ކޮންމެ ދުލެއްގައި ރަސްކަންކުރަނީ "ބިޒީ" މި ލަފުޒެވެ.
އެކުވެ އުޅުމާއި އެކުވެރިވުމަކީ ހިތުގައި ނަފުރަތްތެރިކަން އޮވެގެން ވާނޭ ކަންކަމެއް ނޫނެވެ. ގޮވާ ހީސަމާސާކޮށް އުފާވެރި ހިނިތުންވުމަކާ އެކު ވާހަކަދެއްކޭނީ މުސްލިމެއްގެ ނަޒަރުން ތިބާގެ އަމިއްލަނަފުސާއި އަނެކާ މިންކޮށްގެންނެވެ. މުސްލިމެކޭ ބުނުމުން ދޭހަކޮށްދެނީ އެއްބަނޑުއެއްބަފާކަމެވެ. ލޭގެ ގުޅުމެއް ނެތަސް އީމާންކަމުގެ ގުޅުން އޮތުމެވެ. އޭގެ ނަތީޖާއަކީ ތިމާގެ އަމިއްލަ ނަފުސަށް އެދޭ ހުރިހާ ކަމެއް ތިބާގެ މުސްލިމު އަޚާއަށް ވެސް އެދެވުމެވެ. އެއްވެސް ގެއްލުމެއް ތިމާއަށް ލިބުން ނޭދޭފަދައިން އަނެއް މުސްލިމު އަޚާ ވެސް ގެއްލުންތަކުން ސަލާމަތްވެހުރުމަށް އެދެވޭ އެދުމެވެ. އިސްލާމީ އަޚުވަންތަ ގުޅުމުން ގުޅިފައިވާ ބަޔަކު ކަމުގައި އަދުގެ މުސްލިމުން ނުވަނީ ކީއްވެބާ؟ މި ސުވާލަށް އޮތީ ޤަބޫލުކޮށް ބަލައިގަންނަން ފަސޭހަ ޖަވާބެއް ނޫނެވެ. އެހަން އެކަން ވަނީ ނޭނގުމުގެތެރޭ ހެއްލި ގޮސް ގެއްލިފައި ތިބެވޭތީއެވެ. ހެއްލުނީ ދުނިޔޭގެ ޒީނަތްތެރިކަމަށެވެ. ގެއްލުނީ އާޚިރަތުގެ ނިސްބަތުން ކަންކަމާ މެދު ވިސްނުމުގެ ފަލްސަފާވެރިކަމެވެ. ޒީނަތްތެރި ދުނިޔޭގެ ކުލަތަކުން ތިމާ ނަލަވެ ތިމާގެ އަހުލުން ޖަރީކުރުމުގައި މުސްލިމު އަޚާގެ މަތިން ހަނދާން ނެތިވެއްޖެއެވެ. އެއްބަނޑުތިމާގެ މީހުންނާއި ދުރުތާތިމާގެ މީހުންގެ ޙާލުބަލާނޭ އަވައްޖެއް ނެތި، ފަނާވަނިވި ދުނިޔޭގެ މަޝްރޫޢުތަކައިގެން މަޝްޣޫލުވެ ނިމިއްޖެއެވެ. ކޮންމެ ދުލެއްގައި ރަސްކަންކުރަނީ "ބިޒީ" މި ލަފުޒެވެ. އަވަދިނެތި ހޭބޯނާރާ އުޅޭ އުޅުމުގައި ތިމާގެ އަމިއްލަނަފުސުގެ ޙައްޤުތަކަށް ވެސް އޮންނަނީ އިހުމާލުވެވިފައި ނޫންތޯއެވެ؟ ހަށިގަނޑަށް ބޭނުންވާ ކާނާ ކެއުމަށް ހަމަހިނމޭންވެ ނުތިބެވެއެވެ. އަވަސް ގޮތަކުން ލިބުނު އެއްޗެއް އަރުން އެތެރެކޮށްލައިގެން ދެން އޮތް ކަމަކާ ދިމާލަށް ދުއްވައިގަންނަނީއެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިދި ފުރިހަމަކުރެވޭކަށް ވެސް ނޯވެއެވެ. އަނެއްކާ އޮންނަނީ އަނެއް ކަމެއްގެ ވަގުތު ޖެހިފައެވެ. ތިމާގެ އަމިއްލަ ހަށިގަނޑަށާއި ނަފުސުގައި ވާ ބުއްދިއާ މެދު ވިސްނައިލާނޭ ފުރުޞަތު ނެތް މީހާއަށް އަނެކާއާ މެދު ވިސްނާނޭ އަވައްޖެއް ވާނެބާއެވެ؟ ކޮންމެ ފަރުދަކު އޭނާ ފަދަ އަނެއް އިންސާނާއާ މެދު ވިސްނާ ޚިޔާލުކޮށްލައިފި ނަމަ ވަރަށް ބޮޑު އަސަރެއް ހިތަށް ކުރާނެއެވެ. އަނެކާގެ ޙަޔާތާ މެދު ވިސްނައި ފިކުރު ހިންގޭނެއެވެ. ނިކަމެތިކަމާ ދަތި ޙާލުގައި އުޅެމުންދާ ބަޔަކު ވެސް އުޅޭ ކަމުގެ އިޙުސާސްކުރެވޭނެއެވެ. ޙަޤީޤީ މުސްލިމަކަށް އޭނާގެ އަނެއް މުސްލިމް އަޚާ ނިކަމެތިކަމުގެ ތެރެއަށް ދޫކޮށްފައި ބަހައްޓާކަށް ނުކެރޭނެއެވެ. ދެވެން އޮތް އެހީއެއް ދީ، ވެވެންއޮތް ކަމެއް ކޮށްދޭނެއެވެ. އެކުވެރިކަމަކީ ފަރުދުންގެ ހިތްތަކުގައި އުފެދޭ އިޖްތިމާޢީ ޝުޢޫރެކެވެ. ކޮންމެ އަފުރާދެއްގެ ހިތުގައި އަނެކުންގެ ޙާލަތަށް ބަލައި މުޖުތަމަޢުގައި އޭނާ ބާކީ ނުކުރުމުގެ އިޙުސާސެއް އުފައްދަން ޖެހެއެވެ. އަބަދު "ބިޒީ" ވެގެން ހޭބޯނާރާ އުޅޭކަށް ނުވާނެއެވެ. އަމިއްލަ ނަފުސަށާއި އެހެން މީހުންނާ އެކުވެ އުޅެންވާނެއެވެ. މުސްލިމުންނަކީ އެއީއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ