ނަތަންޔާހޫއާ ވާދަޔަށް ސިފައިންގެ ކުރީގެ ވެރިޔާ ނުކުމެއްޖެ

އިޒްރޭލު އަސްކަރިއްޔާގެ ކުރީގެ ޗީފް އޮފް ސްޓާފް ގޯޑީ އައިޒެންކޮޓް، ބެންޖަމިން ނަތަންޔާހޫގެ އަތުން ބޮޑުވަޒީރުކަމުގެ މަގާމު ހޯދަން ރަސްމީކޮށް އިންތިހާބުގެ ކެމްޕެއިން ފަށައިފި އެވެ. 
އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވާ ތާރީހަށްވުރެ ހަތަރު މަސް ކުރިން ބޭއްވި ފުރަތަމަ ކެމްޕޭން ބައްދަލުވުމުގައި އައިޒެންކޮޓް ބުނީ "އިޒްރޭލު އާ ބާބެއް ފެށުން ހައްގު" ކަމަށާއި އެކަން ކުރާނީ އެންމެން އެކުގައި ކަމަށެވެ. 
"އިޒްރޭލުގެ މުސްތަގުބަލަށްޓަކައި، އަންނަ އޮކްޓޫބަރު މަހު 'އޮކްޓޫބަރު 7' ގެ ސަރުކާރުގެ ދައުރު ތާރީޚުގެ ތެރެއަށް ނިމިގެންދާނެކަން އަޅުގަނޑުމެން ކަށަވަރު ކުރަންޖެހޭ،" ނަތަންޔާހޫގެ ވެރިކަމުގައި 2023 ވަނަ އަހަރު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.
ޣައްޒާ ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ގެންގުޅުނު ސިޔާސަތުތަކާއި އަމަލުތަކަށް ވަރަށް ބޮޑަށް ކިޔާފައިވާ އައިޒެންކޮޓް، އޭނާގެ އަމިއްލަ ޕާޓީ ކަމަށްވާ "ޔާޝާރު" އުފެއްދީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.
އިޒްރޭލުގެ ޗެނަލް 12 އިން މި ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އޭނާގެ ޕާޓީއަށް ޕާލަމެންޓުގެ 120 ގޮނޑީގެ ތެރެއިން 22 ގޮނޑި ލިބޭނެ އެވެ. އެއީ 24 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭ ނަތަންޔާހޫގެ ލިކޫޑް ޕާޓީއާ ވަރަށް ގާތްކުރާ އަދަދެކެވެ.
މޮރޮކޯގެ ޔަހޫދީ ހިޖުރަވެރިންގެ އާއިލާއަކަށް އުފަން އައިޒެންކޮޓަށް އާންމުންގެ ބޮޑު ތާއީދެއް ލިބިފައިވެ އެވެ. ހާއްސަކޮށް، އޭނާގެ ފިރިހެން ދަރިފުޅު ގާލް އާއި ދެ ކޮއްކޮއެއްގެ ދަރިން ޣައްޒާގެ ހަނގުރާމައިގެ ތެރޭ މަރުވެފައިވުމުން، އާންމުންގެ ހަމްދަރުދީ އޭނާއަށް ވަރަށް ބޮޑަށް އޮވެ އެވެ.
އުމުރުން 66 އަހަރުގެ އައިޒެންކޮޓް ސިޔާސީ ދާއިރާއަށް ފުރަތަމަ ވަނީ 2022 ވަނަ އަހަރު، އަސްކަރިއްޔާގެ ކުރީގެ ވެރިއެއް ކަމަށްވާ ބެނީ ގާންޓްޒްއާ އެކުގައެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން ޖޫން 2024 ގައި އިސްތިއުފާ ދިނުމާ ހަމައަށް ނަތަންޔާހޫގެ 'ހަނގުރާމައިގެ ކެބިނެޓް'ގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް، އިޒްރޭލް-ފަލަސްތީނުގެ މައްސަލަ ހައްލުކުރުމާ ބެހޭގޮތުން އޭނާ ގެންގުޅޭ ވިސްނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އިއްޔެ ބޭއްވި އެއްވުމުގައި އޭނާ ބުނީ "އިޒްރޭލަށް ބޭނުންވަނީ ތެދުވެރި އަދި އަބުރުވެރި ޒަޔަނިސްޓް ލީޑަޝިޕެއް" ކަމަށެވެ. 
އޭނާ ބުނީ މިހާރު އޮތީ އެއްވެސް ތަސައްވުރެއް، ސްޓްރެޓެޖީއެއް އަދި މިސްރާބެއް ނެތް ލީޑަޝިޕެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ