ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ އިއްޔެއެވެ.
އަތުލައިގަތް ތަކެއްޗަކީ ހަޝިޝް އޮއިލް ކަމަށާއި އޭގެ ބަރުދަނުގައި 8490 ގްރާމް ނުވަތަ 8 ކިލޯ ހުރިކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި އެ ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ދިވެހި ރުފިޔާއަށް އަރާނެއެވެ.
މިދިޔަ މަހު ވެސް ކަސްޓަމްސް އިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެގޮތުން މެއި 24 ވަނަ ދުވަހު 941 ގްރާމްގެ މެތަމްފެޓަމިން އަތުލައިގަތެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ.
އޭގެ އިތުރުން މެއި 5 ވަނަ ދުވަހު ކަސްޓަމްސްއިން ވަނީ ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު ހަތް ކިލޯގެ ކެނަބިސް ފަތް ވެސް އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީ އަގު 7 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އޭރު ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ