އަމިއްލަ ގައުމުގައި އިކުއެޑޯ ބަލިކޮށް މެކްސިކޯ ކުރިއަށް

ފުރަތަމަ ހާފުގައި ހޫލިއަން ކުއިނޯނެސް އާއި ރައުލް ހިމިނޭޒް ޖެހި ލަނޑުތަކުން 2-0އިން އިކުއެޑޯ ބަލިކޮށް މެކްސިކޯއިން ގަދަ 16ގެ ޖާގަ މިއަދު ކަށަވަރުކޮށްފި އެވެ.
މި މެޗުގެ ފަހު ވަގުތުކޮޅު އިދިކޮޅު ކުޅުންތެރިޔާއަށް ނުރުހުމުގައި އެއްޗެއް ބުނިއިރު އަނގަ މަތީ އަތްެ އެޅުމުގެ ސަބަބުން އިކުއެޑޯގެ ޕިއޭރޯ ހިންކަޕީއަށް ރަތް ކާޑު ވެސް ދެއްކި އެވެ. މިއީ މި ވޯލްޑް ކަޕްގައި ތައާރަފުކުރި ކުށަށް މިފަހަރު ދެއްކި ދެވަނަ ރަތް ކާޑެވެ.
ހިމިނޭޒްގެ ހުނަރުވެރިކަން މި މުބާރާތުގައި އަންނަނީ ފާހަގަކުރެވެމުންނެވެ. އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ތިން މެޗެއްގައި މެކްސިކޯއަށް ލަނޑު ޖަހައިދީފަ އެވެ. މިއަދުގެ ދެވަނަ ލަނޑު ޖަހަން ބޯޅަ ދިއްކޮށްލީ ވެސް 29 އަހަރުގެ ކުޅުންތެރިޔާ އެވެ.
މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި، 80،000 މީހުންގެ ކުރިމަތީގައި ކުޅުނު މެޗުގައި މެކްސިކޯއިން ދެއްކީ، މިހާތަނަށް ތަމްސީލްކުރަމުން އަންނަ، ދިފާއު އާއި ހަމަލާގެ ބެލެންސް ކުޅުމެކެވެ. އެކަމަކު މެޗުގެ ބޮޑު ބައިގައި ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިކުއެޑޯ އެވެ. މައްސަލައަކަށް ދިމާވީ ގޯލަށް ބޯޅަތައް އަމާޒުނުކުރެވުމެވެ. އެގޮތުން އިކުއެޑޯއަށް މެކްސިކޯގެ ގޯލަށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ.
ގަދަ 16ގައި މެކްސިކޯ ބައްދަލުކުރަން ޖެހޭނީ މިރޭ އޮންނަ އިންގްލެންޑް އާއި ޑީއާރު ކޮންގޯގެ މެޗުން ބޮޅުވާ ބަޔަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ