ހުކުމްކުރިތާ 25 އަހަރު ފަހުން މައްސަލައެއް އިސްތިއުނާފު ކުރަން ހުއްދަދީފި
މީގެ 25 އަހަރު ކުރިން އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި މައްސަލައެއް އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން ދީފިއެވެ. އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހެވެ. ހައިކޯޓުން މިދިޔަ ބުދަ ދުވަހު އެ މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި، އެެއީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް ބުނެފައިނުވެއެވެ. އެ މައްސަލައާ ގުޅޭ ގޮތުން ބުނެފައިވަނީ، މައްސަލަ އިސްތިއުފާ ކުރުމުގެ ހުއްދައަށް އެދިފައިވަނޫ ހިތަދުއަށް ނިސްބަތްވާ އަންހެނެއް ކަމަށެވެ. އެގޮތުން، އެ މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި އޭނާއަށް ހުށަނޭޅުނު ސަބަބު ބަޔާންކޮށް ބުނެފައިވަނީ އޭނާއަކީ ސިކުނޑީގެ ނުވަތަ ބުއްދީގެ ނުކުޅެދުންތެރިކަން ހުރި މީހެއް ކަމަށެވެ. އެހެންވެ، މެޖިސްޓްރޭޓް ކޯޓުން ނިންމި ގޮތުގެ ގާނޫނީ ނަތީޖާތަކާއި ވަކި މުއްދަތެއްގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުއްދައަށް އެދި ހުށަހެޅުމުގެ ޝަރުތުތަކާއި ގާނޫނީ ފޯމުތަކާއި ކޯޓުގެ އެންގުންތަކާއި ލިބެންހުރި ހައްލުތައް ދެނެގަނެއް ތަސައްރަފު ކުރުމުގެ ގާބިލުކަން އޭނާއަށް ލިބިފައިވާ ނުވާ ކަމަށެވެ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ނިންމީ އަންހެން މީހާގެ ޣައިރި ހާޒިރުގައި ކަމަށްވުމުން އެ މައްސަލަ ހިނގާ ނިމިފައިވާކަން އޭނާ އެނގިފައިނުވާ ކަމަށް ވެސް އެ މައްސަލައިގައިވެއެވެ. ހައިކޯޓުން މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ. އެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ހިތަދޫ ކޯޓުގައި މައްސަލަ ނިންމިއިރު އަންހެން މީހާ ތަސައްރަފު ފުދޭ ހާލަތެއްގައި ހުރިކަމާމެދު ސުވާލު އުފެދޭ މިންވަރަށް ކަންކަން ބަޔާންކޮށްދިފައިވާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް އެ ހާލަތު އޮތުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބެލެވޭތީ އިސްތިއުނާފްކުރުމުގެ ހުއްދަދިނުމަށް ފެންނަ ކަމަށެވެ. މިއީ މީގެ 25 އަހަރު ކުރީގެ މައްސަލައެއް ކަމުން ސީދާ އެއީ ކޮން މައްސަލައެއް ކަން ސާފެއް ނޫނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ރެކޯޑެއް ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި މިހާރު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ