ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަން ޓީމަކީ ބަންގްލަދޭޝްގެ ޒުވާން ޓީމު ކަމަށާއި އެ ގޮތަށް އެކަން ދިމާނުވީ ނާއިންސާފުން ކަންތައްތަކެއް ހިނގައިގެން ކަމަށާއި ފަހު މެޗުގައި ފެނިގެންދިޔައީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ އެއް ސަބަބު ކަމަށް ބަންގްލަދޭޝްގެ ކޯޗު މައުރޫފުލް ހައްގު ބުނެފި އެވެ.
ރާއްޖެ އަތުން މޮޅުވެގެން ފައިނަލަށް ދެވެން އޮތް ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު ވަނީ މިރޭ 1-1 އިން ރާއްޖެއާ އެއްވަރުވެފަ އެވެ.
މިއަދު ހަވީރު ކުޅުނު މެޗުން އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެ، ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ޕާކިސްތާނުންނެވެ. މި މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން އަފްގާނިސްތާނާއި ޕާކިސްތާނާ ލަނޑެއް ނުޖެހި އެއްވަަރުވި، ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމަށް ފައިނަލަށް ދެވެން އޮތީ މިރޭ ރާއްޖެ ބަލިކޮށްގެންނެވެ. އެ ނޫން ނަތީޖާއެއް ނުކުމެގެން ފައިނަލަަށް ދަނީ، އަފްގާނިސްތާން އެވެ. އެހެންކަމުން، އެއްވަރުވުމާ އެކު ބަންގްލަދޭޝް ކެޓީ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެއާއި ބަންގްލަދޭޝް 1-1 އިން އެއްވަރުވުމުން، މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ލިބުނީ، އަފްގާނިސްތާނަށް. ފަހު މެޗުގެ ނަތީޖާއާ އެކު ބަންގްލަދޭޝް މުބާރާތުން ކެޓިއިރު، ތިން މެޗުން އެންމެ ޕޮއިންޓަކާއެކު ރާއްޖެ ނިންމާލީ ތާވަލުގެ ފުލުގައި
ފުރަތަމަ ދެ މެޗުން، އަފްގާނިސްތާން އަތުން 1-0 އިން ބަލިވެ، ދެ ވަނަ މެޗުން ޕާކިސްތާން އަތުން 3-0 އިން ބަލިވި ރާއްޖެ އަށް މިރޭގެ މެޗަށް ނުކުތްއިރު ވެސް އޮތީ ފައިނަލުގެ ދޮރު ބަންދުވެފަ އެވެ. ޑައިމަންޑް ޖުބިލީ މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމުނުއިރު، ރާއްޖެ ދިޔައީ ފުލަށެވެ. އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު ޕާކިސްތާން އެވެ. ދެ ވަނަ ހޯދީ ހަތަރު ޕޮއިންޓާ އެކު އަފްގާނިސްތާން އެވެ. ތިން ވަނަ އަށް ތިން ޕޮއިންޓާ އެކު، ބަންގްލަދޭޝް ދިޔައީރު، ފުލުގައި ނިންމި ރާއްޖެ އަށް ލިބުނީ ޕޮއިންޓެކެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މައުރޫފުލް ބުނީ، ގޮވައިގެން އައީ ޒުވާން ޓީމެއް ކަމުގައި ވިޔަސް ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އައީ މިއީ ތަޖުރިބާ ހޯދަން އައި މުބާރާތެއް ނޫން ކަމަށާއި ބޭނުންވަނީ ފައިނަލަށް ގޮސް ތަށި ހޯދުމަށް ކަމަށެވެ.
"އަހަރެން އަމިއްލަ ވިސްނުމުގައި ހަގީގަތަށް ދެކޭ ގޮތް ހިއްސާކުރާނަމަ ބުނާނީ ބަންގްލަދޭޝަކީއޭ ޗެމްޕިއަނުންނަކީ، އެއީ، ރެފްރީކަން ގޯސްކޮށް ކުރުމާއި ގޯސް ނިންމުންތައް ނިންމުން ފުރަތަމަ މެޗުން ފެށިގެން ފެންނަން ފަށައިފި، ޕާކިސްތާން މެޗުން ދެން ޖެހިގެން އައި މެޗުން ވެސް. މުޅިން ރެފްރީ އަހަރެމެން ދަށްކޮށްލީ، އަހަންނަށް ގަބޫލުކުރެވެނީ އެއީ ހަމަ ގަސްދުގައޭ،" ހިތްހަމަނުޖެހިފައި ހުރެ މައުރޫފުލް ބުންޏެވެ.
އޭނާ ބުނީ ދެން، އޭނާ އަށް ވިސްނާލެވުނު ކަމަކީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ ސަބަބާ މެދު ކަމަށެވެ.
"މިހެން ބުނަން ޖެހޭތީ ވެސް މާފަށް އެދެން. އެކަމަކު އަހަންނަށް ފެންނަ ގޮތް މިއީ. އަހަރެން ދެކޭ ގޮތުގައި މިއަދު އަސްލު ރާއްޖޭން މި މެޗުގައި އަސްލު ޓެސްޓާ ކުރިމަތިލިނަމަ، ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ފައިދާކުރިސް. އަހަންނަށް ވަރަށް ރަނގަޅަށް ސާފްގެ ފުޓްބޯޅަ އެނގޭ، ރާއްޖެ ދަށަށް ދާ ކަން ވެސް އެނގޭ. މިއީ، އޭގެއިން އެއް ސަބަބު ދަށަށް ދާ. އަސްލު ޗެލެންޖާ، އަސްލު ޓެސްޓާ ރާއްޖެ ކުރިމަތިލާން އެބަޖެހޭ،" ބަންގްލަދޭޝްގެ ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް މަސައްކަތްކުރި މައުރޫފުލް ބުންޏެވެ.
އިތުރުަ ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓް ތެރޭގައި ވެސް ލަނޑެއް ޖެހޭގޮތެއްނުވިއިރު، ބަންގްލަދޭޝްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކި އެވެ. އެ ގޮތުން، ލައިންސްމަން ކައިރިއަށް ގޮސް ހިތްހަަމަނުޖެހުން ފާޅުކުރި ގޮތުން، ބަދަލަަކަށް ފައިބައި ހުރި މިރާޖުލް އަށް ރަތް ކާޑެއް ދެއްކިއިރު، އެކަމާ ބެހޭގޮތުން އެޕީލްކުރަން ދިޔަ ބަންގްލަދޭޝްގެ އަލް އަމީން ރެފްރީ ގައިގައި އަތްއަޅައި ދުރަށް ކޮށްޕާލުމުން، އޭނާ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
އޭގެ ފަހުން، ރާއްޖޭގެ ނައްސާހު އިބްރާހިމް ނާސިރު އާއި ބަންގްލަދޭޝްގެ ޑިފެންޑަރަކު ބޯޅަ އަށް އެޓެމްޕްޓް ކުރި ވަގުތު އެ ތަނުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ސަޕޯޓަރުން ވެސް ދަނޑަށް އަރައި، މާރާމާރީ ހިންގި އެވެ. އަދި، ހަަމަނުޖެހުން ބޮޑުވެ އެކަން ކޮންޓްރޯލް ކުރަން ފުުލުހުން ދަނޑަށް އެރި އެވެ. އިރުކޮޅަކަށް ފަހު މެޗު ނިންމާލަން ރެފްރީ ނިންމުމާ އެކު، ބަންގްލަދޭޝް ކުޅުންެތެރިން ވަނީ ރެފްރީ ވަށާލައި، އެޕީލްކުރަން ފަށައިފަ އެވެ، މެޗުގެ ރެފްރީން ދަނޑުން ބޭލީ ސެކިއުރިޓީންގެ އެހީގަ އެވެ.
"މިއީ ފުޓްބޯޅަ، އަހަރެން ވަރަށް ހިތާމަކުރަން ފަހުން އެ ހިނގައިދިޔަ ކަންތައްތަކާ މެދު. އެއީ ދަނޑުމަތީގައި ހިނގައިގެންވާނެ ވަރުގެ ކަމެއް ނޫން. އެ ހިނގައިދިޔަ ހަމަނުޖެހުންތަަކަކީ ކަންކަން ހޫނުވެެގެންދިއުމުގެ އަސަރުގެ ތެރޭގައި ހިނގި ކަންކަން. އެކަމާ މާފަށް އެދެން،" މައުރޫފުލް ބުންޏެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ވަނީ، އެ ހަމަނުޖެހުންތަކަކީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި ރާއްޖޭގެ ޓީމުގެ ފަރާތުން ކުޅުންތެރިންނާއި އޮފިޝަލުން ވެސް ހިމެނޭހެން ފެނުނު ބައެއް ކަންތައްތައް ބަލައިނުގަންނަ ކަމަށް ބުނެފަ އެެވެ.
މީގެ ކުރިން މައުރޫފުލް ހައްގު ވަނީ ބަންގްލަދޭޝްގެ ސީނިއާ ޓީމު ގޮވައިގެން ރާއްޖެއާ ވާދަކޮށްފަ އެވެ. އެ ގޮތުން، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މައުރޫފުލް ހައްގު ކޯޗުކޮށްދިން ބަންގްލަދޭޝްގެ ސީނިއާ ޓީމު އަތުން ރާއްޖެ ވަނީ 3-1 އިން މޮޅުވެފަ އެވެ.
އޭނާ ވަނީ އެ ފަހަރު އޮތް ރާއްޖޭގެ ޓީމަކީ މިހާރު އޮތް ޓީމަށް ވުރެން މެޗުގެ އެޕްރޯޗާއި ފިޓްނަސް އާއި ވިސްނުންތެރިކަމުގެ އިތުރުން ޓެކްނިކަލީ އާއި ޓެކްޓިކަލީ ވެސް މާ ރަނގަޅު ޓީމެއް ކަމަށެވެ. އަދި، މިހާރު އޮތް ޓީމުގައި ތިބީ އޭރު ސްކޮޑުގައި ތިބި ދެތިން ކުޅުންތެރިއެއް ކަން ވެސް މައުރޫފުލް ފާހަގަކުރި އެވެ.
ޒުވާން ޓީމެއް ގޮވައިގެން އައިސް ބަންގްލަދޭޝް އިން މި ކުރި މަަސައްކަތުގައި ހާސިލްވި ތަޖުރިބާއިން މި ކުޅުންތެރިންނަށް މުސްތަގުބަލުގައި ބޭނުންކުރެވޭނެ ކަަމަށް މައުރޫފުލް ވަނީ ބުނެފަ އެވެ.
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފަައިނަލުގައި އަފްގާނިސްތާނާއި ޕާކިސްތާން ކުޅޭ މެޗު އޮންނާނީ ބުދަ ދުވަހުގެރޭގަ އެވެ.
"ޗެމްޕިއަނަކީ ބަންގްލަދޭޝް، ފެނުނީ ރާއްޖޭގެ ފުޓްބޯޅަ ދަށަށް ދާ އެއް ސަބަބު"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ