ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ހޯދާ މީހާ ކޮލަމާފުށިން ހައްޔަރުކޮށްފި

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ މުހައްމަދު ބިޝާރު އިސްމާއީލް (41އ) ހައްޔަރުކޮށްފި އެވެ. 
ވީ ކިހިނެއް؟ - ޝަރީއަތް ނިމެންދެން ބަންދުކުރުމަށްޓަކައި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ ޑިސެމްބަރު މަހު އެވެ. ނަމަވެސް އެ މަސައްކަތުން އޭނާ ނުފެނިގެން، މިއަދު ވަނީ ފޮޓޯ އާންމުކޮށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ.
ތަފްސީލް - ފޮޓޯ އާންމުކުރިތާ މާ ގިނައިރުތަކެއް ނުވެ، ފުލުހުން މިއަދު ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ ބިޝާރު ހައްޔަރުކޮށްފައިވަނީ މިއަދު 3:33 ހާއިރު ގއ. ކޮލަމާފުށިން ކަމަށެވެ.
އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށް ތަރުޖަމާނަކު ވިދާޅުވި އެވެ.
ބިޝާރަކީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން 19 ޖެނުއަރީ 2020ގައި ހައްޔަރުކުރި މީހެކެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ސައުތު ޕޮލިސް ރީޖަން (ގއ.، ގދ.، ޏ. އަދި ސ.) ގައި ހިމެނޭ ރަށެއްގެ ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި އެވެ. އޭގެ ފަހުން:
އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓަށް ބަދަލުކުރުމުން، 26 މެއި 2021ގައި ކްރިމިނަލް ކޯޓުން ވެސް ވަނީ ބިޝާރުއާ މެދު ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި 
ބިޝާރުގެ ފަރާތުން ބަންދު މުރާޖާކޮށްދިނުމަށް ކޯޓުގައި އެދުމުން، ޝަރުތުތަކާ އެކު އޭނާ ދޫކޮށްލި  
ބިޝާރު ދޫކޮށްލުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 23 ޑިސެމްބަރު 2021ގައި ހައި ކޯޓުން ވަނީ ޝަރީއަތުން ގޮތެއް ނިންމަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުނުވެ ދެމި އޮތް ކަމަށް ހުކުމްކޮށްފައި
އެނގުން މުހިންމު - ބިޝާރަކީ މީގެ ކުރިން ވެސް ޖިނާއީ ބޮޑެތި ކުށްތަކެއްގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ މީހެކެވެ. އެގޮތުން:
ކެނަބިސް ޓްރެފިކް ކުރި މައްސަލައެއް ސާބިތުވެ 29 ޖޫން 2016ގައި 100،000ރ.އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރި  
އެ މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނެގުމަށް ވެސް ހުކުމް ކުރި 
ނަމަވެސް އެ މައްސަލައިގައި އޭނާ އާއި އެހެން މީހެއްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން ވަނީ 2018ގައި ބާތިލް ކޮށްފައި؛ އަދި ދައުލަތަށް ނެގި ފައިސާ ވެސް އަނބުރާ ދޭން އެންގި
އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެއް ވެސް އުފުލާފައިވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ