ސަރުކާރުން ގޯސް ނިޔަތުގައި ކަމެއް ނުކުރާނެކަން ރައްޔިތުން ގަބޫލުކުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގޯސް ނިޔަތުގައި ކަމެއް ނުކުރާނެކަން ރައްޔިތުން ގަބޫލުކުރާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.
އިންތިހާބުތަކާބެހޭ އާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އަލީ ރިޒާ ވިދާޅުވީ މި އިސްލާހު ހުށަހަޅަންޖެހުނީ މިހާރު ގާނޫނުއޮތްގޮތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ.
އަލީ ރިޒާ ވިދާޅުވީ ސާފުނިޔަތެއްގައި ކަމެއްކުރާތަން ފެންނަނީ މިސަރުކާރުން އެކަނި ކަމަށާއި އެކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުން އެބަ ގަބޫލުކުރޭ، ހަމަ ރީތިކޮށް ސާފުކޮށް ގަބޫލުކުރޭ މިސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ގޯސް ނިޔަތެއް ނޯންނާނެކަން، ނުބައި ނިޔަތެއް ނޯންނާނެކަން." އަލީ ރިޒާ ވިދާޅުވިއެވެ.
އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ކަންކަން ކުރާކަމަށް ބުނެ ބައެއް މެންބަރުން ވާހަކަ ދައްކަވާކަން ފާހަގަކޮށް އަލީ ރިޒާ ވިދާޅުވީ އިންތިހަބާ ދިމާނުވާގޮތަށް ކަމެއް ކުރަންވެއްޖެނަމަ ޖެހޭނީ މަގާމުގެ ހުވާ ކުރާގޮތަށް އެއްވެސް ކަމެއް ނުކޮށް ހުންނަން ކަމަށެވެ.
މީގެއިތުރުން އަލީ ރިޒާ ވިދާޅުވީ މިސަރުކާރުން ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ސަރުކާރު ޕްރޮމޯޓް ނުކުރާ ކަމަށާއި ދައުލަތުގެ މީޑިއާ ހިންގަނީ ވަރަށް ހަމަހަމަކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ