އިންޑިއާގެ ކުށްކުރާ ގްރޫޕުތަކުގެ 24 މީހަކު އެމެރިކާ، ކެނެޑާ އަދި ޔޫރަޕުން ހައްޔަރުކޮށްފި

ރާވައިގެން ކުށްކުރާ އިންޑިއާގެ ތިން ގްރޫޕަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ 24 މީހަކު އެމެރިކާ، ކެނެޑާ އަދި ޔޫރަޕުން ހައްޔަރުކޮށްފި އެވެ. 
މި މީހުންގެ މައްޗަށް ގިނަ ކުށްތަކެއްގެ ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި 2023 ވަނަ އަހަރު ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ފައްޅިއެއްގެ ބޭރުގައި ސިކުންގެ ލީޑަރު ހަރުދީޕް ސިންގް ނިޖާރު މަރާލުމަށް ރޭވި ރޭވުން ވެސް ހިމެނެ އެވެ.
Enterprise Development Industrial Pvt Ltd
Enterprise Development Industrial Pvt Ltd
THE BAKERS PVT LTD
MGH Group of Companies
MGH Group of Companies
ލޮސް އެންޖެލިސްގެ ފެޑަރަލް ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި، މި ހައްޔަރުތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން މެރުމާއި، ފޭރުމާއި އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އިންޑިއާގެ ކުށްވެރި ގްރޫޕްތައް ހޯދުމަށް ފެޑަރަލް އިދާރާތަކުން ގިނަ އަހަރުތަކެއް ވަންދެން ހިންގި ތަހުގީގަކަށް ފަހު ކުރެވުނު ކަމެކެވެ.
އެމެރިކާގެ ފަސްޓް އެސިސްޓަންޓް އެޓާނީ ބިލް އެސައިލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބިރުވެރިކަމާއި މަސްތުވާތަކެއްޗާއި އަނިޔާވެރިކަން ފަތުރާ ބައިނަލްއަގުވާމީ ކުށްވެރި ގޭންގުތަކާ ދެކޮޅަށް ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެމެރިކާ ސަރުކާރުން އަޅާނެ ކަމަށެވެ.
އަދި މިފަދަ މުޖުރިމުންނަށް ރައްކާތެރިކަމެއް ލިބޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމުރުން 45 އަހަރުގެ ނިޖާރު މަރާލާފައިވަނީ މީގެ ތިން އަހަރު ކުރިން، ވެންކޫވާއާ 30 ކިލޯމީޓަރު އިރުމަތީގައި އޮންނަ ސަރޭ ސިޓީގެ ގުރޫ ނާނަކް ސިކް ގުރްދުވާރާ ފައްޅީގެ ކާރު ޕާކުކުރާ ސަރަހައްދުގައި އޭނާގެ ކާރުތެރޭގައި އިންދާ، މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ބަޑިޖަހައިގެންނެވެ.
ނިޖާރަކީ އިންޑިއާއިން ވަކިވެ ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތްކުރާ އިސް ލީޑަރެކެވެ. އޭނާ ބޭނުންވީ އިންޑިއާގެ ޕަންޖާބު ސަރަހައްދުގައި "ޚާލިސްތާން" ގެ ނަމުގައި ސިކުންގެ ވަކި ދައުލަތެއް އުފެއްދުމަށެވެ. 
ޕްރޮސެކިއުޓަރުން ވަނީ ޕަންޖާބަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ލޯރެންސް ބިޝްނޯއީ އާއި 32 އަހަރުގެ ސަތިންދަރުޖީތު "ގޯލްޑީ ބްރާ" ސިންގްގެ މައްޗަށް، ނިޖާރު މަރާލުމަށް އަމުރުކުރި ކަމުގެ ދައުވާ އުފުލާފަ އެވެ. ޕްރޮސެކިއުޓަރުންގެ ލިޔުންތަކުގައި ނިޖާރު ސިފަކޮށްފައިވަނީ "އެޗްއެސްއެން" ގެ ނަމުންނެވެ.
ބްރާ އަދިވެސް ފިލައިގެން އުޅޭއިރު، ބިޝްނޯއީ ހުރީ 2015 ވަނަ އަހަރުން ފެށިގެން ޖަލުގަ އެވެ.
މިދިޔަ އަހަރު ކެނެޑާ ސަރުކާރުން ވަނީ ބިޝްނޯއީ ގޭންގަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއާއެކު އެ ގައުމުގައި ހުރި އެ ގްރޫޕްގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރު ސަރުކާރަށް ވަނީ ލިބިފަ އެވެ.
މި މަރުގެ މައްސަލައިގައި 2024 ވަނަ އަހަރު އިންޑިއާގެ ހަތަރު މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ކެނެޑާ އާއި އިންޑިއާގެ ސިޔާސީ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މި ހަތަރު މީހުން މިހާރު ތިބީ ޝަރީއަތް ފެށެންދެން ބަންދުގަ އެވެ.
މީގެ އިތުރުން، ބިޝްނޯއީ ގޭންގުގެ މެންބަރުން ދީނީ އަދި ސިޔާސީ އިސް ބޭފުޅުންނަށް އަމާޒުކޮށް ހަމަލާދީ، އާންމުންގެ އަތުން ފައިސާ ފޭރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޕްރޮސެކިއުޓަރުން ތުހުމަތުކުރެ އެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި ބިޝްނޯއީ އާއި ބްރާ އަދި އެހެން ބައެއް މީހުން ވަނީ ކެލިފޯނިއާގައި މީހުންގެ އަތުން ފައިސާ ފޭރުމަށް މަސައްކަތްކޮށްފަ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު އަދި ޖެނުއަރީ މަހު އެކަކުގެ އަތުން 5 މިލިއަން ޑޮލަރު ހޯދުމަށް އެ މީހުން ޑިމާންޑްކުރި ކަމަށް ބުނެފައިވެ އެވެ.
މި ތަހުގީގުގެ ތެރެއިން ގާތްގަނޑަކަށް 1,000 ކިލޯގެ ކޮކެއިން އާއި، އެއް ކިލޯގެ ހެރޮއިންގެ އިތުރުން 40,000 ޑޮލަރުގެ ނަގުދު ފައިސާ އާއި 12 ބަޑި އަތުލައިގަނެފައިވާ ކަމަށް އަންގާރަ ދުވަހު ތަންފީޒީ އިދާރާތަކުން ހާމަކުރި އެވެ.
މި ބޮޑު ތަހުގީގުގައި އެފްބީއައި، ލޮސް އެންޖެލިސް ފުލުހުން، ރޯޔަލް ކެނޭޑިއަން މައުންޓަޑް ޕޮލިސް އަދި އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ އޮފިޝަލުން ވަނީ ބައިވެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ