ކަންގަނާގެ "ކުއީން 2"އާ ދެކޮޅަށް ދައުވާ ކޮށްފި

ބޮލީވުޑްގެ ތަރި ކަންގަނާ ރަނާވަތު ލީޑް ރޯލު ކުޅޭ "ކުއީން 2"އާ ދެކޮޅަށް، އެ ފިލްމުގެ ފުރަތަމަ ބައި އުފެއްދި ފެންޓަމް ސްޓޫޑިއޯސް އިން އިންޑިއާގެ ބޮމްބޭ ހައިކޯޓަށް މައްސަލައެއް ހުށަހަޅައި، 250 ކްރޯޑް ރުޕީސްގެ ބޮޑު ބަދަލެއް ހޯދުމަށް ދައުވާކޮށްފި އެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، އެ ދައުވާ ކޮށްފައި ވަނީ "ކުއީން 2" އުފައްދާ ޖިއޯސްޓާ އިންޑިއާ ޕްރައިވެޓް ލިމިޓެޑްއާ ދެކޮޅަށެވެ. ފެންޓަމް ސްޓޫޑިއޯސް އިން ތުހުމަތުކުރާ ގޮތުގައި އެ ސީކުއަލް އުފައްދަނީ އެ ސްޓޫޑިއޯގެ އެއްވެސް ހުއްދައެއް ނެތި އެވެ.
ފެންޓަމް ސްޓޫޑިއޯސް އިން ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ 2014 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ކުއީން" އުފެއްދިއިރު، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ކުރިމަގުގައި އެ ފިލްމުގެ އެއްވެސް ސީކުއެލްއެއް ނުވަތަ ޕްރީކުއެލްއެއް ހަދާ ނަމަ ދެ ފަރާތުގެ ދެމެދުގައި 50 ޕަސެންޓު ހިއްސާ އޮންނަން ޖެހޭނެ އެވެ. ނަމަވެސް، އެ ފިލްމު ހެދުމަށް އެ ސްޓޫޑިއޯ އިން އެއްވެސް ހުއްދައެއް ދީފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިކަމާ ބެހޭ ގޮތުން ޖިއޯސްޓާއާ ވާހަކަދައްކަން ފެންޓަމް އިން މަސައްކަތްކުރި ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާތީ، ކޯޓުން އެ ފިލްމު ރިލީޒްކުރުން ހުއްޓުވުމުގެ އަމުރަކަށް ވެސް އެދިފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ. 
މި ދައުވާއާ ގުޅިގެން ޖިއޯސްޓާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި ފިލްމަކީ "ކުއީން"ގެ ސީކުއެލްއެއް ނޫން ކަމަށާއި މިއީ މުޅިން އާ ވާހަކައެއްގެ މައްޗަށް އުފައްދާ މިނިވަން ފިލްމެއް ކަމަށެވެ. އަދި ކުރީގެ ފިލްމުގެ އެއްވެސް ކެރެކްޓާއަކާ ނުވަތަ ވާހަކައަކާ މި ފިލްމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ޖިއޯސްޓާ އިން ފާހަގަކުރި ގޮތުގައި، "ކުއީން"އަކީ އިނގިރޭސި ބަހުގެ އާންމު ލަފުޒަކަށް ވުމުން، އެއްވެސް ބަޔަކަށް އެ ނަމުގެ މިލްކުވެރިކަމަށް ދައުވާ ނުކުރެވޭނެ އެވެ.
ވިކާސް ބާލް ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު "ކުއީން"އަކީ އިންޑިއާގެ ގައުމީ އެވޯޑުގައި ވެސް އެންމެ މޮޅު ފިލްމު އަދި އެންމެ މޮޅު ބަތަލާގެ އެވޯޑް (ކަންގަނާ) ހޯދި ފިލްމެވެ. އެ ފިލްމުގައި ކަންގަނާގެ އިތުރުން ރާޖްކުމާރު ރާއޯ އާއި ލީސާ ހޭޑަން ވެސް މުހިންމު ރޯލުތައް ކުޅުނެވެ.
އެންމެ 20 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބޮކްސް އޮފީހުގައި 95 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.
"ކުއީން 2"ގެ ޝޫޓިން ނިމިއްޖެ ކަމަށް ކަންގަނާ މިހާރު އިއުލާންކޮށްފައި ވިޔަސް، ފިލްމުގައި ދެން ހިމެނޭ ތަރިންނާއި ރިލީޒްކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ