ޓްރަމްޕަށް މިދިޔަ އަހަރު ކްރިޕްޓޯއިން 1 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 2025 ވަނަ އަހަރު އޭނާގެ ކްރިޕްޓޯކަރަންސީ ވިޔަފާރިތަކުން ގާތްގަނޑަކަށް 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިވަޑައިގެންފައިވާ ކަމަށް ޔޫއެސް އޮފީސް އޮފް ގަވަންމަންޓް އެތިކްސް އިން އަންގާރަ ދުވަހު އާންމުކުރި ލިޔެކިޔުންތަކުން ދައްކައިފި އެވެ. 
އެމެރިކާގެ ރައީސް އާއި ނައިބު ރައީސް އެ ބޭފުޅުންގެ އާމްދަނީ އާއި މުދަލުގެ ބަޔާން ހާމަކުރުން 1978 ވަނަ އަހަރު ހަދާފައިވާ ގާނޫނެއްގެ ދަށުން ލާޒިމްކުރެ އެވެ.
އެ ގާނޫނުގެ ދަށުން ހާމަކުރި، 900 އަށްވުރެ ގިނަ ސަފުހާގެ ލިޔެކިޔުންތަކުގައިވާ ގޮތުން، "ވޯލްޑް ލިބަޓީ ފައިނޭންޝަލް" (ޑަބްލިޔުއެލްއެފް) ކްރިޕްޓޯ ކުންފުންޏާ އޮތް ގުޅުމުގެ ތެރެއިން ޓްރަމްޕަށް ގާތްގަނޑަކަށް 550 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވެ އެވެ.
ސެޕްޓެމްބަރު 2024 ގައި ތައާރަފުކުރި މި ކްރިޕްޓޯ ޕްލެޓްފޯމަށް ޓްރަމްޕްގެ އާއިލާއިން ވަނީ އެހީތެރިކަންދީ، އެ ބޭފުޅުންގެ ނަން ބޭނުންކުރުމުގެ ހުއްދަ ދީފަ އެވެ.
ވޯލްޑް ލިބަޓީ ފައިނޭންޝަލް އިން އަމިއްލަ ކްރިޕްޓޯކަރަންސީއެއް ކަމަށްވާ ޑަބްލިޔުއެލްއެފްއައި ނެރުނުއިރު، އޭގެ ފުރަތަމަ ވިޔަފާރިތަކުން އެކަނިވެސް 550 މިލިއަން ޑޮލަރު ލިބުނެވެ.
މީގެ އިތުރުން، ޓްރަމްޕާއި އޭނާގެ ތިން ފިރިހެން ދަރިން ވަނީ "ޑީޓީ މާކްސް ޑެފީ" ކިޔާ އިންޓަމީޑިއަރީ ކުންފުންޏެއް މެދުވެރިކޮށް، އިތުރު 22.5 ބިލިއަން ޑަބްލިޔުއެލްއެފްއައި ހޯއްދަވައިފަ އެވެ. މީގެ މިހާރުގެ އަގަކީ ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރެވެ.
އޭޕްރީލް 2025 ވަގައި ޑަބްލިއުއެލްއެފްއިން ވަނީ އެ މީހުންގެ "ސްޓޭބަލްކޮއިން" އެއް ވެސް ބާޒާރަށް ނެރެފަ އެވެ. ސްޓޭބަލް ކޮއިން އަކީ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި އާންމު ފައިސާއަކާ ގުޅުވާފައިވާ ޑިޖިޓަލް ފައިސާއެކެވެ. މި މުއާލަމާތުގައި އެއީ އެމެރިކާ ޑޮލަރެވެ.
ޓްރަމްޕްގެ އާމްދަނީ ބަޔާނުގައި، 2025 ޖެނުއަރީގައި އޭނާ ރައީސްކަމުގެ ހުވާކުރެއްވުމުގެ މަދު ގަޑިއިރުތަކެއް ކުރިން ނެރުނު "$TRUMP" ކްރިޕްޓޯކަރަންސީގެ ލައިސެންސިން އެއްބަސްވުމުގެ ދަށުން ރޯޔަލްޓީގެ ގޮތުގައި ލިބުނު 635 މިލިއަން ޑޮލަރު ވެސް ހިމަނާފައިވެ އެވެ.
ފޯބްސް މަޖައްލާއިން ބުނާ ގޮތުގައި، ކްރިޕްޓޯ ދާއިރާގައި ޓްރަމްޕު ކުރެއްވި މަސައްކަތްތަކަކީ 2024 އާއި 2026 އާ ދެމެދު އޭނާގެ އަމިއްލަ މުއްސަނދިކަން 2.3 ބިލިއަން ޑޮލަރުން 6.5 ބިލިއަން ޑޮލަރަށް — ގާތްގަނޑަކަށް ތިންގުނައަށް — އިތުރުވެގެންދިޔަ މައިގަނޑު ސަބަބެވެ.
މި ކަންކަމާ ހެދި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ކުރީގެ މަހުޖަނަށް މަސްލަހަތު ފުށުއެރުމުގެ ތުހުމަތުތައް އާންމުކޮށް ކުރެވެ އެވެ. ހާއްސަކޮށް، އޭނާ ރައީސްކަމުގައި ހުންނަވައިގެން ކްރިޕްޓޯ ދާއިރާގެ ގަވާއިދުތައް ލުއިކޮށްދެއްވުމަށް އެތައް ފިޔަވަޅުތަކެއް އަޅުއްވައި، އެކަމުގެ ސަބަބުން ކްރިޕްޓޯގެ އަގުތައް އިންތިހާއަށް މައްޗަށް ދިޔައިރު، އޭނާ އަމިއްލައަށް އެ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާތީ އެވެ.
ޑަބްލިއުއެލްއެފް އާއި އޭގެ ކްރިޕްޓޯކަރަންސީން ލިބުނު އާމްދަނީގެ އިތުރުން، ކްރިޕްޓޯ މުއާމަލާތްތައް ކުރާ "ކޮއިންބޭސް" ފަދަ ހިއްސާގެ ބާޒާރުގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކުގެ ހިއްސާއިންވެސް ޓްރަމްޕް ވަނީ އެތައް މިލިއަން ޑޮލަރެއް ހޯއްދަވާފައެވެ.
ރައީސް ޓްރަމްޕްގެ މި މުދާ ހުރީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ މެނޭޖްކުރާ ޓްރަސްޓެއްގަ އެވެ. ނަމަވެސް އެ ޓްރަސްޓްގެ ގަވާއިދު ބުނާގޮތުން ކޮންމެ ވަގުތެއްގައި ވެސް އެ ޓްރަސްޓް އުވާލެވިދާނެ އެވެ. މިއީ އޭނާގެ ދެވަނަ ދައުރު ނިމުމާ އެކު، ބިލިއަނަރު ޓްރަމްޕަށް އަލުން އެ މުދާތަކުގެ ފުރިހަމަ ކޮންޓްރޯލް ހޯދިދާނެ ގޮތެކެވެ. -- އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ