މަޖިލީހުގެ މަސައްކަތާމެދު ހައިކޯޓުގެ އިސްފަނޑިޔާރު ކަންބޮޑުވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި މެދު، ނުސީދާ ގޮތުން ހައިކޯޓުގެ އިސްފަނޑިޔާރު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ، ކަންބޮޑުވުން ފާޅުކުރެއްވީ، މިދިޔަ ހަފްތާގައި ހައިކޯޓުން ނިންމި މައްސަލައެއްގައި ދެއްވި ރައުޔުގައެވެ. އިސްފަނޑިޔާރުގެ މި ރައުޔަކީ، ޖިންސީ ކުށުގެ ޤާނޫނާ ހަވާލާދީ ދައުލަތުން ދައުވާ ކުރި، ބްލެކްމެއިލްގެ މައްސަލައެއްގައި ދެއްވި ރައުޔެކެވެ. އެ މައްސަލައިގައި ދެއްވި ރައުޔުގައި އިސްފަނޑިޔާރުވަނީ، ތަޖްރީމުކުރެވޭ ކުށްތައް ތަފާތު ގިނަ ގާނޫނުތަކެއްގައި ހިމެނިފައި އޮތުމުގެ ބަދަލުގައި، އެ ހުރިހާ ކުށްތަކެއް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިމަނައި، ތަޖްރީމުކުރެވޭ ކުށްތައް އެއްފޮތްކުރުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހިފައިވާ ވަރަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ވުޖޫދަށް ގެނައުމުގެ އެއް މަގުސަދަކީވެސް ތަޖްރީމްކުރެވޭ ހުރިހާ ކުށެއް އެ ގާނޫނުގައި ހިމެނުން ކަމަށް އިސްފަނޑިޔާރު ވިދާޅުވިއެވެ. އިސްފަނޑިޔާރުގެ ރައުޔުގައިވަނީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށިތާ 10 އަހަރުވީ އިރުވެސް، އެއާ ގުޅުން ހުރި ބައެއް ގާނޫނުތަކަށް ވަކިގޮތެއް ނުނިންމައި އޮތްއޮތުމަކީ ކަމާބެހޭ އިދާރާތަކުން އިހްލާސްތެރިކަމާއެކު ވިސްނަންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ވީހާވެސް އަވަހަށް އެކަން ކޮށް ނިންމަން ޖެހޭ ކަމަށް އިސްފަނޑިޔާރު ވިދާޅުވިއެވެ. އެކަން ކުރުމަށް ދީފައިވާ މުއްދަތު ފަހަނަޅައިގޮސްފައި އޮތުމަކީ، އެކަން ނުކުރެވޭނޭ ސަބަބެއް ނޫން ކަމަށް އިސްފަނޑިޔާރު ވިދާޅުވިއެވެ. ގާނޫނުގެ ވެރިކަން ނެގެހެއްޓުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ މައްޗަށް ގާނޫނުއަސާސީ ލާޒިމްކުރާ ކަމެއްކަން ފާހަގަ ކުރައްވައި އިސްފަނޑިޔާރު ވިދާޅުވީ، ގާނޫނުގެ ވެރިކަމުގެ އެންމެ އަސާސީ އެއް އުންސުރަކީ ރައްޔިތުން ޢަމަލުކުރަންޖެހޭ ގާނޫނުތައް ފަސޭހައިން އޮޅުންފިލާނޭ މޭރުމަކުން ހެދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ