ރާއްޖޭގައި 'ޑާޒަލެކްސް' ގެ ފޭކް އިންޖެކްޝަންތަކެއް ފެނިގެން ޑަބްލިއުއެޗުއޯއިން ސަމާލުވާން އަންގައިފި
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ) އިން، ރާއްޖެއާއި މެކްސިކޯއިން ނުރައްކާތެރި، ފޭކް ބޭސްތަކެއް ފެނިގެން މެޑިކަލް އެލާޓެއް ނެރެފިއެވެ. ޖެނީވާގައި ހުންނަ ޑަބްލިއުއެޗުއޯގެ މައި މަރުކަޒުން މިދިޔަ ހުކުރުދުވަހު ނެރުނު މި އިންޒާރުގައި ބުނެފައިވަނީ، ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'ޑާޒަލެކްސް' (DARZALEX - daratumumab) އިންޖެކްޝަންގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމަށެވެ. ޑަބްލިއުއެޗުއޯއިން ހާމަކުރި ގޮތުގައި މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުން މިދިޔަ މެއި އަދި ޖޫން މަހުގެ ތެރޭގައެވެ. މި ބޭސްތައް ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި، ބައެއް ހޮސްޕިޓަލްތަކުންނެވެ. ފޭކް ބޭސް ދެނެގަންނާނެ ގޮތް: މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ 'ޖެންސެން' (JANSSEN) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ތިރީގައިވާ ބެޗް ނަންބަރުތަކަކީ އެ ކުންފުނިން އުފައްދާފައިވާ ބެޗްތަކެއް ނޫނެވެ: ބެޗް ނަންބަރު: MYS7381ބެޗް ނަންބަރު: STV1K01 ޚާއްސަކޮށް، ރާއްޖެއިން ފެނުނު STV1K01 ބެޗްގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.ހުރި ނުރައްކާތައް މި ފޭކް ބޭހުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ސީދާ ނުރައްކާވެދާނެ ކަމަށް ޑަބްލިއުއެޗުއޯއިން ބުނެއެވެ. މި ތަކެތީގެ ކޮލިޓީއާއި ސާފުތާހިރުކަން ކަށަވަރު ނުވާއިރު، އޭގައި އެއްވެސް އަސްލު މާއްދާއެއް ނެތުމަކީ ނުވަތަ ގެއްލުންދެނިވި މާއްދާތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން އިންފެކްޝަން އުފެދުމާއި، ބަލި އިތުރަށް ގޯސްވުމާއި، އަދި މަރުވުމުގެ ފުރުސަތު އޮތްކަމަށް ވެސް އެ ޖަމްއިއްޔާއިން އިންޒާރު ދެއެވެ. ޑަބްލިއުއެޗުއޯއިން ވަނީ ސިއްހީ ޚިދުމަތްތެރިންނާއި އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެދިފައެވެ. މި ބެޗްތަކުގެ ބޭސް ގެންގުޅޭނަމަ ބޭނުން ނުކުރުމަށާއި، ބޭނުން ކުރެވިފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބޭސް ގަންނައިރު ހުއްދަ އޮތް ފަރާތްތަކުން ނޫނީ ބޭސް ނުގަތުމަށާއި، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ނުވަތަ ޑަބްލިއުއެޗުއޯގެ [email protected] އަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ