ދިވެހިރާއްޖޭގައި މިހާރު ކަންބޮޑުވެގެން އުޅޭ އެއްވެސް ރައްޔިތަކު ނެތް ކަމަށާއި އެންމެންވެސް "ހެޕީ"ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބެމުންދާ ކަމަށެވެ. އެގޮތުން ބޭސްފަރުވާގެ ހިދުމަތާއި، ކާޑުގެ ބާވަތްތައް ދަތިކަމެއް ނެތި ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބޭންކު މެދުވެރިކޮށް ދަރިންގެ ސްކޫލް ފީ ދެއްކުމަށާއި، ބޭސްފަރުވާގެ ކަންކަމަށް ބޭނުންވާ ޑޮލަރުވެސް ރައްޔިތުންނަށް ބަރާބަރަށް ލިބެމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ސިނގިރޭޓުގެ އަގަށް ގެނެވުނު ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މީގެ ކުރިން ބިލު ބަލައިގަތުމަށް ވޯޓު ނުދީ ފިލި މެންބަރުންނަށްވެސް މިއަދު މި އިސްލާހަށް ވޯޓު ދޭން މަޖުބޫރުވާނެ ކަމަށެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގައުމުގެ އިގްތިސާދު ހަމަމަގަށް އަޅުވަމުންދާ ކަމަށާއި، ރައްޔިތުންނަށް ދަތިވާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް، ގައުމުގެ ހަގީގީ ހާލަތު ރައްޔިތުންނަށް ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ގައުމުގައި ކަންބޮޑުވެގެން އުޅޭ ރައްޔިތެއް ނެތް، އެންމެން ހެޕީ: ޝުޖާއު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ