އިންޑިއާ އިން އެމެރިކާއަށް އެތެރެ ކުރާ މުދަލުން %25 ޑިއުޓީ ނަގަން ޓްރަމްޕް ނިންމަވައިފި

އަންނަ ހުކުރު ދުވަހުން ފެށިގެން އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން %25 ޑިއުޓީ ޓެރިފެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ. 
ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮތް އިންޑިއާއަށް އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ކަނޑައެޅިފައި ނުވާ އަދަބަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އަދަދެއް ނޫނީ އެއީ ކޮން ކަމެއް ކަމެއް ވިދާޅެއްނުވެ އެވެ.
"އިންޑިއާއަކީ އަޅުގަނޑުމެންގެ އެކުވެރި ގައުމަކަށް ވިއަސް، އެ ގައުމުގެ ޑިއުޓީ ޓެރިފް މާބޮޑަށް ބޮޑުވުމުގެ ސަބަބުން، އަޅުގަނޑުމެންނަށް އެމީހުންނާ އެކު ވަރަށް މަދު ވިޔަފާރީގެ މުއާމަލާތްތަކެއް ކުރެވިފައިވަނީ. އިންޑިއާގެ ޓެރިފްތައް ހުރީ ދުނިޔޭ ނިސްބަތުން ވެސް އެންމެ މަތީގައި،" ޓްރަމްޕް ވިދާޅުވި އެވެ.
"އެމީހުންގެ އަސްކަރީ ގިނަ ސާމާނު ހޯދާފައިވަނީ ރަޝިއާ އިން. އަދި ރަޝިޔާގެ ތެޔޮ ޗައިނާ މެދުވެރިކޮށް އެންމެ ގިނައިން ގަންނަ ގައުމަކީ ވެސް އިންޑިއާ. ރަޝިޔާއިން ޔޫކުރެއިނަށް އަރައިގަތުން ކުށްވެރިކޮށްފައިވަނިކޮށް އެކަން ކުރަމުން ދަނީ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާ އިން ކަނޑައެޅި ޓެރިފާ ބެހޭ ގޮތުން އިންޑިއާގެ ކޮމާސް މިނިސްޓްރީއަކުން އަދި އެއްޗެއް ނުބުނެ އެވެ.
ޓްރަމްޕްގެ މި ނިންމުމާ އެކު ދެ ގައުމުގެ މެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް އަންނާނެ ކަމުގެ އުއްމީދު ވަނީ ނިމުމަކަށް އައިސްފަ އެވެ. އެ ވާހަކަތައް ދައްކާތާ މިހާރު ވަނީ އެތައް މަހެއްވެފަ އެވެ.
އެމެރިކާ އާއި އިންޑިއާގެ ވިޔަފާރީގެ މަޝްވަރާވެރިން ވަނީ ހިޔާލު ތަފާތުވާ މައްސަލަތައް ހައްލުކުރުމަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ. ހާއްސަކޮށް އެމެރިކާގެ ދަނޑުވެރިކަމާއި ކިރުގެ ބާވަތްތަކަށް މާކެޓް ހޯދުމާ ބެހޭ ގޮތުންނެވެ.
ބައެއް ދާއިރާތަކުން ކުރިއެރުން ލިބުނު ނަމަވެސް އިންޑިއާގެ އޮފިޝަލުން ވަނީ އެތެރޭގެ ބާޒާރަށް ގޮދަނުގެ ބާވަތްެތަކާއި ކޯން، ހަނޑޫ އަދި ޖެނެޓިކަލީ މޮޑިފައިޑް ސޯޔާބީން އެތެރެކުރުމުގެ ހުއްދަ ދިނުމާ ދެކޮޅު ހަދައިފަ އެވެ. އިންޑިއާގެ އޮފިޝަލުން ބުނަނީ އެކަން ކޮށްފި ނަމަ، އިންޑިއާގެ އެތައް މިލިއަން ދަނޑުވެރިންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އަލަށް ނަގާ ޓެރިފްތަކުގެ ސަބަބުން އިންޑިއާއިން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ބެލެވެ އެވެ. މިދިޔަ 2024 ވަނަ އަހަރު ގާތްގަނޑަކަށް 87 ބިލިއަން ޑޮލަރުގެ މުދާ އިންޑިއާ އިން އެމެރިކާއަށް އެކްސްޕޯޓް ކުރި އެވެ. އޭގެ ތެރޭގައި ފޭރާމާއި ފާމަސޫޓިކަލްސް އާއި ޖެމްސްޓޯން އަދި ގަހަނާ އާއި ޕެޓްރޯކެމިކަލް ފަދަ ސާމާނު ހިމެނެ އެވެ.
އެމެރިކާއަކީ މިހާރު އިންޑިއާއާ އެކު 45.7 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ޑެފިސިޓެއް އޮތް ގައުމެކެވެ.
ޓްރަމްޕް ގެންގުޅުއްވާ "ލިބަރޭޝަން ޑޭ" ވިޔަފާރީގެ ސިޔާސަތުގެ ސަބަބުން ޓެރިފް ބޮޑުވަމުންދާ ގައުމުތަކުގެ ތެރޭގައި އިންޑިއާ މިހާރު ހިމެނެ އެވެ.
ވައިޓް ހައުސްއިން މީގެ ކުރިން ބުނެފައިވަނީ ދަނޑުވެރިކަމުގެ ބާވަތްތަކުން އެވްރެޖްކޮށް އިންޑިއާ އިން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލުން %39 ޑިއުޓީ ނަގާ ކަމަށެވެ. އެ ގޮތުން ތަރުކާރީ ތެލުގެ އަގު %45އަށް އަދި އާފަލާއި ދޮނަޅައިގެ އަގު ގާތްގަނޑަކަށް %50އަށް އުފުލުން ހިމެނެ އެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޓްރަމްޕް މީގެ ކުރިން އެއްބަސްވެވަޑައިގެންފައި ވަނީ ވިޔަފާރީގެ އެއްބަސްވުމެއްގެ ފުރަތަމަ ފިޔަވަހި 2025 ވަނަ އަހަރުގެ އޯޓަމްގެ ކުރިން ފައިނަލްކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް ބައިލެޓަރަލް ޓްރޭޑް 500 ބިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ