ދުންފަތުގެ ބާވަތްތަކުގައި ޖަހާ އިންޒާރާއި ފޮޓޯ ބަދަލުނުކޮށް ހަތް އަހަރު

ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ ނޯޓިސް އާއި ފޮޓޯ ޖަހައިގެން ނޫނީ ވިއްކުން މަނާކޮށް ހެދި ގަވައިދަށް އަމަލުކުރަން ފެށިއިރު، ބޭނުންކުރަން ފެށި ފޮޓޯ އާއި އިންޒާރު ބަދަލު ނުކޮށް މިއަދަށް ހަތް އަހަރު ވެއްޖެ އެވެ. 
މިއީ ދުންފަތުގެ ވިޔަފާރީގައި އުޅޭ މީހުންނަށް އެކަން ދަތިކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އިންޒާރުގެ މެސެޖު ކެނޑިނޭޅި ލިބޭނެ ގޮތަށް ހެދުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށް ވިޔަސް އަބަދު އެއް ފޮޓޯއަކާއި ލިޔުމެއް ބޭނުންކުރާތީ، މިކަން ކުރުމުގެ މަގްސަދު ހާސިލް ނުވާ ކަމުގެ ކަންބޮޑުވުން އޮވެ އެވެ.  
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ދިމާކޮށް، މެއި 31، 2019 ގައި އަމަލުކުރަން ފެށި "ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާބެހޭ ގަވާއިދު" ގައި ބުނާ ގޮތުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި އުފައްދާ ދުންފަތުގެ ބާވަތްތަކާއި، ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި މިނިސްޓްރީން އާންމުކުރާ އިންޒާރުގެ ނޯޓިސް ޖަހަން ޖެހެ އެވެ. 
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަދާފައިވާ އެ ގަވައިދުގައި ބުނާ މިންގަނޑަށް ފެތޭ ފޮޓޯ އާއި އިންޒާރު ޖަހައިގެން ނޫނީ ދުންފަތުގެ ބާވަތްތައް އުފެއްދުމާއި ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައި އޮންނައިރު މިއީ ގަވައިދު ބުނާ ގޮތުން، އެއް އިންޒާރަށް ވުރެ ގިނަ އިންޒާރު ކަނޑައަޅާފައިވާ ނަމަ ކޮންމެ 12 މަހަކުން އެއްފަހަރު އެ ބަދަލުކުރަންޖެހޭނެ އެވެ.
އެޗްޕީއޭ އިން ގެންނަ ބަދަލާ އެއްގޮތަށް ދުންފަތުގެ ބާވަތްތަކުގެ ޕެކޭޖިން ބަދަލުކޮށްގެން ގެނައުމަކީ އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ފަރާތްތަކުގެ ޒިންމާއަކަށް ވިޔަސް، ބަދަލެއް ގެންނަން މިހާތަނަށް އަންގާފައި ނުވާތީ، ބޭނުންކުރަމުން އަންނަނީ ގަވައިދަށް ފުރަތަމަ އަމަލުކުރަން ފެށި އިރު ކަނޑައެޅި ފޮޓޯ އާއި އިންޒާރުގެ ލިޔުމެވެ. 
އޭގައި އޮންނަނީ ދުން އަރާ ސިނގިރެޓްގެ އުފެއްދުންތަކުގެ ބޭރުގައި ޖަހާނެ ފޮޓޯއަކާއި އިންޒާރަކާއި ދުން ނާރާ އެފަދަ އުފެއްދުންތަކުގެ ބޭރުގައި ޖަހާނެ ފޮޓޯއަކާއި އިންޒާރެކެވެ. 
އެހެންވެ، އެންމެ އިންޒާރެއް ކަނޑައަޅާފައި އޮންނާތީ، ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުގައި މިހާތަނަށް ވެސް މި އިންޒާރުގެ ފޮޓޯ އާއި ލިޔުމަށް ބަދަލެއް ގެންނާކަށް ނުޖެހެ އެވެ. 
ގަވާއިދުގައި އޮންނަނީ؛
އެފަދަ ގަވައިދުތަކަށް އަމަލުކުރާ އެހެން ގައުމުތަކުގައި، އިންޒާރުގެ ނޯޓިސް އާއި ފޮޓޯއަށް އެކި ބަދަލުތައް ގެނެ އެވެ. އެހެންވެ، އެ މައުލޫމާތުތައް އަވަސް އަވަހަށް ބަދަލުވެ އެވެ. މިހެން ހެދުމުން، ދުންފަތުގެ ބާވަތްތައް އެތެރެކުރާ ފަރާތްތަކުން އަވަސް އަވަހަށް ޕެކިން އަށް ބަދަލު ގެންނަންޖެހެ އެވެ. 
އެޗްޕީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޒާރުގެ ނޯޓިސް އަދި ފޮޓޯ ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިހާތަނަށް އެކަން ނުކޮށް އޮތް ސަބަބެއް ސާފުވާ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ