މި ސަރުކާރުން ވެރިކަމަށް އައިތާ ދެ އަހަރު ފާއިތުވެގެން ދާއިރު ވެސް ގދ. މަޑަވެލި ދާއިރާގައި ހިމެނޭ ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބު އޮޅުން ނުފިލާ ކަމަށާއި އެކަންކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުންނަށް އެކަށީގެންވާ ޖަވާބެއް ވެސް ނުލިބޭ ކަމަށް މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވި ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުގެ މި ދާއިރާގައި މި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގައި 15 އަހަރު މިވަނީ، ވަމުން މިދަނީ، މި ސަރުކާރުގެ ވެސް މި ދަނީ، ދެ އަހަރު ފާއިތުވެގެން. ދާއިރު އަދިވެސް ނަރުދަމާގެ ކަންތައް އޮތް ގޮތެއް ހަމަ އޮޅުން ފިލާވެސް ނުލެވުނު، އޮޅުން ފިލުވަން ދަނީ ކޮންތަނަކަށް ކަމެއް ވެސް ނޭނގޭ، އިއްޒަތްތެރި ރައީސް، އެ މަސްއޫލިއްޔަތުތައް ހަވާލުވެގެން ތިބޭ މީހުންގެ ފަރާތުން އަޅުގަނޑުމެން މެންބަރުންނަށް އެދެވޭ ޖަވާބުތަކެއް ލިބެމަކުން ނުދޭ،" ޝަމީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް ދައުލަތުގެ ފައިސާ ހަރަދު ކުރެވިގެން މިދަނީ ކޮން ކަމަކަށްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ، އެހެން ނޫނިއްޔާ އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގުތައް ސަރުކާރުތަކުން އަދާ ނުކުރެވޭކަމުގެ ވާހަކަ ރައްޔިތުން ދައްކާނެ، ރައްޔިތުން ތަމްސީލު ކޮށްފައި ތިބި ބަޔަކު ވެސް އެ ވާހަކަދައްކަން ޖެހޭ، އެ ވާހަކަ ނުދައްކާ އެ ކަންކަން ނުކުރެވޭނެ،" ޝަމީޒް ވިދާޅުވި އެވެ.
ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް މަޝްރޫއުތައް ހިންގާނެ ކަމަށް މިދިޔަ ސަރުކާރުން ވައުދުވި ނަމަވެސް މަޑަވެއްޔަށް އެންމެ ވެލިފުކެއް ވެސް ގެންގޮސްފައި ނުވާ ކަމަށް ޝަމީޒް ވިދާޅުވި އެވެ. އަދި އެ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ކަންތައްތައް އެންމެ ފުރިހަމައަށް ކޮށް ނިންމާނެ ކަމަށް، އަޅުގަނޑުގެ ދުއާއަކީ ވެސް އެއީ،" ޝަމީޒް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވަރަށް ފަހުން ހައުސިން މިނިސްޓަރު ވަޑައިގެންނެވި މަޑަވެއްޔަށް، ވަޑައިގެންފައި މަޑަވެލީ ރައްޔިތުންނަށް ވަނީ ދެ މަސްދުވަސް ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް، މިއީ ރައްޔިތުންގެ ކުރިމަތީގައި ދެންނެވި ދެންނެވުން، އެހެންވީމާ އެގޮތަށް މި މަސައްކަތް ކޮށް ނިންމާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން."
ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބާ ގުޅިގެން މި ސަރުކާރުން އެދެވޭ ޖަވާބެއް ނުދޭ: ޝަމީޒް ނަރުދަމާގެ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބާ ގުޅިގެން މި ސަރުކާރުން އެދެވޭ ޖަވާބެއް ނުދޭ: ޝަމީޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ