އިރާނުން ފްލޯޓިން އާމަރީއެއް ހިފަހައްޓައިފި

އޮމާން ކަނޑުގައި ހަތިޔާރު ރައްކާކުރާ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އުޅަނދެއް އިރާނުގެ އަސްކަރިއްޔާއިން ހިފަހައްޓާފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާ ބެހޭ ކުންފުންޏެއް ކަމަށްވާ ވެންގާޑުން ރިޕޯޓްކޮށްފިއެވެ.
މި އުޅަނދު މިހާރު މިސްރާބު ޖަހާފައިވަނީ އިރާނުގެ ކަނޑުގެ ސަރަހައްދަށް ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ހޮންޑޫރަސްގެ ދިދަ ޖަހާފައިވާ ހުއި ޗުއާން ނަމަކަށް ކިޔާ މި އުޅަނދުގެ ލޮކޭޝަން އެންމެ ފަހުން ދައްކާފައިވަނީ ޔޫއޭއީގެ ފުޖައިރާގެ އިރުއުތުރުން ގާތްގަނޑަކަށް ހަތްދިހަ ކިލޯމީޓަރު ބޭރުންނެވެ.
މި އުޅަނދު ދުއްވާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ކަނޑުފޭރޭ މީހުންގެ ކިބައިން އުޅަނދުފަހަރު ސަލާމަތްކުރުމަށް މަސައްކަތްކުރާ ސެކިއުރިޓީ ކުންފުނިތަކުގެ ހަތިޔާރާއި ވަޒަން ރައްކާކުރުމަށް ބޭނުންކުރާ އުޅަނދެކެވެ. މިފަދަ އުޅަނދުފަހަރަކީ ރަތްކަނޑާއި އޮމާން ކަނޑުގެ ސަރަހައްދުގައި ސެކިއުރިޓީ ގާޑުންނަށް ފަސޭހައިން ހަތިޔާރު ބަދަލުކުރުމަށް ބޭނުންކުރާ މަރުކަޒުތަކެކެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ދިދަ ޖަހާފައިވާ ހާޖީ އަލީ ނަމަކަށް ކިޔާ އުޅަނދަކަށް އޮމާން ކަނޑުން ހަމަލާދީ ފައްތާލާފައިވާ ދަނޑިވަޅެއްގައެވެ. މުދާ އުފުލާ އެ އުޅަނދަށް ހަމަލާދީފައިވަނީ ޑްރޯން ނުވަތަ މިސައިލަކުން ކަމަށް ބެލެވޭއިރު، އެ ހަމަލާގެ ސަބަބުން އުޅަނދުގައި އަލިފާން ރޯވެ އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ އުޅަނދުގައި ތިބި އިންޑިއާގެ ސާދަ ފަޅުވެރިން ވަނީ އޮމާންގެ ކޯސްޓްގާޑުން ސަލާމަތްކޮށްފައެވެ. އިންޑިއާގެ ހާރިޖީ ވުޒާރާއިން ވަނީ މި ހަމަލާއަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ސަރަހައްދުގެ މަސްލަހަތު ގޯސްވަމުންދާތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބެއިޖިންގައި ބޭއްވި ބައްދަލުވުމެއްގައި ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތާ މެދު މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ވަނީ އެ ސަރަހައްދު އަސްކަރީ މަރުކަޒަކަށް ހެދުމާ ދެކޮޅުކަން ހާމަކުރައްވާފައެވެ. އަދި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބުރޫނާރާނެހެން ހޮރްމޫޒް ކަނޑުއޮޅި ހުޅުވިފައި އޮތުމުގެ މުހިންމުކަމާ މެދު ދެ ގައުމުގެ ވެރިން ވަނީ އެއްބަސްވެވަޑައިގެންފައެވެ.
އިރާނުން ހިފެހެއްޓި އުޅަނދުގައި ހުރި ތަކެއްޗާއި އެ އުޅަނދު ބޭނުންކުރަމުންދިޔަ ފަރާތްތަކުގެ ތަފްސީލު މިހާތަނަށް މިނިވަން އިދާރާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ވޭތުވެދިޔަ މަހެއްހާ ދުވަހު އެ އުޅަނދު ހަރަކާތްތެރިވަމުން ދިޔައީ އޮމާން އަދި ޔޫއޭއީގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައެވެ. މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަމާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ