އެއް ޒަމާނެއްގައި އުޅުނު މީހަކު ހާތަކެއް ގެންގުޅުނެވެ.
މީނާ ކުރާ ކަމަކީ ފަތިސްވަގުތު ޖެހުމުން މި ހާތައް ގޮވައިގެން ރަށުތެރޭގައި ހިނގަނީ
އެވެ. އެސޮރުމެން ގޮވާ އަޑަށް މީސްތަކުން ފަތިހަށް ހޭލަ އެވެ. ބަޔަކަށް އެކަމުން
އުނދަގޫވެސް ވަމުން ދިޔަ އެވެ. އުނދަގޫވާ މީހުން އެ ރަށުގެ އިލްމުވެރިޔާގެ ގާތަށް
ދިޔަ އެވެ. ގޮސްފައި ބުންޏެވެ. އެމީހާ އެކަން ކުރަނީ ފަތިސް ނަމާދުގެ އަޅުކަމާ
ވެސް ގުޅުވައިގެންނެވެ. އެއީ ކިހާ ބޮޑު ބިދުއައެއް ހެއްޔެވެ؟ ކޮންމެއަކަސް ހާތައް
ގޮވައިން މީސްތަކުން ހޭލައްވަން ފަތިހުގައި ހިނގުމަކީ ބިދުއައެއް އަދި ހަރާން
ކަމެއްކަމުގައި ވެގެން، އެ ހާތައް ކަތިލެވިއްޖެ އެވެ. ދެން އެހިސާބުން ހޭލަން
ބޭނުންވި އެތައް ބަޔަކަށް ވެސް ނުހޭލެވޭގޮތް މެދުވެރިވެ ގިނަ ދުވަސްތަކަކަށް
ފަތިހު ހޭނުލާ ބަޔަކު ކަމުގައި އެމީހުންވެއްޖެ އެވެ.
މުޒާހަރާކުރުމަކީ ހަރާން ކަމެއްކަމަށާއި އެއީ އަލަށް
އުފެދުނު ބިދުއައެއްކަމަށް ބައެއް މީހުން ދެކެ އެވެ. އަދި އެއީ މުސްލިމުންގެ
ތެރޭގައި އޮވެގެން ނުވާނެ ޣައިރު މުސްލިމުން އެބައިމީހުންގެ ސަރުކާރުތައް ޖަވާބުދާރީކުރުމުގައި
އަމަލުކުރާ އުސޫލެއްކަމަށްވެސް އެފަދަ މީހުން ދެކެ އެވެ. އަދި ސަރުކާރަކުން ކުރާ
ކަމަކާ ދެކޮޅަށް މުޒާހަރާކުރުމަކީ ވެރިންނަށް ކިޔަމަންތެރިވުމުގެ މަފްހޫމާ
އިދިކީލި ކަމެއްކަމަށްވެސް ގަބޫލުކުރެ އެވެ. މި ވިސްނުމަކީ ދިވެހިންގެ ތެރޭގައި
ވެސް ކޮންމެވެސް ވަރަކަށް އިލްމަށް ނިސްބަތްވާ ބޭފުޅުންވެސް ދިރުވަން
މަސައްކަތްކުރާ ވިސްނުމެކެވެ.
ހިޔާލަށް ގެންނަވާށެވެ! ތަނެއްގައި މިތިބީ އެންމެ ދެ
އިންސާނުންނެވެ. އެކަކު ކުރި ކަމަކަށް އަނެކަކު ނުރުހިއްޖެނަމަ ނުރުހުން
ފާޅުކުރާނެ އެވެ. އެހެން ނޫނީ އެކަމެއް ކުރި މީހާއަށް އަނެކާ ހުރީ
ރުޅިއައިސްފައިކަމެއް ނުއެނގޭނެ އެވެ. މިގޮތަށް މީހުން ގިނަކުރަމުން ގެންދެވިދާނެ އެވެ.
ތިން މީހުނުން ދިހަ ބާރަ މީހުނަށްވެއްޖެނަމަ، ކޮންމެވެސް ސިފައެއްގައި އެ ގުރޫޕެއް
ލީޑްކުރާ އެކެއް ނުވަތަ އެކަކަށްވުރެ ގިނަ މީހުން ތިބޭނެ އެވެ. ބޮޑު މީހާ ކޮންމެ
ކޮންމެ ގޮތަކަށް ކަންކުރާނަމަ ދެންތިބި މީހުން އެކަމަށް ނުރުހޭ ވާހަކަ ދައްކާނެ އެވެ.
ގައުމަކަށްވަނީ އެޔަށްވުރެ ބޮޑު ޖަމާއަތެކެވެ. އެކަމަކު އޭރަށްވެސް
އިންސާނީ ތަބީއަތް ހަމަ އެޖަމާއަތުގެ މައްޗަށް ހިނގާނެ އެވެ. އެހެންވީމާ ނުރުހުނީމާ
ނުރުހޭކަން ފާޅުކުރުމަކީ، އިންސާނީ ސިފަތަކުގެ ތެރޭގައި ހިމެނޭ ވަރަށް ތަބީއީ
ކަމެކެވެ. މިކަން ނެތުމަކީ އިންސާނީ ތަބީއަތުން އިންސާނުން ބޭރުވުންކަމުގައި ނޫނީ ނުވެ
އެވެ.
ދީނީ ގޮތުން ބިދުއައޭ ކިޔަނީ ދީނީގޮތުން އަޅުކަމެއްގެ
ގޮތުގައި ކަނޑައެޅިފައިވާ ކަމެއްގެ ތެރެއަށް އެކަމެއްގެ ދީނީ ޟަރޫރަތާ ނުލައި
މުޅިން އައު ކަމެއް އުފަންކުރުމަށް ނުވަތަ ދީނީ އަޅުކަމެއް އަލަށް ގެނެސްގަނެގެން
އުފެއްދުމަށެވެ. ފަތިސްނަމާދަށް ރަކުއަތެއް އިތުރުކުރަން އުޅުމާއި ސުންނަތުން
ސާބިތުވެސް ނުވާ ދެ ރަކުއަތު ނަމާދެއް ހަދައިގެން އަމިއްލައަށް ކުރަމުން ގެންދިއުން
ފަދަ ކަންކަމަކީ ބިދުއަކަމުގައި ދީނީގޮތުން ވެގެންދާނެ އެވެ.
އެކަމަކު އަޅުކަމެއްކަމުގައި ނުހިމެނޭ ދިރިއުޅުމުގެ އާންމު
އާދަތަކާ ގުޅިފައި ހުންނަ ކަންކަމަކީ ބިދުއައިގެ މައުލޫގައި ހިމެނޭ ކަމެއް ވެސް
ނޫނެވެ. ކަމެއްގައި ނުރުހުން ފާޅުކުރުމަށް އެއްތަނަކަށް އެއްވުން ނުވަތަ
މުޒާހަރާކުރުމާއި އިހުތިޖާޖުކުރުމަކީ ދުނިޔޭގައި އެއްވެސް ބަޔަކު އެއީ އަޅުކަމެއް
ކަމަށް ބަލައިގެން ކުރާ ކަމެއް ނޫނެވެ.
ޝަރުޢީ ގޮތުން ވަކި ކަމެއް ހަރާމޭ ބުނެވޭނީ އެކަމެއް
ހަރާންކަމުގެ ސާފު ދަލީލެއް އޮވެގެންނެވެ. ނުރުހޭ ކަންތަކަށް ނުރުހޭކަން ފާޅުކުރުމަކީ
ހުއްދަ ކަމެކެވެ. އެކަން ހަރާންކަމުގެ މައްޗަށް ޤުރުއާނާއި ސުންނަތުގައި ދަލީލެއް
ފެންނާކަށް ނެތެވެ. އެހެންވީމާ ސަރުކާރު ޖަވާބުދާރީކުރުވުމަށް ސުލްހަވެރި
އެއްވުންތައް ބޭއްވުމަކީ ބިދުއައެއް އަދި ހަރާން ކަމެއް ކަމުގައި ވިދާޅުވާ މީހަކު
އެ ވިދާޅުވަނީ އިންސާނީ ސާފު ބުއްދިއާ ވެސް ދިމާ ނުވާ އަދި އިންސާނީ ތަބީއަތާ ވެސް
އިދިކީލި ދީނީ ގޮތުންވެސް އިންތިހާއަށް ހަމަނުޖެހޭ ވާހަކައެކެވެ.
ސުލްހަވެރި އެއްވުމެއްގައި ވެސް ދީނީ ގޮތުން
ހަރާން ކަމެއް އޭގައި ހިމެނުމާއި، ދީނީގޮތުން ހަރާން ވާހަކަ ދެއްކުމާއި މީހުންގެ
ތަކެއްޗަށް ގެއްލުންދިނުމާއި މިބާވަތުގެ ކަންކަމަކީ ދީން މަނާކޮށްފައިވާ ކޮށްގެން
ނުވާނެ ހަރާން ކަންކަމެވެ. ނަމަވެސް މަނަލީ އެކަންކަމެވެ. އެއީ ބަހަނާއަކަށް
ހަދައި ސަރުކާރުތަކުގެ ފަސާދަ ނެތިކުރުމަށް މިޒަމާނުގައި އޮތް އެންމެ ކާމިޔާބު
ވަސީލަތް އެއީ ލާދީނީ އުސޫލެއްކަމުގައި ބުނުމަކީ، ފަސާދަ މައްޗަށް ފަސާދަ ހެދުމެވެ.
ދަލީލުތައް ހުރީ، ސުލްހަވެރި އެއްވުމަކީ މުންކަރާތް ހުއްޓުވިދާނެ
ވަސީލަތެއްކަމުގައި ވާނަމަ އެ ވަސީލަތް ބޭނުންކުރުން ލާޒިމްވާކަން ދޭހަވާ ގޮތަށެވެ.
އަހަރެމެންގެ މާތް ނަބިއްޔާ ހަދީސްކުރައްވާފައިވެ އެވެ. "ތިޔަބައިމީހުންކުރެ
މީހަކަށް ނުބައިކަމެއް ފެނިއްޖެނަމަ، އެކަމެއް ބާރުގެ ބޭނުންކޮށްގެން
ހުއްޓުވާށެވެ. އެކަމަށް ކުޅަދާނަ ނުވި ނަމަ ދުލުން އެކަމެއް މަނާކުރާށެވެ!
އެކަމަށްވެސް ކުޅަދާނަ ނުވިނަމަ، ހިތުން އެކަމަށް ނުރުހިގެން ތިބޭށެވެ!"
އެއް ދުލަށްވުރެ ދެ ދުލުގެ އަޑު ގަދައެވެ. އަޑު ގަދަވި
ވަރަކަށް އެއަޑު އިވޭނެ ކަންފަތްތައް ގިނަވާނެ އެވެ. އަދި ނީވޭ ކަންފަތަކަށް
ތަކުރާރުކޮށް ބުނެވޭ ބަސް އިވުން ގާތްވާނެ އެވެ. މިސަބަބުތަކަށްޓަކައި ގިނަ ބަޔަކު
ވަކި ކަމަކާ ގުޅިގެން އޮތް ނުހުރުންތެރިކަމެއް ފާޅުކުރުމަށް ބާއްވާ ސުލްހަވެރި
އެއްވުންތަކަކީ ދުލުން ކަންކަން މަނާކުރުމުގެ އެންމެ ކާމިޔާބު ވަސީލަތްކަމުގައި
ވެފައިވެ އެވެ.
ނުބައި ކޮންމެ ކަމެއް ހުއްޓުވުމަކީ ޝަރުޢީ ޟަރޫރަތެކެވެ.
އަދި ކޮންމެ ނުބަޔެއް ހުއްޓުވަން ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ވެސް ހެޔޮ ކަންކަމުގައި
އެކަކު އަނެކަކަށް އެއްބާރުލުންދިނުމުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ދައުލަތެއްގެ
ތެރޭގައި އިންތިހާއަށް އިސްރާފު ގިނަވެ، އެކި ކަންކަން އެކި ދިމާއިން
ބޮއްސުންލުމަކީ އަދި ކަންކަމަށް އެކަށީގެންނުވާ މީސްތަކުން އައްޔަންކުރެވި
ދައުލަތް ބަގުރޫޓުވުމާ ދިމާއަށް ދިއުމަކީ އެކަންކަމާ ދެކޮޅަށް އަޑުއުފުލާ އެ އަޑު
އިއްވަންޖެހޭ ފަދަ ބޮޑެތި މުންކަރާތްތަކެވެ.
އެންމެންނަށް އޭގެ ގެއްލުން އާންމުވާނެ ގޮތުން އަދި ތިމާގެ
ދަރިފަސްކޮޅަށް ދުނިޔެ ދާއިމަށް އޭގެ އަސަރުތައް ކުރާނެ ފަދަ ނަތީޖާތަކެއް
ނުކުންނަ މިބާވަތުގެ ކަންކަމުގައި ހިމެނޭ ފަސާދަ ނައްތާލުމަށް މަސައްކަތްކުރުމަކީ
ހުއްދަ ކަމަކަށްވަނީ އެކަންޏެއް ނޫނެވެ. އެކަމަކީ ކަނޑައެޅިގެން ވާޖިބެކެވެ.
އަލްމާއިދާ ސޫރަތުގެ ދެވަނަ އާޔަތުގައި މާތް ﷲ
އަންގަވާފައިވަނީ ހެޔޮ ކަންކަމުގައި އެއްބަޔަކު އަނެއް ބަޔަކަށް ވާގިވެރިވެ
އެހީތެރިވުމަށެވެ. އަދި ނުބައިކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިނުވުމަށެވެ.
ފަސާދަ ނެތިކުރުމަށް ބާއްވާ ސުލްހަވެރި އެއްވުމެއްގައި ބައިވެރިވުމަކީ ހެޔޮ
ކަންކަމަށް ވާގިވެރިވުމުގެ ތެރޭގައި ހިމެނޭނެ ކަމެކެވެ. ހަނދާން ނައްތައެއް
ނުލަމެވެ. އެ އެއްވުމުގައި ގޯސްކަމެއް ހިނގާނަމަ އެކަމެއްގައި ބައިވެރިވުން
ހިމެނޭނީ ނުބައިކަމަކަށް އެހީތެރިވުން ކަމަށެވެ.
ހަމަ މިއުސޫލުން ހަނދާން ނައްތާލައިގެން ނުވާނެ އަނެއް
ހަގީގަތަކީ، ފަސާދަ އާންމުވެގެންދާއިރު، އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި
ބަހަކުން ބަހެއް ނުބުނެ އަމަލަކުން ކަމެއް ނުކޮށް ހަނު ހުރުމަކީ ވެސް، އެ ފަސާދައިގައި
ވާގިވެރިވެ މާއިދާ ސޫރަތުގެ ދެވަނަ އާޔަތާ ހިލާފަށް ކުރެވޭ ކަމެއްކަމެވެ.
ސުލްހަވެރި އެއްވުންތައް؛ ފަސާދަ ނެތިކުރުމުގެ ވަސީލަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ