ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް

އެމެރިކާގެ މަޝްހޫރު މަހުޖަނު އަދި ޓެކްނޮލޮޖީ ކުންފުނިތަކުގެ ވެރިޔާ އީލޮން މަސްކް، އިންސާނީ ތާރީޚުގައިވެސް އެކަކުގެ އަމިއްލަ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް ދިޔަ ފުރަތަމަ ޝަޚްސަކަށް ވެއްޖެއެވެ. ފޯބްސް އާއި އިގްތިސާދީ މާހިރުން އަންދާޒާކުރާ ގޮތުގައި މަސްކްގެ މިހާރުގެ ޖުމްލަ މިލްކިއްޔާތު ވަނީ 1.1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް ވުމުގެ މައިގަނޑު ސަބަބަކީ އޭނާގެ ރޮކެޓް އުފައްދާ ކުންފުނި، ސްޕޭސްއެކްސް އެމެރިކާގެ ހިއްސާގެ ބާޒާރު (ނަސްދަގް) އަށް ނެރެ، އާންމުކޮށް ހިއްސާ ވިއްކަން ފެށުމެވެ. އެ ކުންފުނީގެ އައިޕީއޯގައި ހިއްސާއެއްގެ އަގު 135 ޑޮލަރަށް ކަނޑައެޅި ނަމަވެސް، ބާޒާރު ހުޅުވުމާއެކު ހިއްސާގެ އަގު ވަނީ 150 ޑޮލަރަށްވުރެ މައްޗަށް އަރައި، ކުންފުނީގެ ޖުމްލަ އަގު ދެ ޓްރިލިއަން ޑޮލަރާ ގާތްކޮށްފައެވެ. ސްޕޭސްއެކްސްގެ 42 އިންސައްތަ ހިއްސާ މަސްކްގެ އަތުގައި އޮންނައިރު، އެ ހިއްސާގެ އަގު އެކަނިވެސް 700 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައެވެ. https://sun.mv/222429 މަސްކްގެ މުއްސަނދިކަން އިތުރުވުމުގައި ސްޕޭސްއެކްސްގެ އިތުރުން އޭނާގެ އެހެން ކުންފުނިތައް ކަމަށްވާ ޓެސްލާ، އެކްސްއޭއައި، އަދި އެކްސް (ކުރީގެ ޓްވިޓާ) ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. މިހާރު މަސްކްގެ އަމިއްލަ މުއްސަނދިކަން ޓައިވާން، އަޔަލޭންޑް، ނުވަތަ ސްވިޑަން ފަދަ ގައުމުތަކުގެ ޖުމްލަ ޖީޑީޕީ އަށްވުރެ ވެސް ބޮޑެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޫގުލްގެ ފައުންޑަރު ލެރީ ޕޭޖަށްވުރެ މަސްކްގެ މުއްސަނދިކަން ތިންގުނަ އިތުރެވެ. މި ތާރީޚީ ކުރިއެރުމާއެކު ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ބަހުސްތަކެއް ވެސް ވަނީ ފެށިފައެވެ. އޮކްސްފޭމް ޖަމާއަތުން ހާމަކުރި ގޮތުގައި މަސްކްގެ މުއްސަނދިކަން ދުނިޔޭގެ އާބާދީގެ އެންމެ ފަގީރު 46 އިންސައްތަ މީހުންގެ (3.8 ބިލިއަން މީހުން) ޖުމްލަ މުދަލަށްވުރެ ގިނައެވެ. މިއާއެކު ދުނިޔޭގައި އުފެދިފައިވާ މުއްސަނދިންނާއި ފަގީރުންގެ ފަރަގާ މެދު ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެމެރިކާގެ ސެނެޓަރު އެލިޒަބަތު ވޮރެން ފަދަ ސިޔާސީ ބޭފުޅުން ވަނީ މިއީ ބޭއިންސާފު އިގްތިސާދެއްގެ ނަތީޖާކަމަށް ވިދާޅުވެ، މުއްސަނދިންގެ އަތުން ބޮޑެތި ޓެކްސް ނެގުމަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ