ޔާމީނާއި ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކޮށްފި

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކޮށްފިއެވެ.
އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި، އެ ފައިސާ ލޯންޑާ ކުރިކަމަށް އުފުލި ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ޔާމީނުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތަކަށް ބެލުމަށްފަހުއެވެ. ކްރިމިނަލް ކޯޓުގެ އެ ނިންމުމާއި ގުޅިގެން، ޔާމީންގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުފާނު ކޮށްފައެވެ.
ހައިކޯޓުން ވަނީ ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ނިންމައި، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް އަމުރުކޮށްފައެވެ. އެއާއެކު، ހައިކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ސުޕްރީމް ކޯޓުން ވަނީ ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުން ގޯސްކަމަށާއި ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށް ކަނޑައަޅާފައެވެ. ތިން ފަނޑިޔާރުންގެ ބެންޗަކުން މި މައްސަލަ ބެއްލެވީ، ފަނޑިޔާރު ޢައިޝާ ޝުޖޫން މުޙައްމަދާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.
މި މައްސަލައިގެ ޙުކުމް އިއްވަވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، "އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ހިންގި އިޖުރާއަތުގައި އައިބެއް އުޅޭނަމަ އެ ކަމެއް ހައި ކޯޓުގައި ފާހަގަކޮށްދިނުމަކީ ދައުލަތަށް ކުރެވެން އޮތް ކަމެއް" ކަމަށެވެ. އަދި ދަށު ކޯޓުގައި ހުށަނާޅާ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓެއްގައި ބެލޭނީ އެ ނުކުތާ ހުށަހެޅުމުގެ ފުރުސަތު ދަށު ކޯޓުގައި އެއްވެސް ގޮތަކުން ނެތް ނަމަ ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ކްރިމިނަލް ކޯޓުގައި މަޑުޖެހިފައި އޮތް އާރަށު މައްސަލައިގެ ޝަރީއަތް އަލުން ފެށޭނެއެވެ. ނަމަވެސް، މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތަކަށް ކޯޓަށް ރިއާޔަތެއް ނުކުރެވޭނެއެވެ. ޔާމީންގެ މައްޗަށް ރ. ފުއްގިރި މައްސަލައިގެ ދައުވާ ވެސް ކްރިމިނަލް ކޯޓުގައި އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ