އެތަކެއް ޒަމާނަކަށް ފަހު ރާއްޖޭގެ ބައިނަލްއަގުވާމީ އެެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ޒަމާނީ ޓާމިނަލެއް ލިބި ހުޅުވުމުގެ ފަހުގެ ތައްޔާރީތައް އެ ދަނީ ކުރިއަށެވެ. ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް، ޖުލައި 26ގައި އެތަން ހުޅުވާލާނެ އެވެ.
އެތަން ހަދަން ހަވާލުކުރިތާ ނުވަ އަހަރު ފަހުން އެތަން ހުޅުވޭއިރު އެ ބޮޑު، ރީތި ޒަމާނީ އިމާރާތަށް ހަރަދުވީ ކިހާ އަދަދެއް ހެއްޔެވެ؟ އެކި މީހުން އެ ޓާމިނަލްއަށް ހަރަދުވި އަދަދުތައް ކިޔަނީ އެކި ގޮތަށެވެ.
'ދައުރު'އިން އެދިގެން ސަރުކާރުން ވަނީ އާ ޓާމިނަލަށް ހަރަދުކުރަން ނެގި ލޯނުގެ އަދަދުތަކުގެ ތަފްސީލްތައް ދީފަ އެވެ. އެގޮތުން އެ މައުލޫމާތުތަކުން ދައްކާ ގޮތުން:
ޖުމްލަ އަށް ލޯނެއް އާ ޓާމިނަލަށް ވަނީ ނަގާފައި
އެއީ 457 މިލިއަން ޑޮލަރު (މިހާރުގެ ރޭޓުން ބަލާ ނަމަ، 9.2 ބިލިއަން ރުފިޔާ)
އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓާމިނަލް ހަދަން ސައުދީގެ ބިން ލާދިން ގުރޫޕާ ހަވާލުކުރީ 320 މިލިއަނެއްހާ ޑޮލަރަށެވެ. އެހެންކަމުން ފުރަތަމަ ކޮންޓްރެކްޓް ކުރި އަގަށް ވުރެ 137 މިލިއަން ޑޮލަރު މި ވަނީ ޓާމިނަލް ނިމުނު އިރު ބޮޑުވެފަ އެވެ.
2016: 50 މިލިއަން ޑޮލަރު، ކުވޭތު ފަންޑް
2016: 100 މިލިއަން ޑޮލަރު، ސައުދީ ފަންޑް
2016: 50 މިލިއަން ޑޮލަރު، އޯޕެކް ފަންޑް
2017: 50 މިލިއަން ޑޮލަރު، އަބޫދާބީ ފަންޑް
2021: 50 މިލިއަން ޑޮލަރު، ކުވޭތު ފަންޑް
2024: 100 މިލިއަން ޑޮލަރު، ސައުދީ ފަންޑް
2024: 40 މިލިއަން ޑޮލަރު، އަބޫދާބީ ފަންޑް
2025: 17 މިލިއަން ޑޮލަރު، ސައުދީ ފަންޑް
އެއާޕޯޓް މަޝްރޫއަށް އެންމެ ގިނަ ލޯނު ދީފައި ވަނީ ސައުދީ ފަންޑުންނެވެ. އެއީ، 217 މިލިއަން ޑޮލަރެވެ. ޓާމިނަލް ހެދުން ލަސްވުމާއި ގެނައި ބަދަލުތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓާމިނަލަށް ނަގާފައި ވަނީ 50 މިލިއަން ޑޮލަރެވެ. އަދި މި ސަރުކާރުގައި 157 މިލިއަން ޑޮލަރު ވަނީ ނަގައިފަ އެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ވެސް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް އާ ޓާމިނަލަށް އެމްއޭސީއެލްއިން ހަރަދުކޮށްފައި ވަނީ 430.5 މިލިއަން ރުފިޔާ އެވެ. އެއީ މިފަހުން ނަގާފައިވާ ލޯނުތައް ނުލަ އެވެ.
އެހެންކަމުން ވީއައިއޭގެ އާ ޓާމިނަލް ނިންމަން ހަރަދުވީ ޖުމްލަ 457 މިލިއަން ޑޮލަރެވެ. އެއީ ފުރަތަމަ ކޮންޓްރެކްޓް ކުރި އަގަށް ވުރެ %43ގެ ބޮޑުވުމެކެވެ.
އާ ޓާމިނަލަށް ހިނގި ހަރަދު %47 އިތުރު؛ ޖުމްލަ 457 މިލިއަން ޑޮލަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ