ސީއެމްސީސީގެ ރައްދު: މަސައްކަތް ހުއްޓެނީ ފައިސާ ނުދޭތީއާއި އެއްބާރުލުން ނުލިބޭތީ
ގިރާވަރު ފަޅާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަން ހަވާލުކޮށްފައި އޮތް ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާ ގުޅޭ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ދެއްކެވި ވާހަކައަށް އެ ކުންފުނިން ރައްދުދީފިއެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި، ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރި ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރި އެޗްޑީސީން އެ މަސައްކަތް ހަވާލުކުރީ ސީއެމްސީސީއަށެވެ. އެކަމަކު މަސައްކަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވުމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މި މަޝްރޫއުތައް ހުއްޓިފައި އޮންނާތީ މިދިޔަ ހޯމަ ދުވަހުގެރޭ "އަހާ" ފޯރަމްގައި މީހަކު މުއްތަލިބާ ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެއްބަސްވުން ހަދާފައިވާ ގޮތުން އެޑްވާންސް ފައިސާ ލިބުމަށް ފަހު ކުރާ ކޮންމެ މަސައްކަތަކަށް ފައިސާ ދިނުމަށް ކޮންޓްރެކްޓަރު އެދެމުން ދިޔަ ކަމަށާއި، އެހެންވެ ފުރަތަމަ އެޑްވާންސްގެ ގޮތުގައި 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ދިނުމަށް ފަހު، އޭގެ އިތުރަށް 15 މިލިއަން ޑޮލަރު (231 މިލިއަން ރުފިޔާ) ދީފައިވާނެ ކަމަށެވެ. އެކަމަކު ސީއެމްސީސީން ކުރީ އެންމެ 20 މިލިއަން ޑޮލަރުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. ރައްދުގައި ސީއެމްސީސީން ނެރުނު ބަޔާނެއްގައި ބުނީ، މިނިސްޓަރު އަހާ ފޯރަމްގައި ދެއްކެވި ވާހަކަތައް ހަގީގަތާ ހިލާފު ކަމަށެވެ. ސީއެމްސީސީން ބުނީ، އެ ކުންފުންޏަށް ދޭން އެދިފައިވާ ފައިސާއަކީ އެ ކުންފުންޏާއި އެޗްޑީސީ އާއި އެފްއެމްސީ އާ ދެމެދު ހަދައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން ދޭން އެދުނު ފައިސާ ކަމަށާއި، އެއަށް ވުރެ އިތުރަށް ފައިސާއަށް ނޭދޭ ކަމަށެވެ. އެ ކުންފުނިން ބުނީ، މަޝްރޫއު ހަވާލުކުރި ކުންފުނިތަކާއި ސަރުކާރުން ލިބެންޖެހޭ އެހީތެރިކަން އެދެވޭ ގޮތެއްގައި ނުލިބުނު ނަމަވެސް މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށެވެ. ނަމަވެސް މަޝްރޫއުތަކަށް ގެންނަ ބަދަލުތައް ފާސްކުރުމާއި އަގު އަނބުރާ ހޯދުމުގެ ޕްލޭންތައް ސަރުކާރުން އޮޅުންފިލުވައި ނުދޭތީ ދަތިތައް ހުރި ކަމަށާއި، އެކަމަކު ވެސް ކޯޓަށް ދިއުމުގެ ބަދަލުގައި އިސްކުރީ ވާހަކަ ދައްކައިގެން މި މައްސަލަ ހައްލުކުރުމަށް ކަމަަށް، އެ ކުންފުނިން ބުންޏެވެ. ސީއެމްސީސީން ބުނީ އެއް އިރަކު ވެސް ހިތްހަމަނުޖެހިގެން މަޝްރޫއުތަކުގެ މަސައްކަތް ހުއްޓާލާފައި ނޯންނާނެ ކަމަށާއި، އެފްއެމްސީ އާއި އެޗްޑީސީން ދިން ޔަގީންކަމާ އެކު ފުރިހަމައަށް ލިބެން ޖެހޭ ފައިސާ ނުލިބެނީސް، މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ. ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ހިއްކާ ގިރާވަރު ފަޅު --- ފޮޓޯ/ޕްލޭނިން މިނިސްޓްރީ ސީއެމްސީސީން ބުނީ، މަޝްރޫއުތަކުގެ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލަން ޖެހުނީ މަޝްރޫއުތަކަށް ގެނައި ބަދަލުތައް އެންގުމާއި އެއްބަސްވުމުގައިވާ ވަރަށް ވުރެ މަދުން ފައިސާ ދޭތީ އާއި އަގު އަނބުރާ ހޯދުމުގެ ކަންކަން ކުރަންވީ ގޮތް ސަރުކާރުގެ ކުންފުނިތަކުން އޮޅުންފިލުވައި ނުދީ އޮތުމުން ކަމަށެވެ. އެހެންވިޔަސް އެ ކުންފުނީގެ ޚަރަދުގައި ކުންފުނީގެ މަސައްކަތު ސާމާނުތައް ބަހައްޓާފައި ހުންނާނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދާނެ ގޮތާއި ފައިސާގެ ކަންކަން ހަމަޖެހުމުން ހަތް ދުވަހާއި ދިހަ ދުވަހުގެ ތެރޭ މަސައްކަތްތައް އަލުން ފަށަން ތައްޔާރަށް އޮތް ކަމަށް ސީއެމްސީސީން ބުންޏެވެ. ސީއެމްސީސީން ކުރީ އެންމެ 20 މިލިއަން ޑޮލަރުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި ވިދާޅުވުމަށް ރައްދުދީ އެ ކުންފުނިން ބުނީ، އެ ކުންފުނިން ހުޅުމާލޭގެ ތިންވަނަ ފިޔަވައްސާއި ގިރާވަރު ފަޅާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭހެން 140 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކާފައިވާ ކަމަށެވެ. ސީއެމްސީސީން ބުނިގޮތުގައި އެ ކުންފުނިން މީގެ ކުރިން ނިންމާފައި ހުރި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މަޝްރޫއުތަކުގެ އަގު 20 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށެވެ. މީގެ އިތުރުން ސީއެމްސީސީން ބުނީ، މަޝްރޫއުތަކުގެ އެއްބަސްވުންތައް އެކުލަވާލީ އެ ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރި އެޗްޑީސީ އާއި އެފްއެމްސީން ކަމަށާއި، އެ ދެ ކުންފުނިން ދައްކަން ޖެހޭ ވަރަށް ފައިސާ ދައްކަމުން ނުދިޔަ ނަމަވެސް މިހާތަނަށް ގާނޫނީ އެއްވެސް ފިޔަވަޅެއް އަޅައިދިނުމަށް އެދިފައިނުވާނެ ކަމަށެވެ. އެކަމަކު ބައްދަލުވުންތައް ބާއްވައިގެންނާއި ލިޔުންތައް ބަދަލުކޮށްގެން މި ކަންކަން ހައްލުކުރަން މަސައްކަތްކޮށްފައިވާ ކަމަށް ސީއެމްސީސީން ބުންޏެވެ. ސީއެމްސީސީން ބުނީ، އެޗްޑީސީއާއި އެފްއެމްސީގެ ފަރާތުން އެއްބަސްވުން އުވާލިކަމުގެ ރަސްމީ ނޯޓިހެއް ވެސް ނުލިބޭ ކަމަށެވެ. ގިރާވަރާއި ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށެވެ. ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ވަނީ ނިންމައިފައެވެ. އެ ސްކީމްގެ ތެރެއިން މާލޭ މީހުންނަށް ހުޅުމާލޭންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ވެސް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ