ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ހިދުމަތުގެ ތަފްސީލު ހާމަކޮށްފި އެވެ.
މި ހިދުމަތާއެކު އަމިއްލަ "އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު" -- އައިބީއޭއެން އެއް ހިމެނޭ އިންޓަނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން ބުނީ އިންޓަނޭޝަނަލް އެކައުންޓްގެ ހިދުމަތް ލިބޭނީ ޑޮލަރު، ޔޫރޯ އަދި ޕައުންޑް އިންނެވެ.
މިއީ ކަސްޓަމަރުންނަށް ތަފާތު ފައިސާއިން މުއާމަލާތް ކުރުމަށް ލިބޭ ބޮޑު ލުޔެއްކަން ފާހަގަކޮށް ބީއެމްއެލް އިން ބުނީ ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ "ސްވައިޕް" ވޮލެޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.
މިއީ ލިބޭ ފައިސާ އަވަހަށް އަދި ފަސޭހައިން ބޭނުންކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފާތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބައިނަލްއަގުވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށާއި މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.
"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ. މިއީ "ސްވައިޕް" އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" މުހައްމަދު ޝަރީފު ވިދާޅުވި އެވެ.
މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި "ސްވައިޕް" ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20،000 އަށްވުރެ މައްޗަށް އަރާފައިވާކަން ބީއެމްއެލް އިން ފާހަގަކުރެ އެވެ.
ފަސޭހަކަމާއެކު ފައިސާ ދެއްކޭ މި ހިދުމަތަށް ބީއެމްއެލްގެ ކަސްޓަމަރުންގެ ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށާއި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ހިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.
ސްވައިޕްގައި ހިމެނޭ އިންޓަނޭޝަލް އެކައުންޓް ހުޅުވޭ ގޮތާއި ބޭރުން ފައިސާ ގެނެވޭ ގޮތުގެ ތަފްސީލް ހާމަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ