މިނިވަން 60 ފާހަގަކުރަން ހަރަދުވީ 4.1 މިލިޔަން: ހީނާ
މިދިޔަ އަހަރު ފާހަގަ ކުރި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހަށް އެ މިނިސްޓްރީން ހޭދަކޮށްފައި ވަނީ ޖުމްލަ 4.1 މިލިއަން ރުފިޔާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)، މިނިސްޓަރާ ސުވާލުކުރެއްވުމަށް އެދިވަޑައިގެންފައިވާތީ މިއަދުގެ ޖަލްސާއަށް ހީނާ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ހިންގި ހަރަކާތްތަކަށް ހަރަދުވީ ކިހާ ވަރެއްތޯ އާއި ރަށްރަށުގައި އެކަމަށް ހިނގީ ކިހާ ހަރަދެއްތޯ ސުވާލުކުރެއްވުމުން ހީނާ ވިދާޅުވީ އެކަމަށް ހިނގި ޖުމްލަ ހަރަދަކީ 4.1 މިލިއަން ރުފިޔާ ކަމަށެވެ. އަދި މާލޭ ފިޔަވައި އަތޮޅު ތެރޭގެ އެއްވެސް ހިސާބެއްގައި މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން މިނިސްޓްރީން ހަރަކާތެއް ހިންގާފައި ނުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. އެހެންވެ، ޖުމްލަ ހަރަދު ހިނގާފައި ވަނީ މާލޭގައި އެ ހަރަކާތްތައް ބޭއްވުމަށް ކަމަށް ހީނާ ވިދާޅުވި އެވެ.މިދިޔަ އަހަރު "މިނިވަން 60" ގެ ހަރަކާތްތައް ކުރިއަށް ގެންދިއައީ 30،000 ރުފިޔާގެ އިނާމަކާއެކު އެކަމަށް ހާއްސަ ލޯގޯއެއް ފަރުމާކުރަން ހުޅުވާލައި، ހާއްސަ ލޯގޯއެއްވެސް ފަރުމާކޮށްގެންނެވެ.މާލެ އާއި ހުޅުމާލޭގައި އެ ހަރަޔާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ފުޅަނދު ބުރާއި ސަގާފީ ކުޅިވަރިތަކާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ