ޝަރުއީ ދާއިރާގެ ތަސައްވުރު ރަނގަޅުކުރަން މަސައްކަތް ކޮށްދެއްވާ: އުއްތަމަ ފަނޑިޔާރު

ކޯޓުތަކާއި ޝަރުއީ ދާއިރާގެ ހިދުމަތަށް އެދޭ ފަރާތްތަކާއި މުވާސާލާތުކޮށް، ޝަކުވާތައް މަދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޝަރުއީދާއިރާގެ ތަސައްވުރު ރަނގަޅުކުރަން މަސައްކަތް ކޮށްދޭން އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެކްޓިވިޓީ ކަލަންޑަރު 2016 އެމަނިކުފާނާ ހިއްސާ ކުރަން ސުޕްރީމް ކޯޓްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް މިހާރަށް ވުރެ ހަލުއިކުރަން ޖެހޭ ކަމަށާއި ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން ތަފާތު ފެންވަރުގައި ކޯޓުތަކާއި ޝަރުއީދާއިރާގެ ހިދުމަތަށް އެދޭ ފަރާތްތަކާއި މުވާސާލާތު ކުރަންޖެހޭ ކަމަށެވެ.
އަދި ޝަކުވާތައް މަދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ޝަރުއީދާއިރާގެ ތަސައްވުރު މިހާރަށްވުރެ ރަނގަޅުކުރަން މަސައްކަތް ކޮށްދޭ އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ޝަރުއީދާއިރާގެ ތަފާސްހިސާބަކީ ޝަރުއީދާއިރާގެ މަސައްކަތް ރައްޔިތުންނަށާއި ގައުމީ ތަރައްގީގެ ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް ބޭނުންވާ މުހިންމު ޑޭޓާއެއް ކަމަށާއި އަދި އެއީ ހާމަކަން ބޮޑު ގޮތެއްގައި ޝަރުއީ ދާއިރާގެ މަސައްކަތް ދައްކައިދޭ ހަމައެކަނި ވަސީލަތް ކަމަށެވެ. އަންނަ އަހަރުން ފެށިގެން ތަފާސްހިސާބު ކޮންމެ ހަފްތާއަކު އެއްކޮށް ކޯޓުތަކުގެ މަސައްކަތް ކުރިއަށްދާ މިންވަރު ހާމަކޮށް ތަފާސްހިސާބު ހާމަ ކުރަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ގިނަ ކަންތައްތަކެއްގެ މައްޗަށް އެމަނިކުފާނު ބައްލަލަވައިލެއްވި އިރު ބައެއް ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާވެސް ކުރެއްވި އެވެ. އެގޮތުން އަދި ހައިކޯޓުގެ ދެކުނު ގޮފި (ސ.ހުޅުދޫ-މީދޫ) ގެ އިދާރީ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ކޯޓުތަކުގެ ކޭސްމެނޭޖްމަންޓް ހަރުދަނާކުރުމަށް 2016 ވަނަ އަހަރު އަޅަންޖެހޭ ފިޔަވަޅުތަކަށް އިޝާާރާތް ކުރައްވައި މައުލޫމާތު ދެއްވުމުގެ އިތުރުން ކޭސް ކްލިއަރެންސް ރޭޓާއި، ޝަރުއީ ވަފުދުތަކުގެ މަސައްކަތް ކުރިއަށްދާގޮތާއި އަދި ޝަރުއީ ވަފުދުގެ މަސައްކަތަށް ދިމާވާ ގޮންޖެހުންތައް ސާފު ކުރެއްވި އެވެ.
ޝަރުއީދާއިރާގެ ޖުޑީޝަލް ސްޓްރެޓެޖިކް ޕްލޭންގެ މުއްދަތު 2015 އަށް ހަމަވެފައިވާތީ އެ ޕްލޭނުގެ މަގްސަދު ހާސިލްވި މިންވަރާ ބެހޭގޮތުން ރިޕޯޓެއް ތައްޔާރު ކޮށް ދެއްވުމަށް އުއްތަމަ ފަނޑިޔާރު އިދެ ވަޑައިގެންނެވި އިރު 2016 އާއި 2017 ގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނަން ޖެހޭ ކަންތައްތައްވެސް ފާހަގަކޮށް ދެއްވައި ޝަރުޢީދާއިރާގެ 2014 ވަނަ އަހަރުގެ ސްޓެޓިސްޓިކްސް ޝާޢިއުކުރުން ލަސްވެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
2016 ވަނަ އަހަރުން ފެށިގެން ޝަރުއީ ދާއިރާގެ ހިއުމަން ރިސޯސް އާއި އިދާރީ މަސައްކަތާއި އިދާރީ ހިންގުމާއި ވަސީލަތްތަކާބެހޭ ސްޓެޓިސްޓިކްސްގެ ވަކި ވޮލިއުމްއެއްގައި ޝާއިއު ކުރަން އެދި ވަޑައިގެން ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްޗަށް ވެސް އަލި އަޅުވައިލެއްވި އެވެ.
އެގޮތުން 2016 ވަނަ އަހަރު ފެމިލީ ކޯޓަށް އިތުރު ޖާގަ ހޯދައި ދިނުމަށާއި، ސިވިލް ކޯޓުގެ މަސައްކަތް އަވަސްކުރަން އެ ކޯޓަށް އިތުރު ކޮށްދީފައިވާ މަދަނީ ވެހީގެ މަސައްކަތް އަވަސް ކުރަން އެދިވަޑައިގަތެވެ. އަދި ހުޅުމާލޭ ކޯޓަކީވެސް ގިނަ މައްސަލަތަކެއް ހުށަހެޅޭ ކޯޓެއްކަމުން އެކޯޓަށް މިހާރަށް ވުރެން ތަނަވަސް ޖާގަ ހޯދައިދިނުމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު މަޝްވަރާކޮށް ބިމެއް ހޯދުމުގެ މަސައްކަތް އަވަސް ކުރަން އެދި ވަޑައިގެންނެވެ.
އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެކްޓިވިޓީ ކަލަންޑަރު އުއްތަމަ ފަނޑިޔާރާ ހިއްސާ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ