މެލޭޝިއާގައި އިތުރުކުރާ ޓެކްސް، ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތެއް ހޯދައިދޭނަން: ހައިދަރު
ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގައި، ބޭރުގެ ދަރިވަރުން ކިޔަވާ އަމިއްލަ ސްކޫލްތަކާއި ޔުނިވާސިޓީތަކުން ހަ ޕަސެންޓުގެ ސާވިސް ޓެކްސްއެއް ނަގަން ފަށާތީ، އެ ޓެކްސް ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް ހަމަޖައްސައިދެއްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ. މެލޭޝިއާގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުގެ މަތިން، ސޭލްސް އެންޑް ސާވިސް ޓެކްސް (އެސްއެސްޓީ)އަށް ގެންނަ ބަދަލެއްގެ ދަށުން، ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް (218,542.95 ރުފިޔާ)އަށް ވުރެ ބޮޑު އަދަދެއް ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހޭނެއެވެ. އަދި މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، ރެޖިސްޓާ ކުރަން ޖެހޭނެއެވެ. ނަމަވެސް އެ ޓެކްސްއިން މެލޭޝިއާގެ ރައްޔިތުން އިސްތިސްނާ ވާނެއެވެ. https://sun.mv/207829 އަންނަ އަންގާރައިގައި އަމަލުކުރަން ފަށާ އެ ބަދަލާއެކު، ސީދާ ދަރިވަރުންނަށް ޓެކްސް ދައްކަން ޖެހިދާނެ ކަމަށް ނުވަތަ ކޮލެޖު ފީ ވަރަށް ބޮޑަށް އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން "ސަން"އިން ސުވާލުކުރުމުން ހައިދަރު ވިދާޅުވީ، އެފަދަ ޓެކްސްއެއް ދައްކަން ޖެހޭ ނަމަ ބުރައަކަށް ނުވާނެ ގޮތަކަށް އެކަމަށް ކޮންމެ ވެސް ގޮތެއް ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން މިހާތަނަށް މެލޭޝިއާއާ ރަސްމީ ގޮތެއްގައި މަޝްވަރާކޮށްފައިނުވާ ކަމަށާއި ނަމަވެސް މި ހަފުތާގައި މަޝްވަރާތައް ފަށާނެ ކަމަށެވެ. "އަޅުގަނޑުމެން އަބަދުވެސް މި ބަަލަނީ ދަރިވަރުންނަށް އިތުރު ބުރައަކަށް ނުވާނެ ގޮތަކަށް ކަންތައްތައް ފަސޭހަކޮށްދޭން،" މިނިސްޓަރު ވިދާޅުވިއެވެ. މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން މިމަހުގެ ނުވަ ވަނަ ދުވަހު ނެރުނު ބަޔާނެއްގައިވަނީ ޓެކްސްއަށް ބަދަލު ގެނައުމުގެ މަގުސަދަކީ، ގައުމުގެ ރައްޔިތުންނަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޓެކްސް ނަގާ ގޮތްތައް އިތުރުކުރުމާއި ގައުމުގެ އިގުތިސާދު ކުރިއެރުވުން ކަމަށެވެ. މެލޭޝިއާއަކީ މެޑިސިންއާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ގިނަ އަދަދެއްގެ ދިވެހީން ތައުލީމު ހާސިލުކުރާ އަދި ގިނަ ދިވެހީން ދިގު މުއްދަތަކަށް ދިރިއުޅެން ވެސް ޚިޔާރުކުރަމުން އަންނަ ގައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ