ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ އަންގާރަ ދުވަހު ބޭއްވި ކޮމިޝަނުގެ ޖަލްސާގައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވާލުމާއެކު ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅުމުގެ ސުންގަޑި ހަމަވެފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. އެގޮތުން ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މިހާރު ރައީސް އަބްދުލްޣަނީ މުހައްމަދު، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ކުރީގެ މެޖިސްޓްރޭޓް މުހައްމަދު ރާޣިބް އަހުމަދާއި، ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުން، ކުރީގެ އެސިސްޓެންޓް ޕީޖީ އައިޝަތު ފަޒްނާ އަހުމަދުގެ އިތުރުން ގާނޫނީ ވަކީލް އަދި ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި އިތުރު ގ. އަންމޯލް އިބްރާހިމް އަލީ އަދި ގއ. ކޮނޑޭ ދާރުއްސަލާމް މުހައްމަދު އިބްރާހިމް ވަނީ ކުރިމަތިލައްވާފައެވެ.
އޭގެ ތެރެއިން ޖޭއެސްސީން އިންޓަވިއު ކުރުމަށްފަހު ނިންމާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުއްވުމަށް ރައީސަށް ލަފާ ދެއްވުމަށެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރު ހަމީދާއި ސަލީމް އައްޔަންކުރަން ރައީސަށް ލަފާދެނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ