މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ވާދަ ނުކުރައްވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އޭނާ އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، ޕީއެންސީ ތެރޭގައި އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު މެންބަރުންގެ ތެރޭގައި ދިޔައީ ކޮންމެވެސް ވަރަށް މަޝްވަރާ ކުރެވެމުންނެވެ. އެގޮތުގެ މަތިން މި މަގާމަށް ޝައުގުވެރިކަން އޮތް ބޭފުޅުންގެ ތެރޭގައި ފަލާހު ވެސް ހިމެނިވަޑައިގެންނެވި ކަމަށް ބައެއް މެންބަރުން ވިދާޅުވެ އެވެ.
ތަފްސީލު - ފަލާހުގެ ޝައުގުވެރިކަން އެ މަގާމަށް އޮތުމުން އޭނާގެ ބަހެއް ހޯދުމަށް 'ދައުރު'ން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.
ނަމަވެސް މީޑިއާތަކުން މިކަން ރިޕޯޓު ކުރި ފަހުން، ފަލާހު ވަނީ މިކަމާ ގުޅޭ ޕޯސްޓެއް މިއަދު އެކްސްގައި ކުރައްވާފަ އެވެ.
"ނޫސްތަކުގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދައެއްނުކުރަން،" ފަލާހު ކުރެއްވި ކުރު ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަ ނުކުރައްވާ ކަމަށް ފަލާހު މިއަދު ވިދާޅުވި ނަމަވެސް، 'ދައުރު'އަށް ލިބިފައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އޭނާ ވަނީ މީގެ ކުރިން އެ މަގާމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން އޮވެގެން، އެކަމަށް މަސައްކަތް ކުރައްވާފަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރާ ޖަލްސާ އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު މެންދުރު 1 ޖަހާއިރު ބޭއްވުމަށެވެ. ނަމަވެސް ޕީއެންސީ ތެރެއިން އެ މަގާމަށް ވާދަ ކުރާނެ ބޭފުޅަކު ލީޑާޝިޕަށް ނުނިންމި، އެންމެ ފަހުން މާދަމާއަށް ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދައެއް ނުކުރަން: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ