ލިއޯންއަށް މިވީ ކިހިނެތް؟

ފްރެންޗް ލީގު އާންގެ އެންމެ ފާހަގަ ކޮށްލެވޭ އަދި ކާމިޔާބު އެއް ޓީމު ކަމުގައިވާ އޮލިމްޕިކް ލިއޮނޭސް ނުވަތަ ލިއޯން ލީގު ޓޫއަށް ރެލިގޭޓް ކުރި ޚަބަރުވީ ޔޫރަޕްގެ ފުޓްބޯޅައިގާ ހައިރާންކަން ލިބުނު ޚަބަރަކަށެވެ. ފްރެންޗް ލީގު އާންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ލިއޯން ލީގު ޓޫއަށް ރެލިގޭޓް ކޮށްފައިވަނީ އެކްލަބްގެ މާލީ ހާލަތު ހުރިގޮތުން މިފެންވަރުގައި ބާއްވަން ނުފެންނަކަމަށް ފަރަންސޭސިވިލާތުގައި ފްރެންޗް ޕްރޮފެޝަނަލް ފުޓްބޯލް ކްލަބްސްގެ އެކައުންޓްސްތައް ބެލުމުގައި އިސްދައުރެއް އަދާކުރާ ޑީއެންޖީސީއަށް ފެނުމުންނެވެ. ބުނެވޭގޮތުގައި ޑީއެންޖީސީން ވަނީ މި ކްލަބް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރެލިގޭޓް ކުރުމަށް ނިންމާފައެވެ. ނަމަވެސް އެކްލަބަށްވަނީ ސީޒަން ނިމެންވާއިރަށް އެކްލަބްގެ ހާލަތު ރަނގަޅުވެފައިވާކަން ސާބިތު ކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެކަން އެގޮތަށް ކުރެވިއްޖެނަމަ މިކަން ބަދަލުކުރެވިދާނެކަމަށް ވެސް ޑީއެންޖީސީން ހާމަކޮށްފައިވާކަމަށްވެއެވެ. ޑީއެންޖީސީން މިނިންމުން ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ކްލަބްގެ ވެރިފަރާތްކަމަށްވާ ޖޯން ޓެކްސްޓާ އާއި އެކްލަބްގެ އޮފިޝަލުންނާ ބައްދަލުކުރުމަށްފަހުއެވެ. އަދި މިބައްދަލުވުމުގައި ވެސް ޑީއެންޖީސީން ހިތްހަމަ ޖެހޭވަރަށް މިފަރާތްތަކަށް އެކްލަބްގެ މާލީ ހާލަތު ހުރިކަމަށް ސާބިތުކޮށްދެވިފައި ނުވާކަމަށްވެއެވެ. ލިއޯންއިން ނެރުނު ބަޔާނެއްގައި އެކްލަބުން ވަނީ ޑީއެންޖީސީގެ ނިންމުން އެންމެ ފުރިހަމަ ނޫން ކަމަށާއި އެކްލަބުން މިކަން އެޕީލް ކުރާނެކަމަށެވެ. ލިއޯންއިން ވަނީ މިދިޔަ ސީޒަން ނިމުމާއެކު މިހާތަނަށް މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން މުހިންމު ފިޔަވަޅު ތަކެއް ފުރިހަމަ ކޮށްފައެވެ. މިގޮތުން ޓީމުގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔާ އަދި ޓީމުގެ ކެޕްޓަން އެލެގްޒެންޑާ ލަކަޒެޓް އާއި އެންތަނީ ލޯޕޭޒްވަނީ ކްލަބުން ދޫކޮށްލާފައެވެ. މިއީ ކްލަބްގައި އެންމެ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ކުޅުންތެރިންނެވެ. ހަމައެއާއެކު މެކްސެންސް ކަކުއަރޭ އާއި ރަޔަން ޝާކީ ވިއްކާލައިގެން 45 މިލިއަން ޕައުންޑް ވެސް ހޯދައިފައިވެއެވެ. ކްލަބްގެ އީގަލް ފުޓްބޯލް ގްރޫޕްގެ 43 ޕަސަންޓު ހިއްސާ އޮންނަ އިންގްލިޝް ޕްރިމިއާ ލީގުގެ ކްލަބް ކްރިސްޓަލް ޕެލަސްގެ ހިއްސާތައް ވެސް ނިއުޔޯކް ޖެޓްސްގެ ވެރިޔާ ވޫޑީ ޖޯންސަންއަށް ވިއްކާލުމުގެ ހުރިހާ ކަމެއްވެސް ވަނީ ހަމަޖެހިފައެވެ. މިހުރިހާ ކަމަކާއެކު ލިއޯން އިން ބުނީ 2025-2026ވަނަ ސީޒަންގައި ކްލަބްގެ ހުރިހާ ކަމެއް ދަތިކަމެއް ނެތި ކުރެވޭ ވަރަށް ކްލަބްގެ މާލީ ހާލަތު ތަންދޭނެކަމަށެވެ. އަދި ޑީއެންޖީސީއާ ވަރަށް ގާތުން މިދިޔަ ދެތިން މަހު އެކްލަބުން މަސައްކަތް ކޮށްފައިވާނެކަމަށް ވެސް ލިއޯން ފާހަގަ ކުރެއެވެ. ލިއޯންގެ ރެލެގޭޝަން ފުރިހަމަ ވެއްޖެނަމަ އެޖާގަ ފުރާނެކަމަށްވަނީ ރެލެގޭޝަން ޕްލޭ އޮފްގައި މެޓްޒް އަތުން ބަލިވި ރެއިމްއެވެ. ފްރެންޗް ލީގު އާންގެ އިތުރުން ޔޫރޮޕާ ލީގުގައި ރަނގަޅު ކުޅުމެއް މިދިޔަ ސީޒަންގައި ދެއްކި ލިއޯން އެންމެ ފަހުން ދެވަނަ ޑިވިޝަންގައި ވާދަކޮށްފައިވަނީ 1989ވަނަ އަހަރުއެވެ. މިދިޔަ ސީޒަންގައި ކުރިން ލީގު އާންގެ ތަށި ހަ ފަހަރަށް އުފުލާލާފައިވާ ބޯޑޯވެސް ވަނީ ބޭންކްރަޕްޓް ވުމުގެ ސަބަބުން ލީގު ޓޫ އިން ހަތަރުވަނަ ދަރަޖައަށް ވައްޓާލައިފައެވެ. ލިއޯންއަށް ދިމާވެފައިވާ މިމައްސަލައިގެ ފައިދާ އެންމެ ބޮޑަށް ވާނެ އެއް ބަޔަކަށް ވާނީ ޕްރިމިއާ ލީގުގެ ޕެލަސްއެވެ. އެއީ އެކްލަބް ބަޔަކަށް ނިސްބަތްވާ ގިނަ ކްލަބް ތަކަކަށް އެއް މުބާރާތެއްގައި ނުކުޅެވޭގޮތަށް ޔުއޭފާއިން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން މިއަންނަ ސީޒަންގެ ޔޫރޮޕާ ލީގުން މިހާރު ޖާގަލިބިފައިވަނީ ލިއޯން އަށެވެ. ނަމަވެސް ލިއޯން ރެލިގޭޓް ވެއްޖެނަމަ ލިއޯންއަށް ލީގުގެ ހަވަނަ މަގާމް ގެއްލި އެފުރުސަތު އިނގިރޭސި އެފް އޭ ކަޕްގެ ޗެމްޕިއަން ޕެލަސްއަށް ލިބުމުގެ ފުރުސަތު ބޮޑެވެ. މިދެ ކްލަބްވެސް މިވަގުތު އަދި އޮތީ އީގަލްސް ފުޓްބޯލް ގްރޫޕްގެ ދެޓީމުގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ