ބައްޕަގެ ބަލި ހާލަތާއި, ދަރިއެއްގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާކަން އޭނާއަށް އިހުސާސް ކުރެވުނު ކަމަކަށެވެ. އުމްރާގެ މާތް އަޅުކަމުގެ ތެރެއިން އޭނާ އަޒުމުކަނޑައެޅީ މަންމައާއި ބައްޕަ ދުނިޔޭގައި ހުރިހާ ދުވަހަކު އެ މީހުންގެ ޚިދުމަތަށް ވަގުތު ހުސް ކުރާށެވެ. އެ މީހުން ބަލަހައްޓާ ފާރަވެރިއަކަށް ވާށެވެ. މީގެ ކުރިން ރިސޯޓްތަކާއި މަސް ދޯނި ފަހަރުގައި މަސައްކަތް ކުރި އަޙްމަދު އެ އަޒުމުގައި މީގެ ދޮޅު އަހަރެއް ކުރިން, މާލޭގައި ދިރިއުޅޭ އަނބިދަރިންނާ ދުރަށް, އުފަންރަށް، ރ. މީދޫއަށް ބަދަލުވިއެވެ. މަންމައާއި ބައްޕަ ބެލުމުގެ ޒިންމާއާ ހަވާލުވިއެވެ. އެކަމާ ހަވާލުވީ އުފަލާއެކީގައެވެ. މިއީ، ރ. މީދޫ، ރަސްމާދޫގޭ, އަޙްމަދު އަލީ, 52, އޭނާގެ މަންމައާއި ބައްޕައަށް ކޮށްދޭ ޚިދުމަތްތަކުގެ ވާހަކައެވެ. އެސްއެސްޓީވީއިން މި ގެނެސް ދިނީ އެހާމެ، ދިގު, ފޮނި ވާހަކައެކެވެ. ޚާއްސަކޮށް، އޭނާގެ ބައްޕަ އުމުރުން 89 އަހަރުގެ ޢަލީ ޢީސާ (ދޮންބެ)ގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަހުމަދެވެ. ދިވެހީންގެ ދިރިއުޅުމުގެ ހާލަތު ހުރިގޮތުން ގިނަ ބަޔަކަށް މަޖުބޫރުވެފައި ވަނީ މާލޭގައި ދިރިއުޅޭށެވެ. މިއީ އަތޮޅުތެރެއަށް ނިސްބަތްވާ އުމުުރުން ދުވަސްވީ ގިނަ މީހުން އެއްގޮތަކަށް ވެސް ދިރިއުޅެން ބޭނުންވާ ތަނެއް ނޫނެވެ. ނަތީޖާއަކަށް, ދަރިން އެ މީހުންގެ ދިރިއުޅުމައިގެން ވަރަށް ބުރަކޮށް މާލޭގައި ނޫނީ އެހެން ވެސް ތަނެއްގައި އުޅޭއިރު, އުމުރުން ދުވަސްވީ, އަދި އަޅާލުން ބޭނުންވާ މައިންބަފައިން ވަރަށް އެކަނިވެރި ކަމާއެކު ރަށްރަށުގައި ދިރިއުޅުމެވެ. މަރުގެ އިންތިޒާރުގައި ތިބެ, ނިމި އެ ދަނީ, އެންމެ ބޭނުންވި ދުވަހު, ލޯބޯކޮށައިގެން ބޮޑުކުރި ދަރިންގެ އޯގާތެރި އަތެއް ނުލިބިއެވެ. އަޙްމަދު އޭނާގެ މަންމަ އާއި ބައްޕައާއެކު--- ކޮންމެ ދުވަހަކު ބައްޕައަށް ހޭހަންކޮށްދިނުމުގައި މި އާއިލާގެ ދުވަހުގެ ފެށުން ވެސް ވަރަށް ތަފާތެވެ. ކޮންމެ ދުވަހެއްގެ ފަތިހު އަޙްމަދު ތުނޑިއަށް މަހަށްދެއެވެ. އެ ވަގުތު އޭނާގެ މަންމައާއި ބައްޕަ އެ ސަރަހައްދުގައި އުޅެއެވެ. އެއީ މިހާރު އުމުރުން 82 އަހަރުގެ މަންމަ ހަރިއްޔާ އަޙްމަދު, 07:00 ޖަހާއިރު މޫދަށް އެރުމަށެވެ. އެއީ، ކަސްރަތުކޮށް، ފަތާލުމަށް, މަންމަ ގެންގުޅޭ އާދައެކެވެ. އުމުރުން ދުވަސްވެ, ގައިބާރުދެރަވުމުން ވެސް ކަސްރަތުކޮށް ހެލިފެލިވުމުގެ މުހިންމުކަން ހަރީރައްތައަށް ވިސްނޭތީއެވެ. އޭރު އެ ސަރަހައްދުގައި ދޮންބެ ހުންނަނީ ދަރިފުޅު އަޙްމަދު މަސްބާނާ މަންޒަރުން އުފާ ލިބިގަތުމަށެވެ. އެއީ ކޮންމެ ފަތިހަކު ވެސް އެ އާއިލާގެ އާދައެވެ. ހެނދުނު 09:30 ހާއިރު، ފުރޮޅުލީ ގޮނޑިއަކަށް ބައްޕަ ލައެވެ. އެއަށްފަހު، ގޮނޑި ދުއްވަމުން އަޙްމަދު ދަނީ ބައްޕަ ގޮވައިގެން މޫދަށް އެރުވައި ކަސްރަތު ކުރުވާށެވެ. މޫދަށް އެރުވަނީ ވެސް ލޯއްބާއެކު، ބައްޕަގެ އަތުގައި ހިފަހައްޓައިގެނެވެ. އާންމުކޮށް، ބައްޕަ ހީކަރުވާތީ އެހާ ގިނަ ވަގުތު މޫދުގައި ހޭދަނުކުރެވުނަސް ކޮންމެ ދުވަހަކު މޫދަށް ދިއުމަކީ އާދައެކެވެ. އަޙްމަދު, ވަރަށް ލޯބިން ބައްޕަ ރީތި ކުރަނީ--- އޭގެފަހުން މޫދުން އަރައިގެން ބައްޕަ ގެއަށް ގެންދަނީ ވެސް އަޙްމަދެވެ. ގެއަށް ގެނެސް، ބައްޕަ ފެންވަރުގައި, ގައިގައި ތެޔޮ ލައްވައި, ރީތިކޮށްދެއެވެ. އެ މަންޒަރު ބަލަން އަޙްމަދުގެ މަންމަ ހުންނަނީ އުފަލާއި ޝުކުރުން ފުރިފައެވެ. ގޭތެރެއިން އެވަގުތު ފެންނަނީ ހިނިތުންވުމާއި އުޖާލާކަމެވެ. މި ޒިންމާއިން އަޙްމަދަށް އެއްވެސް ބުރަކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއީ މިއީ އޭނާއަށް އާދަޔާ ހިލާފު އުފަލެއް ލިބޭ ކަމަކަށް ވާތީއެވެ. "ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު މައިންބަފައިން ދުނިޔޭގައި ހުއްޓަކައެއް ދޫކޮށްފައެއް ނުދާނަން" ޖަޒުބާޒާއެކު، އަހުމަދުގެ އިހުސާސްތައް, "އެސްއެސްޓީވީ" އަށް ދިން އިންޓަވިއޫގައި އޭނާ ބަންޑުންކޮށްލިއެވެ. ބައްޕަގެ ހުރިހާ ކަމެއް ކުރުމަށް އޭނާ ހުންނަނީ އަތުކުރި އޮޅާލާފައެވެ. ބައްޕައަށް ކާންދެނީ ވެސް އަޙްމަދުގެ އަތުންނެވެ. ސިއްހަތަށް ފައިދާ ހުރި ރަނގަޅު ކާނާ މަންމަ އާއި ބައްޕައަށް ދިނުމަށް އޭނާ އިސްކަންދެއެވެ. ހުރިހާ ކަމެއް ކޮށްދެނީ އޯގާވެރިކަމާއި ލޯތްބާއެކީގައެވެ. އަޙްމަދު ބުނީ، އޭނާ ދުނިޔޭގައި ހުރި ހުރިހާ ދުވަހު މަންމައާއި ބައްޕަ ބަލާނެ ކަމަށާއި ދަރިން ދޭ ލޯތްބެއް އެހެން ބަޔަކަށް ނުދެވޭނެ ކަމަށެވެ. އެހެންވެ، އޭނާގެ ހުރިހާ ވަގުތުތައް ހޭދަކުރަނީ ލޯބިވާ މަންމައާއި ބައްޕައަށް ޚިދުމަތް ކޮށްދިނުމުގައެވެ. އަހަރެއްގެ ބުރަ މަސައްކަތުން ބައްޕަ ދުންފަތާ ދުރަށް! އެކަނި އުޅެން ދޫކޮށްލުމުގެ ބަދަލުގައި, އުމުރުން ދުވަސްވީ މައިންބަފައިންގެ ކައިރީގައި ދަރިއަކު ހުރެގެން އެ މީހުންނަށް ހިދުމަތް ކޮށްދީފި ނަމަ, ދޮށީ އުމުރުގައި ވެސް ފުރިހަމަ ސިއްހަތެއްގައި ހުރެވޭނެ ކަމުގެ މިއީ މިސާލެކެވެ. ބައްޕައާއި މަންމައަށް ރަނގަޅު ކާނާދީ, ގަވައިދުން ކަސްރަތު ކުރުވައި, ސިއްހަތާ ނުރަނގަޅު އާދަތަކާ ދުރުކުރުމުން ހަށިގަނޑަށް އައި ހެޔޮ ބަދަލު އެންމެ ރަނގަޅަށް ފެންނަނީ އަޙްމަދަށެވެ. އަހުމަދު ރަށަށް ބަދަލުވިއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ގޯސް އާދަ ހުރީ ބައްޕަގެ ކަށީގައި ހިފާފައެވެ. އެހާ އަވަސް އަވަހަށް ސިނގިރޭޓާއި ބިޑި ބޮއެވެ. އެކަމުގެ ސަބަބުން އެހާ ގަދައަށް ކެއްސައެވެ. "އަބަދުވެސް [ސިނގިރޭޓާއި ބިޑި] ބޮއެ. އަހަރެމެނަށް ފެންނަން ފެށީއްސުރެ ފަށައިގެން ވެސް އެކަން ކުރޭ. ނުވިރޭ ޓީޝާޓެއް، ނުވިރޭ މުންޑެއް ބައްޕަގެ ނުހުންނާނެ. އަހަރެން މިއަދު ނައިނަމަ ބައްޕަ އޮންނާނީ ރޯވެފައި، އަނދާ ހުލިވެފައި. އެ ނޭނގޭ ގަޔަށް އަލިފާންގަނޑު ވެއްޓޭއިރުވެސް، ކޮޓަރި ތެރޭ ވެސް ބޮއެ," ބައްޕަގެ އެ އާދަ ހުރިވަރު އަޚްމަދު ކިޔައިދިނެވެ. އެހެންވެ، އެ ނުބައި، އާދައާ ދުރުކޮށް، ބައްޕަ 'ފިޓު'ކޮށް ބެހެއްޓުމުގެ މަސައްކަތް މީގެ އަހަރެއްހާ ދުވަސް ކުރިން އަޙްމަދު ފެށިއެވެ. އެ އުނދަގޫ ދަތުރުގެ މަސައްކަތްތައް އަޚްމަދު ފެށީ ކުޑަކޮށެވެ. ކާ ކޮންމެ ފަހަރަކު އޭރު ދިނީ ސިނގިރޭޓެކެވެ. އެވަރު މަދުވާތީ އިތުރަށް ހޯދަން އަޙްމަދުގެ ބައްޕަ ދަނީ ރަށުގެ ފިހާރަތަކަށެވެ. ގޮސް، ސިނގިރޭޓު ގަނެގެން ގެނައުމުން އަޙްމަދު އެ ސިނގިރޭޓު ފޮށި ފޮރުވައެވެ. އެގޮތަށް މަދުކުރަމުން ދަނިކޮށް، ބައްޕައަށް ރޯގާ ޖެހުނެއެވެ. "ވާގޮތަކީ ދަމާލާއިރަށް ކޮށި އަރަނީ. ދެން އަހަރުމެން ހެދި ގޮތަކީ [ސިނގިރޭޓު] ނުދިނީ. ފިހާރަތަކަށް ދާން ހެދީމައި ފަހަތުން ދަނީ. ބައްޕަ ދޭތޯ ބަލަން ވެގެން އަހަރެން މި އޮންނަނީ. އަހަންނަކީ ގޯތިދޮށުން ދާ މީހެއް ނޫން. އަހަންނަށް އިނގޭނެތާ ބައްޕަ ދަންޏާ." ފިހާރަތަކަށް ސިނގިރޭޓު ގަންނަން ދާން ފެށުމުން ބައްޕައަށް ވުރެ ކުރިން އަޙްމަދު ފިހާރައަށް ދެއެވެ. އަދި، ބައްޕައަށް ސިނގިރޭޓު ނުވިއްކުމަށް ވިޔަފާރިވެރިން ކައިރިން އެދެއެވެ. އެކަން ކޮށްދިން ކަމަށްޓަކައި، އަޙްމަދު ވަނީ މީދޫގެ ވިޔަފާރި ވެރިންނަށް ޝުކުރު އަދާކޮށްފައެވެ. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަސައްކަތުން އެ އާދައާ ބައްޕަ ދުރުކުރިއެވެ. އަޙްމަދު ބުނި ގޮތުގައި، މިހާރު ބައްޕަ ދުންފަތާއި ދުފުމުގެ އެއްވެސް ބާވަތެއް ބޭނުމެއް ނުކުރެއެވެ. "ބައްޕަ ބަލާ މިހާރު ފިޓުކަން. ނުވެސް ހިނގި އޮތް މީހެއް. މިހާރު އިރާދަކުރެއްވިއްޔާ ހަމަ ކެއްސާލާ އަޑުވެސް ނީވޭނޭ. މިއީ އަސްލު ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރު ކަމެއް ނޫން. އަހަންނަކީ ގޭގައި ގެވެހި މީހަކަށް ވާތީ ވީކަމެއް މީ," އަޙްމަދު ކިޔައިދިނެވެ. އަޙްމަދު ބުނީ، މީގެކުރިން ބައްޕައަށް ނުހިނގޭ ވަރަށް މިހާރު ހިނގޭ ކަމަށެވެ. އެ ނޫނަސް ހުރިހާ ޚިދުމަތެއް ފޯރުކޮށްދެއެވެ. އެކަމުގެ ތެރެއިން ދެބަފައިންގެ ތެރޭގައި އޮތް ލޯބިވެސް އިތުރަށް ބަދަހިވެއްޖެއެވެ. އަޙްމަދާއި އޭނާގެ އަންހެނުން --- އަޙްމަދުގެ މަސައްކަތުގެ ހިތްވަރަކީ އާއިލާގެ އެއްބާރުން! މި ޒިންމާ އަދާ ކުރުމަށް އަޙްމަދަށް ހުސްވެ ހުރެވެނީ އޭނާގެ އަންހެނުންގެ އެއްބާރުލުމުގެ ސަބަބުންނެވެ. އަޙްމަދު މާލޭގައި ނެތަސް ދެ ދަރިންގެ ޒިންމާތައް އަދާކޮށްދޭލެއް ފުރިހަމަ ކަމުންނެވެ. އެކަން އަޙްމަދު ފާހަގަ ކުރަނީ ޝުކުރުވެރި ހިތަކައިގެންނެވެ. އަޙްމަދު ކިޔައިދިން ގޮތުގައި، މި ބޮޑު ޒިންމާ އަދާ ކުރުމަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އަނބިމީހާގެ ފަރާތުންނެވެ. ބައްޕައަށް އެއްޗެއް ބޭނުންވިޔަސް އެ އެއްޗެއް އުފަލާއެކީ ފޮނުވައިދެނީ އަނބިމިހާއެވެ. އޭގެއިތުރަށް، ވެސް ރަށުގެ މީހުންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކުރިއެވެ. އަހުމަދު ފަދައިން މައިންބަފައިންނަށް ހޭހަންކޮށްދިނުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެކެވެ. އެ މީހުންނަށް ލޯތްބާއި އޯގާތެރިކަމާއެކީ ޚިދުމަތް ކުރުމަކީ އުފަލަކަށް ވާންޖެހެއެވެ. ހޭދަކުރާ ކޮންމެ ވަގުތަކީ މުތަކަށްވުރެ އަގުހުރި އެއްޗެއްކަން ހަނދާންކުރަން އެބަޖެހެއެވެ. މިއީ ނަމޫނާއެވެ. އަޙްމަދުގެ ހަޔާތުން އިބުރަތް ލިބިގަނެ، މައިންބަފައިންނަށް ހޭހަންކޮށްދިނުމަކީ ދަރިންގެ އުފަލަކަށް ހަދަންޖެހެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެކަން ކުރާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ