ދުނިޔޭގެ ފުރަތަމަ އޭއައި ޝެފް އައިމަންގެ ރެސްޓޯރެންޓް ދުބާއީގައި

ދުނިޔޭގެ ފުރަތަމަ އޭއައި ޝެފް ހުންނަ ރެސްޓޯރެންޓް ދުބާއީގައި ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޓެކްނޮލޮޖީގެ އާ އީޖާދުތަކުގެ މައި މަރުކަޒު، ދުބާއީން ކެއްކުމުގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނައުމަށް ތައްޔާރުވަމުންދާއިރު، މިއީ ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޝެފް، "އައިމަން"ގެ ހުނަރުވެރިކަން ދައްކުވައިދޭނެ ރެސްޓޯރެންޓެކެވެ. "ވޫހޫ" ރެސްޓޯރެންޓް އަންނަ ސެޕްޓެންބަރު މަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި ރެސްޓޯރެންޓް ގާއިމުކުރަނީ ދުބާއީގެ މަޝްހޫރު ކެމްޕިންސްކީ ދަ ބުލެވާޑް ހޮޓަލުގައެވެ. މި ރެސްޓޯރެންޓްގެ މައި ތަރިއަކީ އޭއައި ޝެފް "އައިމަން"އެވެ. އައިމަންއަކީ އިންސާނުންނެކޭ އެއްފަދައިން ކާއެއްޗެތީގެ ރަހަ ނުވަތަ ވަސް ބަލައިގެން ކައްކާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އައިމަން ބޭނުންކުރަނީ ދިހަވަރަކަށް އަހަރުގެ ކާބޯތަކެތީގެ ސައިންސާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރެސިޕީތަކާއި، ކާބޯތަކެތީގެ ބިޔަ ޑޭޓާބޭސްތަކެކެވެ. މި ޑޭޓާތަކުގެ އަލީގައި، ތަޖުރިބާކާރު ޝެފުންނަށް ވެސް ތައްޔާރުނުކުރެވޭ ފަދަ އާ ކެއުންތައް އުފެއްދުމުގެ ގާބިލުކަން އައިމަންއަށް ލިބިފައިވެއެވެ. މި އޭއައި ޝެފްގެ އީޖާދުތައް ކާމޭޒުމަތީގެ ތަށިތަކަށް ގެނައުމުގައި އިންސާނީ ހުނަރުވެރިއެއްގެ އެހީތެރިކަން ވެސް ބޭނުން ކުރާނެއެވެ. ދުބާއީގެ މަޝްހޫރު ޝެފް ރެއިފް އޮތުމަން، އައިމަންގެ އަލްގޮރިތަމިކް ޚިޔާލުތައް ކެއުމަށް ބޭނުންކުރެވޭ ފަދަ މޮޅު ތަކެއްޗަށް ބަދަލުކުރުމުގައި އެހީތެރިވެދޭނެއެވެ. ޝެފް އޮތުމަން ވިދާޅުވާ ގޮތުގައި މިއީ އިންސާނުންގެ ކެއްކުމުގެ ހުނަރުވެރިކަން ނައްތާލުމެއް ނޫނެވެ. "އިންސާނުންގެ ކެއްކުމުގެ ހުނަރުވެރިކަން ނެތިގެން ނުދާނެ، އެކަމަކު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި [އައިމަން] އިން ޚިޔާލުތަކާއި، އުފެއްދުންތެރިކަން އިތުރުކޮށްދޭނެ،" އޭނާ ރޮއިޓާސްއަށް ވިދާޅުވިއެވެ. ވޫހޫ ރެސްޓޯރެންޓަށް ކާންދާ މީހުންނަށް ތަޖުރިބާ ކުރެވޭނީ ހަމައެކަނި އޭއައިއިން ފަރުމާކޮށްފައިވާ ކެއުމެއް ނޫނެވެ. އެތަނުގެ މާހައުލަކީ ސައިބާޕަންކްގެ ސިފަތައް ލިބިފައިވާ، ޒަމާނީ ޓެކްނޮލޮޖީއާއި ލަގްޒަރީ އެއްކޮށްލާފައިވާ ތަނެކެވެ. ރިއެކްޓިވް އެލްއީޑީ ޑިސްޕްލޭތަކާއި، ޑިޖިޓަލް އާޓްގެ އެކި ބާވަތްތައް އެތަނުން ފެންނާނެއެވެ. މީގެ އިތުރުން، "ސްޕޮކް"ގެ ނަމުން ނަންދީފައިވާ ސިއްރު ލައުންޖެއްގައި، ޖައްވީ ދަތުރެއްގެ ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެއެވެ. ކެއުމުގެ އުފެއްދުންތެރިކަމުގެ އިތުރުން، މި މަޝްރޫއުން ތިމާވެއްޓަށް ވެސް ފައިދާކުރާނެއެވެ. އައިމަންއިން ކާބޯތަކެތި އިސްރާފުވުން ހުއްޓުވުމަށް ރިއަލް-ޓައިމް ލަފާދެއެވެ. މިގޮތުން، ބޭނުންނުކުރެވި ހުންނަ ތަކެތި އަލުން ބޭނުންކުރުމާއި، ޕޯޝަންތައް އެންމެ އެކަށީގެންވާ ގޮތަށް ހެދުމަށް ލަފާ ދިނުމަކީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ގެނައުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ވޫހޫގެ މި ކޮންސެޕްޓަކީ ހޮސްޕިޓަލިޓީ ދާއިރާގައި އޭއައި ބޭނުންކުރުން އިތުރުވަމުން އަންނަ ކަމުގެ ހެއްކެކެވެ. މި އާ ވިސްނުން ބޭނުންކުރާނީ ހަމައެކަނި ހަރަދު ކުޑަ ކުރުމުގެ ވަސީލަތެއްގެ ގޮތުގައެއް ނޫނެވެ. ކެއިންބުއިމުގެ ދުނިޔެއަށް އުފެއްދުންތެރިކަމާއި، އާ ތަޖުރިބާތައް ގެނެސްދޭނެ ވަސީލަތެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ