ޗައިނާގެ އަސްކަރީ ބާރު ވަރުގަދަ ކުރާތީ ޖަޕާނުގެ ކަންބޮޑުވުން

ޗައިނާގެ އަސްކަރީ ބާރު ވަރުގަދަ ކުރަމުންދާ ކަމަށް ބުނެ ޖަޕާނުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
ސިންގަޕޫރުގައި ކުރިއަށްދާ "ޝަންގްރި-ލާ ޑައިލޮގް" ތެރެއިން ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޝިންޖީރޯ ކޮއިޒޫމީ ވަނީ ޗައިނާއިން ހަތިޔާރު އިތުރު ކުރުން ކުށްވެރި ކުރައްވައިފަ އެވެ. 
ޗައިނާގެ ދިފާއީ ހޭދަ މަތިކުރަމުންދާކަން ފާހަގަކުރައްވައި ކޮއިޒޫމީ ވިދާޅުވީ، ޗައިނާގެ ސިޔާސަތުތަކާއި އަސްކަރީ ހަރަކާތްތަކާ ހެދި ޖަޕާނުގެ އިތުރުން އެހެން ގައުމުތަކުން ވެސް ކަންބޮޑުވާ ކަމަށެވެ. 
ޖަޕާނުން "ނިއު މިލިޓަރިޒަމް" ނުވަތަ އާ އަސްކަރީ ބާރުވެރިކަމެއްގެ ސިޔާސަތު ގެންގުޅޭ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެކަމާ މެދު ފުންކޮށް ވިސްނާލަން ޖެހޭ ކަމަށެވެ.
"އެބަ އޮތް ނިއުކްލިއާ ހަތިޔާރާއި ސްޓްރެޓީޖިކް ބޮންއަޅާ ބޯޓުތަކުގެ ބޮޑު ސަފެއް އޮތް ގައުމެއް. ޖަޕާނުގައި މީގެ އެއްވެސް ހަތިޔާރެއް ނެތް. އެހެންވީއިރު ޖަޕާނުގެ ބޮލުގައި 'ނިއު މިލިޓަރިޒަމް' ގެ އިލްޒާމް އަޅުވަނީ ކީއްވެ؟،" ކޮއިޒޫމީ ސުވާލު ކުރެއްވި އެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުން އަމަލުކުރަމުންދާ ގޮތުން އެ ގައުމުގެ ސިޔާސަތު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށް ކޮއިޒޫމީ ވިދާޅުވި އެވެ.
އެގޮތުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމާއި، އދ. ގެ ޗާޓަރަށް އިހުތިރާމްކުރުމުގެ އިތުރުން، "މިނިވަން އަދި ހުޅުވާލެވިފައިވާ ބައިނަލްއަގުވާމީ ނިޒާމެއް" ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ދާދި ފަހުން ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ސަމާލުވުމަށާއި، ޖަޕާނުގެ "ނިއު މިލިޓަރިޒަމް" ގެ ރޭވުންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.
ސިންގަޕޫރުގެ މި ފޯރަމްގައި ޗައިނާގެ ވަފުދުގެ މެންބަރެއް ކަމަށްވާ މޭޖާ ޖެނެރަލް މެންގް ޝިއަންގްޖިން ވެސް ވަނީ ޖަޕާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، މާޒީގައި ގެންގުޅުނު އަސްކަރީ ހަރުކަށި ފިކުރުގެ ނުރައްކާތެރި އަސަރުތަކުން މުޅިން ސަލާމަތްނުވާ ގައުމަކަށް، ބައިނަލްއަގުވާމީ މައިދާނުގައި ދިފާއީ އެއްބާރުލުމާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ގާބިލުކަން ހުރިތޯ ސުވާލު އުފެދޭ ކަމަށެވެ. 
ޖަޕާނާއި ޗައިނާގެ ގުޅުން ފާއިތުވި އަހަރުތަކުގައި ގޯސް ނުވާ މިންވަރަށް މިހާރު ގޯސްވެފައި ވަނީ، ޓައިވާނަށް ޗައިނާއިން ހަމަލާއެއް ދީފި ނަމަ ޖަޕާނުގެ އަސްކަރިއްޔާއިން އެކަމަށް ރައްދު ދެއްވާނެ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ ނޮވެމްބަރު މަހު އިންޒާރު ދެއްވުމާ ގުޅިގެންނެވެ.
ޗައިނާއިން ދެކެނީ ޓައިވާނަކީ އެ ގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގަ އެވެ. ދިވެހި ސަރުކާރުން ވެސް ގަބޫލުކުރަނީ "ވަން ޗައިނާ" ސިޔާސަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ