ސްޓޫޑެންޓް ލޯނަށް 1338 މީހުން، ލޯނު ލިބޭ ލިސްޓް ނެރެފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި އެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.
މި ފަހަރު ހުޅުވާލީ ލޯނުގެ 500 ފުރުސަތަށެވެ. އެ ފުރުސަތުތަކަށް 1338 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 806 މީހެކެވެ.
މިނިސްޓްރީން ބުނީ ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށައެޅޭނެ ކަމަށެވެ. އެ ފުރުސަތު އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންނަށް ސަބަބާ އެކު އެކަން ފެންނާނެ ހެން ހާމަކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ