ކަށު ނަމާދުގައި ސަލާމް ދޭން ޖެހޭނީ ހަމައެކަނި ކަނާތްފަރާތަށްތޯ ނުވަތަ ދެފަރާތަށްތޯ؟

ކަށު ނަމާދުގައި ސަލާމް ދޭން ޖެހޭނީ ހަމައެކަނި ކަނާތްފަރާތަށްތޯ ނުވަތަ ދެފަރާތަށްތޯ، މި މައްސަލާގައި ޢިލްމުވެރިންގެ ރައުޔު ތަފާތެވެ. ތިރީގައި މިވަނީ ޢިލްމުވެރިންގެ ރައުޔުތަކާއި ދަލީލުތަކެވެ.
1.  ޝާފިޢީ، ޙަނަފީ، ޙަންބަލީ އަދި އިމާމް އަލްބާނިގެ މަޛްހަބުގައި ކަށުނަމާދުގައިވެސް ދެފަރާތަށް ސަލާމްދޭން ޖެހެއެވެ. އިމާމް ނަވަވީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. 
(إِنَّ أَمِيرًا كَانَ بِمَكَّة يُسَلِّم تَسْلِيمَتَيْنِ فَقَالَ عَبْد اللَّه : أَنَّى عَلِقَهَا إِنَّ رَسُول اللَّه صلى الله عليه وسلم كَانَ يَفْعَلهُ) މާނައަކީ: "މައްކާގައި އުޅުއްވި އަމީރަކު ކަށުނަމާދުގައި ދެފަރާތަށް ސަލާމްދެއްވާ އުޅުއްވިއެވެ. އެހިނދު ޢަބްދުﷲ ސުވާލު ކުރެއްވިއެވެ. "ތިޔައީ ކޮންތަނަކުން ހޯދި ސުންނަތެއްތޯއެވެ؟" ވިދާޅުވިއެވެ. "މިގޮތަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަމަލު ކުރެއްވެވިއެވެ." 
وَعَنْ سَعْد رَضِيَ اللَّه عَنْهُ قَالَ : ( كُنْت أَرَى رَسُول اللَّه صلى الله عليه وسلم يُسَلِّم عَنْ يَمِينه وَعَنْ يَسَاره حَتَّى أَرَى بَيَاض خَدّه )
މާނައަކީ: މާތް ﷲ ރުއްސުންލެއްވި ސަޢްދުގެ ކިބައިން ރިވާވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަނާތްފަރާތަށާއި ވައަތް ފަރާތަށް ސަލާމް ދެއްވާތީ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ.  އެކަލޭގެފާނުގެ ކަރުފުޅުގެ ހުދުކަން ފެންނަ ވަރަށް ކަރު އަނބުރާލައްވައެވެ." 
قال ابن مسعود ( ثلاث خلال كان رسول الله صلى الله عليه وسلم يفعلهن تركهن الناس ، إحداهن التسليم على الجنازة مثل التسليم في الصلاة ) أخرجه البيهقي وجوده النووي وحسنه الألباني
މާނައަކީ: އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫކޮށްނުލައްވާ ތިންކަމެއް މީސްތަކުންވަނީ ދޫކޮށްލާފައެވެ. އޭގެތެރެއިން އެއްކަމަކީ އެހެން ނަމާދުތަކުގައި ސަލާމްދޭ ފަދައިން ޖަނާޒާ ނަމާދުގައި ވެސް ސަލާމްދިނުމެވެ." 
2.  އިމާމް މާލިކްގެ މަޛްހަބު: ކަށު ނަމާދުގައި ސަލާމްދޭން ޖެހޭނީ ހަމައެކަނި ކަނާތް ފަރާތަށެވެ. ދަލީލަކީ: قال أبو هريرة رضي الله عنه ( صلى رسول الله صلى الله عليه وسلم على جنازة فكبر عليها أربعاً وسلم تسليمة واحدة) أخرجه الحاكم وحسنه الألباني
3.    މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަނާޒާ އަކަށް ނަމާދު ކުރެއްވިއެވެ. އަދި އެނަމާދުގައި ހަތަރު ތަކްބީރު ވިދާޅުވިއެވެ. އަދި ސަލާމް ދެއްވީ އެންމެ ފަހަރަކުއެވެ." 
ރާޖިޙް ގޮތް: މި މައްސަލާގައި ރާޖިޙް ގޮތަކީ ދެ ސަލާމް ދިނުމެވެ. އެހެނީ، އެއް ސަލާމް ދިނުމަށް އައިސްފައިވާ ޙަދީޘް ތަކަކީ ޟަޢީފް ހަދީޘް ތަކަކަށްވާތީވެއެވެ. އަދި އެއިން ޙަދީޘެއް ޞައްޙަ ކަމުގައިވީނަމަވެސް، އޭގެ މާނައަކީ އެއް ފަހަރު ސަލާމް ދެއްވައި ފުއްދަވައިލެއްވީ އެގޮތަކިވެސް ހުއްދަގޮތެއްކަން އުއްމަތަށް ދަސްކޮށްދެއްވުމުގެ ގޮތުން ކަމެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގުވެލައްވާ ގޮތުގައި ވާޖިބުވެގެންވަނީ އެންމެ ފަހަރަކު ސަލާމްދިނުމެވެ. ދެވަނަ ސަލާމް ދިނުމަކީ ސުންނަތެކެވެ. والله أعلم 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ