ފުލެޓުތަކުގެ ވެރިން ވީހާވެސް އަވަހަށް، މާލެއަށް ރަޖިސްޓްރީވާން ހުށަހަޅަން ފަހި ޔޫނިއަނުން އިލްތިމާސްކޮށްފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓުތަކުގެ ވެރިން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ކުރަން ޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަށްކޮށް ނިންމުމަށް، އެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ފަހި ޔޫނިއަނުން އިލްތިމާސްކޮށްފިއެވެ. ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވޭ މައްސަލަ މީގެ ކުރިން އޮތީ ބޮޑުވެފައެވެ. އެ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ، ފަހި ފުލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރަށްވެހިކަމުގެ ރަޖިސްޓްރީ ހައްދައިނުދެވެނީ ކައުންސިލުން އެކަން ނުކޮށްދޭތީ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރަޖިސްޓްރީ ހައްދައިދިނުމަށް ސިޓީ ކައުންސިލަށް އަންގައިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން، މި މަހުގެ ހަވަނަ ދުވަހު އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލްވަނީ އެ މައްސަލައާ ގުޅޭ ގޮތުން މިދިޔަ އޮގަސްޓް މަހު ކައުންސިލާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ކަރުދާހެއް ހުށަނާޅައި، ރަށްވެހިކަން ރަޖިސްޓްރީކުރުމަށްޓަކައި، ސިޓީ ކައުންސިލަށް ފުލެޓުވެރިން ހުށަހަޅަންޖެހޭ ލިޔެކިއުންތައް އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖައްސައިފައިވާ ކަމަށް ވިދާޅުވެފައެވެ. https://sun.mv/221624 ފަހި ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ފަހި ފުލެޓުތަކުގެ ވެރިން މާލޭގައި ރަޖިސްޓްރީވުމަށް ހުށަހަޅަން ޖެހޭ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ޔޫނިއަނުން ބުނީ، އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެކަމަށް ޚާއްސަކުރެވިފައިވާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެގޮތް އެފްޑީސީން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި ސިޓީ ހޯދުމަށް ޕޯޓަލްއަށް ހުށަހަޅާ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން ސިޓީ ދޫކުރަން ފަށާފައިވާކަން ޔޫނިއަނުން ފާހަގަކުރިއެވެ. https://x.com/fahiunion/status/2060965992386437522 "ވީމާ 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުން ވާންއޮތް އެންމެ އަވަހަށް އެފްޑީސީގެ ޕޯޓަލްއަށް ހުށަހަޅައިގެން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ބޭނުންވާ ސިޓީ އެފްޑީސީއިން ހޯއްދެވުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ." އެ ޔޫނިއަނުން އިލްތިމާސްކޮށްފައިވެއެވެ. ފަހި ޔޫނިއަނުން ވަނީ އެ ފުލެޓުތައް ލިބިފައިވާ މީހުންނަކީ މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައިނުވާ މީހުންނަށް ވުމުން، އެ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި، މާލޭ ސިޓީ ކައުންސިލުން އެ މީހުންނަށް އިތުރު ތަކުލީފެއް ނުޖައްސައި ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓާ ކޮށްދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާލައިފައެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރި 4،000 ފުލެޓުގެ ތަޅުދަނޑި ހަވާލުކުރަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އެހާ ހިސާބުން ފެށިގެން ގިނަ ބަޔަކު ވަނީ އެ ފުލެޓުތަކަށް ބަދަލުވާން ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ