އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ބޯޅައެއް ފޮނުވަނީ

ފީފާ ވޯލްޑް ކަޕް މުބާރާތް އެމެރިކާގެ ގައުމީ ޓީމުން ކާމިޔާބުކޮށްފިނަމަ، ހަނދަށް ފުޓްބޯޅައެއް ފޮނުވުމަށް އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާގެ ވެރިޔާ ޖެރެޑް އައިޒަކްމަން ވައުދުވެވަޑައިގެންފިއެވެ. ހަނދުގައި އެމެރިކާގެ ބޭސް އެޅުމަށް ނާސާއިން ރާވަމުންދާ މަޝްރޫއުތަކުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އައިޒަކްމަން ވަނީ އެމެރިކާ ޓީމަށް ހިތްވަރުދެއްވައި، މިއީ އެމެރިކާ ގައުމީ ޓީމަށް ދޫކޮށްލާ ޗެލެންޖެެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތާ ދިމާކޮށް ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައިއެސްއެސް) އަށް މިފަހަރުގެ ވޯލްޑް ކަޕް ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް އެމެރިކާ މުބާރާތް ކާމިޔާބުކޮށްފިނަމަ، ތާރީޚުގައިވެސް ފުޓްބޯޅައެއް ނުގެންދާހާ ދުރަށް އެ ބޯޅަ ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އައިޒަކްމަން ފާހަގަކުރެއްވި ގޮތުގައި 1971 ވަނަ އަހަރު އެސްޓްރޮނޯޓް އެލަން ޝެޕަޑް ވަނީ ހަނދުގެ މަތީގައި ގޮލްފް ކުޅެފައެވެ. ނާސާގެ އަމާޒަކީ އެލަން ޝެޕަޑަށްވުރެ އެއް ފިޔަވަޅު ކުރިއަށްޖެހިލައި ހަނދަށް ފުޓްބޯޅައެއް ފޯރުކޮށްދިނުމެވެ. މި ބޯޅަ ހަނދަށް ގެންދާނީ ކުރިއަށްއޮތް އަހަރުތަކުގައި ހަނދުގައި ބޭހެއް ހެދުމަށް ފޮނުވާ ސައިންޓިފިކް އާލާތްތަކުގެ ބަރުދަނާއެކުގައެވެ. ނާސާގެ މޫން ބޭސް ޕްރޮގްރާމް މެނޭޖަރު ކާލޮސް ގާސިއާ ވިދާޅުވީ އެމެރިކާ މުބާރާތް ކާމިޔާބުކޮށްފިނަމަ ބޯޅަ ފޮނުވާނެ ޖާގަ ހޯދާނެކަމަށެވެ. އަދި މިއީ އެމެރިކާ ޓީމަށް އުނދަގޫ މަގަކަށް ވިޔަސް، ބޯޅައަކީ ލުއި އެއްޗަކަށްވުމުން މި ދަތުރުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ