މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރަން ހަރަދުވީ 4.1 މިލިއަން ރުފިޔާ: ހީނާ

މިދިޔަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ކުލަގަދަކޮށް ފާހަގަކުރި ހަރަކާތްތަކަށް ހަރަދުވީ 4.1 މިލިއަން ރުފިޔާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރާ ސުވާލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ މިއަދުގެ ޖަލްސާއަށް ހީނާ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. 
މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހިންގި ހަރަކާތްތަކަށް ހަރަދުވީ ކިހާ ވަރެއްތޯ އާއި ރަށްރަށުގައި އެކަމަށް ހިނގީ ކިހާ ހަރަދެއްތޯ ސުވާލުކުރެއްވުމުން ހީނާ ވިދާޅުވީ އެކަމަށް ހިނގި ޖުމްލަ ހަރަދަކީ 4.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި މާލޭ ފިޔަވައި އަތޮޅު ތެރޭގެ އެއްވެސް ހިސާބެއްގައި މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިނިސްޓްރީން ހަރަކާތެއް ހިންގާފައި ނުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. 
އެހެންވެ، ޖުމްލަ ހަރަދު ހިނގާފައި ވަނީ މާލޭގައި އެ ހަރަކާތްތައް ބޭއްވުމަށް ކަމަށް ހީނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖުލައި 26 އާ ދިމާކޮށް ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވި އެވެ. 
ގިނަ ބައެއްގެ ބައިވެރިވުމާ އެކު އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން، ޖުލައި 28 އާ ހަމައަށް މިދިޔަ އަހަރު ސަރުކާރު ބަންދުކުރިއިރު އެ މުނާސަބަތާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ރާއްޖެ ވަޑައިގަތެވެ. 
ކުރިން މިނިސްޓްރީން އާންމުކޮށްފައިވާ ގޮތުގައި މިނިވަން ދުވަހުގެ ހަރަކާތްތައް ފަށާފައި ވަނީ ޖުމްހޫރީ މައިދާނުގައި ގައުމީ ދިދަ ނެގުމުގެ ހަރަކާތަކުންނެވެ. އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ބޭއްވިއިރު އޭގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް ހިމެނެ އެވެ. 
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމުގެ އިތުރުން މާލޭގެ ބޮޑެތި މަގުތަކުގައި މިނިވަން ދުވަހުގެ ފުޅަނދުބުރު ބާއްވައި އެމްއެންޑީއެފް ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑު، މާލެ އާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ