ދީނުގަ އެކަމެއް ނުކުރަން އަންގަވާފައިވާ އެއްވެސް ކަމެއް ނުކުރުމަކީ ޘަވާބު ލިބުމުގެ އިތުރުން ދުނިޔޭގައިވެސް ކުރާ ފައިދާ ބޮޑުވާނެ ކަމެއް!

އިސްލާމް ދީނުގައި ބައެއް ކަންކަމަކީ ޙަރާމް ކަންކަން ކަމުގައި ލައްވަވާފައިވާތީ ބައެއް މީހުން ސުވާލުކުރެއެވެ. އެފަދަ މީހުން ތިއަބައިމީހުންނާއިވެސް އެފަދަ ވާހަކަތައް ދައްކާނެއެވެ. އެހެންވީމާ އެގޮތަށް ކުރާ ސުވާލުތަކަށް ޖަވާބު ދިނުމަކީ ހަމައެކަނި ދީނީ ޢިލްމުވެރިންގެ ކަމަކަށް ހަދައިގެން މިއަދަކު ތިބެވޭކަށް ނެތެވެ. ހުރިހާ މުސްލިމުންނަކީވެސް ޖަވާބު ދެވޭވަރަށް ހޭލުންތެރިވާން ޖެހޭ ބައަކަށް ވާން މިއޮތި ޖެހިފައެވެ.  
ބުނަން ހެއްޔެވެ؟ ބޮޑު ފާފައެއް ކަމަށް ދީނުގައި ބަޔާންވެގެންވާ ކޮންމެ ކަމަކީ އެކަމެއް ކުރަން ފެށުމުން ދެވި ހިފައި އެމީހަކަށް ބޮޑެތި ގެއްލުންތައް ލިބޭކަންކަމެވެ. އެއިގެ ތެރޭގައި ޞިއްޙަތަށް ލިބޭ ގެއްލުމާއި މާލީ ގޮތުން ލިބޭ ގެއްލުންވެސް ހިމެނެއެވެ.  
މިޘާލަކަށް ބުނާނަމަ ޒިނޭކުރުމާއި ބަނގުރާ ބުއިމާއި ޖުވާކުޅުން ފަދަ ކަންކަމަކީ ދެވިހިފައި މިބުނި ފަދަ ގެއްލުންތައް ލިބޭ ކަންކަމެވެ.  
ދެން އޮތީ ދޮގުހެދުމާއި މިނޫންވެސް ބައެއް ފާފަތަކެވެ. ދޮގުހެދުމަކީ ދިރިއުޅުން ހަލާކުވުމުގެ ތަޅުދަނޑިއެވެ. ގޭތެރޭގައި ފިތުނަ ފަސާދަ އުފެދިގެންދާ އެންމެ ބޮޑު ސަބަބެވެ. ޔަޤީންކުރާށެވެ. އެކަމެއް ކުރުމުން އެމީހަކަށް އެއްވެސް ވަރަކަށް ޙަޤީޤީ މަންފާއެއް ކުރާނެ އެއްވެސް ކަމެއް އިސްލާމް ދީނުގައި ޙަރާމްވެގެނެއް ނުވެއެވެ. އަދި ރަނގަޅަށް ބަލައިފިނަމަ އިސްލާމް ދީނުގައި ޙަރާމްވެގެންވާ ކޮންމެ ކަމަކީވެސް އެހެން ދީންތަކުގައިވެސް ހަމަ ޙަރާމްވެގެންވާ ކަންކަމެވެ.
ހުއްދަކޮށްގެން އުޅެނީ އެމީހުން އަމިއްލައަށެވެ. އެމީހުންގެ ފޮތްތަކުން އެކަން ރަނގަޅަށް އެނގޭނެއެވެ.  
މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް ބައެއް ފާފަތައް ކުރެވޭ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ބައަކު އެފަދަ ފާފަތައް ކުރާތަން ފެންނާތީ ގިނަބައަކު އެކަން ކުރަނީ އެކަމުގައި ގެއްލުމެއް ނުވާތީކަމަށް ވިސްނިގެން ކަމަށްވެދާނެއެވެ. ނޫނީ ހަމައެކަނި އިސްލާމްދީނުގައި އެކަން ޙަރާމްވެގެންވާކަމަށް ޤަބޫލުކުރެވޭތީ ހިތުގައި އުފެދޭ ޝައްކުތަކެއްގެ ސަބަބުން ކަމަސްވެސް ވެދާނެއެވެ.  
އެފަދަ މީހުންނަށް ކުރިން މިދެއްކި ވާހަކަތަކުން ކޮންމެވެސް މިންވަރަކަށް ވިސްނޭނެއެވެ. ދެން އޮތީ އެންމެ މުހިންމު ބައެވެ. އެއީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ދުނިޔޭގެ އެންމެން ކުރިނަމަވެސް ﷲ ތަޢާލާގެ ޙުކުމްފުޅަށް އެއްވެސް ބަދަލެއް ނުއަންނާނެ ކަމެވެ. ޤިޔާމަތްދުވަހުން އެންމެހައި މީސްތަކުން ކުރި ޢަމަލުތަކުގެ ޙިސާބު ބައްލަވާނީ ﷲ ތަޢާލާގެ ޙުކުމްފުޅަށް ކަމެވެ.  
މިކަންކަމަށް ވިސްނާ މީހަކު ﷲ ތަޢާލާ ޙަރާމްކުރެއްވެވި އެއްވެސް ކަމެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާނެއެވެ. އިން ޝާ ﷲ
 
- މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ