މޭރީ މަރާލުމުގައި ބައިވެރިކަމުގެ ކުށުގައި ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި އޭނާގެ ފިރިމީހާއާއެކު ބައިވެރިވުމުގެ ދައުވާލިބޭ ހަލީމަތު ލަމްހާ 15 އަހަރާއި ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ. 
އޮކްޓޫބަރު، 2021 ގައި މޭރީއަށް ހަމަލާދީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) ގެ މައްޗަށް ދައުވާ ކުރިއިރު، ލަމްހާގެ މައްޗަށް ވެސް ދައުވާކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އެ މައްސަލާގައި މާވިންގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފައިވެ އެވެ. އަދި މީގެ އިރުކޮޅެއް ކުރިން ބޭއްވި މަޖިލީހުގައި ލަމްހާގެ މައްޗަށް އިއްވީ ޖުމްލަ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ބަންދުގައި ތިން އަހަރާއި ފަސް މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އެ މުއްދަތު އުނިވާނެ އެވެ. 
ލަމްހާގެ މައްޗަށް ކުރީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ. 
މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ލަމްހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. އެގޮތަށް އެދުނީ ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު އެ އަމަލު ހިންގާފައިވާތީ އެވެ.
The most trusted news source in the Maldives
މީގެ އިތުރުން ދުރާލާ ރާވައިގެން، އެއްވެސް ކުލުނެއް ނެތި ހިންގި އެ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ އަދި މަންމަގެ ލޯބިން މަހުރޫމްވި ކަން ދައުލަތުން ފާހަގަކުރި އެވެ. އަދި މޭރީ މަރާލުމުގެ މަގުސަދަކީ މާވިންއާ އެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުން ކަމަށް ވެސް ދައުލަތުން ބުންޏެވެ. 
ލަމްހާގެ ފަރާތުން އެދުނީ އޭނާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ. އަދި ޖަލު އަދަބު އެހެން އަދަބެއް ގޮތަށް ކަނޑައަޅައިދޭން ލަމްހާގެ ފަރާތުން އެދުނީ އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވާތީ އާއި ލަމްހާއަކީ ތައުލީމުގެ އެހީގައި ކުދިންނަށް ޓިއުޝަންދީ އަދި ފަހައިގެން އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށްވާތީ އެވެ. 
މީގެ އިތުރުން ކުށުގެ އަދަބާ އަޅާ ބަލާއިރު ލަމްހާ މިހާރު ވެސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާތީ އެ މުއްދަތަށް ބަލާއިރު ޖަލު އަދަބު ބަދަލުކޮށްދިނުމަށް އެދުމުގެ ފުރުސަތު އެބައޮތް ކަން ލަމްހާގެ ވަކީލް ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ޖަލު އިތުރަށް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
The most trusted news source in the Maldives
ނަމަވެސް، އެ މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ލަމްހާގެ މައްޗަށް ޖަލު އަދަބުގެ ބަދަލުގައި އެހެން އަދަބެއް ކަނޑައަޅަން ޖެހޭ ހާލަތެއް އަދި އަދަބު ދަށް ކުރަން ޖެހޭ ހާލަތެއް ވެސް ނެތް ކަމަށެވެ. 
ގާޒީ ވިދާޅުވީ އެ ކުށުގައި ލަމްހާ އަދާކުރި ދައުރާއި އެކަމުގައި ބައިވެރިވި މިންވަރު އަދި މޭރީގެ މަރު ފޮރުވަން މަސައްކަތް ކޮށްފައިވާތީ އޭނާގެ އަދަބުގެ ދަރަޖަ މަތިކުރަން ޖެހޭ ކަމަށެވެ. އަދި މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތް ކަމާއި އެކަމުގައި އެންމެ މަތީ ދަރަޖައަށް ލަމްހާ ބައިވެރިވެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 
އެހެންވެ ގާޒީ ކަނޑައެޅުއްވީ އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް ލަމްހާގެ މައްޗަށް އިއްވުމަށެވެ. އަދި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އަދަބެއްގެ ގޮތުން ތިން މަހުގެ ޖަލު ހުކުމުގެ އަދަބާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާގެ އަދަބެއްގެ ގޮތުން އެއް މަހުގެ ޖަލު ހުކުމެއް ގާޒީ އިއްވެވި އެވެ. 
ދައުލަތުން ކުރި ދައުވާގައިވާ ގޮތުގައި މާވިން އާއި ލަމްހާއާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވެ އެވެ. އަދި އެ ދެ މީހުން ރާވައިގެން މޭރީ މަރާލީ މާވިން ކަމަށާއި އަދި މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވީ ކަމަށް ބުނެ އެކަން ރިޕޯޓްކުރީ މާވިން ކަމަށް ދައުލަތުން ބުނެ އެވެ. އަދި މޭރީ މަރާލި ވަގުތު މޭރީގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ލަމްހާ ދިޔަ ކަމަށް ވެސް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ