އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާ އެނބުރޭ ޕާޓީއެއްގެ ގޮތުގައި އޮވެގެން ނުވާނެ: މީކާއިލް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާ އެނބުރޭ ޕާޓީއެއްގެ ގޮތުގައި ނޯވެ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންގެ މެދުގައި މަގްބޫލު ޕާޓީއަކަށް ވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ”އިތުބާރު“ ކެމްޕޭނުގެ ދަށުން ތިނަދޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އެމްޑީޕީ މުއައްސަސާއެއްގެ ގޮތުގައި ހަރުދަނާކުރަން ބޭނުންނަމަ އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އެ ޕާޓީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުން ކަމަށެވެ.
”އެމްޑީޕީއަކީ ވަކި މީހެއްގެ ވަށާ އެނބުރޭ ޕާޓީއެއްގެ ގޮތުގައި ނޯވެ، އެމްޑީޕީއަކީ މުޅި ރާއްޖެ ދަންނަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނާނެ ތަނެއްކަން ކަށަވަރުކޮށްދޭން ޖެހޭ،“ މީކާއިލް ވިދާޅުވިއެވެ.
މީކާއިލް އިތުރަށް ވިދާޅުވީ މިހާރުގެ ސަރުކާރު ޖަވާބުދާރީ ކުރުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަކީ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ދެމިއޮންނަން ޖެހޭ ކަމަށެވެ. އަދި އޭނާގެ ”އިތުބާރު“ ކެމްޕޭނުން ކުރަމުންދަނީ އެ މަސައްކަތް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބާ ދިމާކޮށް، ޕާޓީގެ އެތެރޭގައި ބޮޑެތި ކެމްޕޭން ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މީކާއިލް ނަސީމްގެ ”އިތުބާރު“ ކެމްޕޭނުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ”ބޮޑު ބަދަލު“ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ކެމްޕޭން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ