ޕެރިސް (އޮގަސްޓް 2) - މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި، ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ބެލެވޭ، އިޓަލީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާގެ ޑީލާ މެދު މެންޗެސްޓާ ޔުނައިޓެޑުން ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް މީިޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 26 އަހަރުގެ ޑޮނަރުންމާއާ އެކު، ޕީއެސްޖީން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޑޮނަރުންމާ، މި ވަގުތު ޕީއެސްޖީގައި ހުރީ ސީޒަނަކު 11 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. އާ ކޮންޓްރެކްޓާ އެކު ޕީއެސްޖީން ހުށަހެޅި ޑީލުގައި ބޯނަހާ އެކު ވެސް ޑޮނަރުންމާ އަށް ލިބޭނީ 11 މިލިއަން ޑޮލަރެވެ. އެހެންވެ، އޭނާ ވަނީ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދައިފަ އެވެ.
ޑޮނަރުންމާ ގަންނަން ގިނަ ކްލަބްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ޔުނައިޓެޑުން އެ މަސައްކަތް ރަސްމީ ސިފައެއްގައި ފަށަން އަންނަނީ މަސައްކަތްކުރަމުންނެވެ. ޔުނައިޓެޑްގެ ކޯޗު، ރުބެން އަމޮރިމް އެ ޓީމުގައި ހުރި ކެމަރޫންގެ ގޯލްކީޕަރު، އަންދްރޭ އޮނާނާ އާއި ތުރުކީގެ ކީޕަރު، އަލްޓޭ ބަޔިންދީރާ އެކު، ކުރިއަށްދާން ފުރިހަމަ ޔަގީންކަމެއް ނެތުމުން، އާ ކީޕަރެއް ހޯދަން މެނޭޖްމަންޓުގައި ވަނީ އެދިފަ އެވެ.
މި ވަގުތަށް ބަލާއިރު، ޓްރާންސްފާ މާކެޓްގައި، އެންމެ ރަނގަޅު ކީޕަރަކަށް ލިބެން އޮތީ ޑޮނަރުންމާ ކަމަށްވާތީވެ، ޔުނައިޓެޑުން ރަސްމީކޮށް ބިޑެއް ކުރަން އަންނަނީ މަޝްވަރާ ކުރަމުންނެވެ.
ޕީއެސްޖީން މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގާއި ފްރާންސްގެ ތިން މުބާރާތުގެ ތަށި ހޯދިއިރު ޑޮނަރުންމާ ވަނީ ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޒުވާން އުމުރެއްގައި އޭސީ މިލާނުގެ ފުރަތަމަ ޓީމަށް ކުޅެން ފެށި ޑޮނަރުންމާ، އެ ޓީމު ދޫކޮށްލީ 2021 ވަނަ އަހަރު ހިލޭ ޓްރާންސްފާއެއްގަ އެވެ. މިހާތަނަށް ޕީއެސްޖީ އަށް 161 މެޗު ކުޅެދީފައިވާއިރު، އެ ޓީމާ އެކު، 10 ޓްރޮފީ ހޯދި އެވެ.
ޕީއެސްޖީން ވަނީ ލިލްގެ ގޯލްކީޕަރު، ލޫކަސް ޗެވަލިއޭ ގަންނަން 40 މިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ. ފްރާންސްގެ ލެކިއުޕޭ ނޫހުން ރިޕޯޓްކުރާގޮތުގައި، ޗެވަލިއޭ ގަންނަން ޕީއެސްޖީން މަސައްކަތް ވަރުގަދަކުރީ ޑޮނަރުންމާ އެ ޓީމު ދޫކޮށްލުމުގެ ފުރުސަތު އޮތުމުންނެވެ.
ޔުނައިޓެޑުން ޑޮނަރުންމާގެ ޑީލާ މެދު ސީރިއަސް ޔުނައިޓެޑުން ޑޮނަރުންމާގެ ޑީލާ މެދު ސީރިއަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ