އެސްޓީއޯއިން ހިންގަމުންއައި ބޭސްފިހާރަތައް "ސްޓޭޓްފާމާ" އަށް ރަސްމީކޮށް ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
ސަރުކާރުން ވަނީ ރާއްޖެއަށް ބޭސް އެތެރެކުމުގެ މަސައްކަތް ކުރުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންއާ ހަވާލުކޮށްފައެވެ. އަދި މިޙާރު ވަނީ އެސްޓީއޯއިން ހިންގަމުން އައި 193 ފާމަސީއެއް ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމަމުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ ފާމަސީތަކުގައި ހުރި ބޭހުގެ ސްޓޮކް ގުނާ ނިންމާފައިވާކަމަށެވެ. ޝާހް މާހިރު ވިދާޅުވީ ބޭޙުގެ ސްޓޮކް ބެލެހެއްޓުމަށް ބޭނުންވާ ސިސްޓަމް ބަހައްޓާ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ލައިވްކޮށް ސްޓޮކް އިނގޭނެ. ހުރިހާ ފާމަސީގެ ސިސްޓަމްއާއި ހުރިހާ ރަޖިސްޓްރީތައް ސްޓޭޓް ފާމަ ދަށަށް ބަދަލުވާނެ. މިހާރު ކުރަމުންދަނީ އެޑްމިނިސްޓްރޭޝަން މަސައްކަތްތައް.""ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ބޭސް ގެނައުމާއި ހަމަކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ. ޝާހު މާހިރު ވިދާޅުވީ މިހާރު އެސްޓީއޯއިން އޯޑަރުކޮށްފައިވާ ބޭސްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށެވެ. އަދި ރާއްޖެއިން ނުލިބޭ ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެނެގަނެ ކުރިއަށްއޮތްތަނުގައި ދުރާލާ ބޭސްހޯދުމުގެ މަސައްކަތްތައް ކުރިއަށްދާނެކަންވެސް ޝާހު މާހިރު ވިދާޅުވިއެވެ.
ބޭސް ލިބުމުގެ ދަތިތައް ހައްލުކުރަން އެކުންފުނިން ކުރި ދިރާސާގައި ރާއްޖޭގައި ބޭނުން ކުރާ ބޭހުގެ ތެރެއިން އެސްޓީއޯގައި ރެޖިސްޓަރކޮށްފައިވަނީ އެންމެ 25 އިންސައްތަ ބޭހެވެ. އެހެން ކަމުން މުޅި ނިޒާމަށް ހައްލެއް ގެނައުމަށް އަމިއްލަ ފަރާތްތަކާ ގުޅިގެން އަގުތައް ހިފެހެއްޓުމަށްވެސް މަސައްކަތް ކުރަމުންދާކަން އެކުންފުނިން މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ބޭސް ކުންފުނިން ދަނީ މިހާރުވެސް ބޭސް ސިޓީތަކަށް ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ޚާއްސަ ހޮޓްލައިން ނަންބަރު 1050 ޚިދުމަތް މިހާރު ވަނީ ފަށާފައެވެ. އާސަންދައިގެ ދަށުން ލިބޭ ބޭހާއި ނުލިބޭ ބޭސް އިޖްތިމާޢީ އެހީގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކަމަށް ސްޓޭޓް ފަރމަސޫޓިކަލްއިން ވިދާޅުވެއެވެ.
ބޭސްފިހާރަތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށް ޚިދުމަތްދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ