އެސްއެމްއީ ޑިޖިޓަލްއަށް ހޭލުންތެރިކުރުމަށް ބްރޭންޑް ކެމްޕެއިނެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި އެސްއެމްއީ ޑިޖިޓަލްއިން އަދާކުރާ ދައުރަށް ހޭލުންތެރިކަން އިތުރުކުރުމަށް އެސްއެމްއީ 360 (ތްރީ ސިކްސްޓީ)ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.މި ކެމްޕެއިން އިފްތިތާޙް ކޮށްފައިވަނީ، އައްޑޫގައި މިހާރު ކުރިއަށްދާ އައްޑޫ ބިޒްނަސް ޑައިލޮގްގެ ތެރެއިންނެވެ. މި ކެމްޕޭނާ ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ޙަސަން ވިދާޅުވީ މިއީ އެސްއެމްއީ ޑިޖިޓަލްއިން ކުރަމުން އަންނަ މަސައްކަތްތަކަށް އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ. އެގޮތުން ކެމްޕޭންގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކާއި، މިހާރު ހިންގަމުން އަންނަ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީ އަދި މާލީ އެހީދެވޭނެ ގޮތްތަކެއް ކިޔައިދެނޭ ކަމަށް ވިދާޅުވި އެވެ.މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ މާލީ އެކި ޙައްލުތަކުގެ މައުލޫމާތު ކިޔައިދީ، ވިޔަފާރިތަކަށް އެންމެ އެކަށޭނަ ސްކީމްތަކާއި ގުޅޭ މައުލޫމާތު ކިޔައިދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.މި ވޯކްޝޮޕްތަކުގެ ޒަރީއާއިން ވިޔަފާރިވެރިންނަށް މުހިންމު މައުލޫމާތުތައް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދާނެއެވެ.މި ކެމްޕެއިންގެ ތެރޭގައި، ކުދި ވިޔަފާރިތަކުގެ ތަޖުރިބާތައް ހިއްސާކުރުމަށް ހާއްސަ ޕޮޑްކާސްޓް ސިލްސިލާއެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައިއެވެ.މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއިން ގުޅިގެން އައްޑޫ ސިޓީގައި މިހާރު ކުރިއަށް ގެންދާ މި ފޯރަމްގައި އެސްއެމްއީ ޑިޖިޓަލް އިން ވަނީ ބައިވެރިވެ ކުދި ވިޔަފާރިތަކުގެ ކުރިއެރުމާއި ގުޅުންހުރި މުހިންމު މަޝްވަރާތަކުގައި ބައިވެރިވެފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ